Thursday, November 26, 2009

ޖަނަވާރުން އެއްޖިންސުގެ ގުޅުން ހިންގާ


އަދާލަތު ޕާޓީގެ ރައީސް ހުސެން ރަޝީދު އަހުމަދު އިސްލާމީ މަރުކަޒުގައި ދިން ދަރުސެއްގައި ބުންޏެވެ:
"ތިބޭފުޅުންނަށް އަޑެއްނީވޭނެ މިވެނި ވައްތަރެއްގެ ހައިވާނެއް އެއްޗެހީގެ އެއްޖިންސީ ގުޅުން އެއްޖިންސާހިންގި ވާހަކައެއް. ނީވޭނެ. ތާރީހަކުންވެސް ނުދެކޭނެ. ކީއްވެގެންތޯ؟ އެތަކެތީގެ ތަބީއަތުގައި ނެތް ލައްވާފަ. ބުއްދިނެތްއިރުގައިވެސް.""

 ޖަނަވާރުން އެއްޖިންސުގެ ގުޅުން ހިންގާ ކަމަށް ސައިސްވެރިން ވަނީ ހޯދާފައެވެ. އަދި ކިއެއްތަ، ޖިންސީ ގުޅުން ހިންގުމުގެ އިތުރަށް އެއްޖިންސުގެ ބައިވެރިން ހޯދާ، ލޯތްބާއި އަޅާލުމާއެކު ޖޯޑުހަދާ؛ އެ ސޮރުމެންގެ ޅައެއްޗެއްސަށް ދެޖިންސުގެ ބެލެނިވެރިން ފަދައިން އަޅާލައި ކާންދީ ބޮޑުކުރާކަމަށްވެސް ވަނީ ހޯދިފައެވެ. މިފަދަ ގުޅުންތައް 1500 ވައްތަރުގެ ޖަނަވާރުން ވަނީ ފެނިފައެވެ
.
މި ލިސްޓުގައި އެތް؛ ސާރިދޯޅި؛ މީދާ؛ ބުޅާ؛ ކުއްތާ؛ ކުކުޅު؛ ބޮއް؛ ޕެންގުއިން؛ ބައެއް ވައްތަރުގެ މަސްމަހާމެހި؛ ހަރުފަ؛ ބޮނޑު އަދި ތަފާތު ފނިފަކުސަ ހިމެނެއެވެ. ދިވެހި ބަހުން އެއްޖިންސުގެ ގުޅުމަށް "މަކުނު ކުޅި"އޭ ކިޔަނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ

ވީމާ މިކަމަކީ ޖަނަވާރުންގެ ތަބީއަތުގައި ނެތް ކަމެކޭ ބުނެވޭކަށް ނެތެވެ. އިންސާނުންނަކީ ވެސް ޖަނަވާރުންކަމަށް ވުމުން، ބައެއް އިންސާނުންގެ ތަބީއަތުގައިވެސް މިކަން ހުރެއެވެ..
އިތުރު މައުލޫމާތު:
http://en.wikipedia.org/wiki/List_of_animals_displaying_homosexual_behavior

http://news.bbc.co.uk/2/hi/6066606.stm

Thursday, November 19, 2009

އެއްޖިންސުގެ ގުޅުން ހުއްދަކުރުމަށް އެދި މިނިވަން ނޫހަށް ކިޔުންތެރިޔަކު ފޮނުވި ސިޓީ

އެޑިޓަރަށް:

އަޅުގަނޑުމެން ގަބޫލްކުރަން ބޭނުންވިޔަސް ނުވިޔަސް، ދިވެހި ރާއްޖޭގައިވެސް އެއްޖިންސީ އެދުންވެރިކަން ހުންނަ ވަރަށް  ގިނަ  މީހުން އެބައުޅެއެވެ. އެއްޖިންސީ އެދުންވެރިކަމަކީ އިޚްތިޔާރުގައި ވާކަމެއް ނޫނެވެ. އެއީ އުފަންވާއިރުވެސް އެމީހަކަށް ލިބިފައިވާ ކަމެކެވެ. ކޮންމެ މީހަކަށްވެސް އެއްޖިންސީ އެދުން ހުންނަ ދަރިއެއް ލިބުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް އެފަދަ ކުދިންވަނީ އާއިލާގެ ލަދުވެތިކަމަކަށެވެ. އަދި އެކުދިންގެ އެދުންތައް ސިއްރުކުރަން އެކުދިންނަށް މަޖުބޫރުވެއެވެ. އަކަމަކު އަޅުގަނޑުމެން ވިސްނަންވީކަމަކީ؛ މިފަދައިން އަމަލުކުރުމުން އަޅުގަނޑުމެންނަށް އޭނާގެ ހައްގުތައް، ނޭނގި ނަމަވެސް އަޅުގަނޑުމެންނަށް ނިގުޅައިގަނެވޭ ކަމެވެ. އޭނާ މިނިވަންކަމާއެކު ދިރިއުޅުމުގެ އަސާސީ ހައްގާ، އާއިލާއާއި މުޖުތަމައު އޭނާ ގަބޫލްކޮށް ބަލައިގަތުމާއި، އޭނާގެ ބައިވެރިއެއް އިޚްތިޔާރުކުރުމެ ހައްގާ، ލޯބިވުމުގެ ހައްގު އަޅުގަނޑުމެންނަށް ނަގާލެވެއެވެ.

އަޅުގަނޑަށް ހީވާ ގޮތުން އެއްޖިންސީއެދުން ހުންނަ މީހުންގެ ހައްގުތަކާ މެދު ދިވެހި ސަރުކާރުން ވިސްނަން ޖެހޭ ވަގުތު އައިސްފިއެވެ. އަޅާނުލާތިބުމަކުން މިފަދަ މީހުން ގެއްލިގެން ނުދާނެއެވެ. އަދި އިދިކޮޅު ޖިންސަށް އެދުންވެރިވާ ބަޔަކަށް ބަދަލެއްވެސް ނުވާނެއްއެވެ. މިއީ އެމީހުން އުފަންވި ގޮތެވެ. އަދި އެމީހުން ތިބޭނެވެސް ގޮތެވެ. އަދި އަބަދުވެސް މިދިވެހި ބިމަށް އެފަދަ ކުދިން އުފަންވާނެއެވެ.

 (ސިގްމަންޑް ފްރޮއިޑް ވިދާޅުވަނީ:) "އެއްޖިންސީ އެދުންވެރިކަމަކީ ގެއްލުންހުރި ކަމެއް ނޫނެވެ. އަދި ލަދުގަންނަން ޖެހޭ ކަމެއްވެސް ނޫނެވެ. އެއީ ނުބައިކަމެއް ނޫނެވެ. ދެރަކަމެއް ނޫނެވެ. އަދި ބައްޔެއްވެސް ނޫނެވެ. އެއީ ޖިންސީ އެދުން ތަރައްގީވުން ހުއްޓުމުގެ ސަބަބުން އުފެދޭ ކަމެކެވެ. އިހުޒަމާނާއި މިޒަމާނުގެވެސް ވަރަށް ގިން ގަދަރުވެރި ބޭފުޅުންނަކީ އެއްޖިންސީ އެދުން ހުރި ބޭފުޅުންނެވެ. (ޕްލޭޓޯ، މައިކަލްއެންޖެލޯ، ލިއޮނާޑޯ ޑާވިންޗީ؛ އެލެކްޒެންޑާ ދަ ގްރޭޓް..) މިކަން ކުށަކަށް ހެދުމަކީ ބޭއިންސާފެކެވެ. އަދި އަނިޔާވެރިކަމެކެވެ."

Thursday, October 8, 2009

ދިވެހި ރާއްޖޭގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މިހުންނަށް ދެވޭ އަދަބު

ބަދުއަހުލާގީ ކުށާއި ޒިނޭގެ ކުށުގެ އަދަބުގެ ގަވާއިދުގެ 8 ވަނަ މާއްދާ:
8. އެއް ޖިންސުގެ މީހުން ޖިންސީ ގުޅުން ހިންގުން
(ހ) (1) އެއް ޖިންސުން ޖިންސީ ގުޅުން ހިންގައިފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ރިޢާޔަތް ކޮށް، 19 ފަހަރާއި، 39 ފަހަރާއި ދެމެދުގެ އަދަދަކަށް ތައުޒީރު ކުރުމާއި އެކު، އެމީހަކު 1 އަހަރާއި، 3 އަހަރާއި ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށް ލުމެވެ.
(2) އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަށް އެހީތެރިވިދީފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ރިޢާޔަތް ކޮށް، އެމީހަކު 6 މަސް ދުވަހާއި 18 މަސް ދުވަހާއި ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށް ލުމެވެ.

(ށ) (1) އުމުރުން 16 އަހަރު ފުރިފައިނުވާ ކުއްޖަކާއި މެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގައިފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ރިޢާޔަތް ކޮށް، 19 ފަހަރާއި، 39 ފަހަރާއި ދެމެދުގެ އަދަދަކަށް ތައުޒީރު ކުރުމާއި އެކު، އެމީހަކު 3 އަހަރާއި، 6 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
(2) އުމުރުން 16 އަހަރު ފުރިފައިނުވާ ކުއްޖަކާއި މެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަށް އެހީތެރިވިދީފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ރިޢާޔަތް ކޮށް، އެމީހަކު 1 އަހަރާއި 3 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

(ނ) (1) އުމުރުން 16 އަހަރު ފުރިފައިވާ ކުއްޖަކާމެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގައިފި މީހެއްގެ އަދަބަކީ 19 ފަހަރާއި، 39 ފަހަރާއި ދެމެދުގެ އަދަދަކުން ތައުޒީރު ކުރުމާއެކު، ކަމުގެ ކުޑަ ބޮޑު މިނަށް ރިއާޔަތްކޮށް، އެމީހަކު 2 އަހަރާއި، 6 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. 
(2) އުމުރުން 16 އަހަރު ފުރިފައިވާ ކުއްޖަކާ މެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަށް އެހީތެރިވި ދީފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަ ބޮޑު މިނަށް ރިއާޔަތްކޮށް އެމީހަކު 1 އަހަރާއި 2 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

http://www.judiciary.gov.mv/Admin/Regulations/regulationonsexualoffences.pdf

Monday, October 5, 2009

ކުއްޖަކު އެބަ އަޑުއަހައެވެ.

އެއް ޖިންސީ ގުޅުން ހިންގުމަކީ ފާފައެކެވެ. އެ އަމަލު ކުރާ މީހުން ނަރަކައިގައި ދާއިމަށް ދެމިތިބޭނެއެވެ. އެމީހުންގެ އެ ނުބައި ގޮތްތަކުން ބަދަލު ވާން ބޭނުންވެއްޖެ ނަމަ އެމީހުންނަށް ބަދަލު ވެވިދާނެއެވެ. ވަސްވާސްތަކުން ދުރުވެއްޖެ ނަމަ އާދައިގެ މީހުން ފަދައިން އެމީހުން ވެދާނެއެވެ. އެކަމަށް އެމީހުން މަސައްކަތްކުރާނަމަތާ އެވެ. ނާކާމިޔާބު ވިޔަސް އަނެއްކާވެސް ގަދައަޅާ މަސައްކަތްކުރާނަމަ ތާ އެވެ.
މީ ހުރިހާ ވާހަކައަކީ އަޅުގަނޑުގެ ދަރިފުޅު ބޮބީ އަކީ އެއްޖިންސީ އެދުންވެރިކަން ހުންނަ ކުއްޖެއްކަން އަޅުގަނޑަށް އެނގުމުން، އޭނަ ގާތު އަޅުގަނޑު ބުނ ވާހަކަތަކެވެ. އޭނަޔަކީ އެއްޖިންސީ އެދުން ހުންނަ ކުއްޖެކޭ އަޅުގަނޑު ގާތު ބުނުމުން އަޅުގަނޑުގެ ހަތަރު އުދަރެސް ފެނު ޖެހުނެވެ. އޭނަގެ އެ ބަލި ރަގަޅު ކުރުމަށް އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ކުރީމެވެ. 

މީގެ އަށް މަސް ކުރިން، އަޅުގަނޑުގެ ދަރިފުޅު ފާލަމެއް މަތިން ފުއްމާލައި އަމިއްލައަށް މަރުވިއެވެ.

އެއްޖިންސީއެދުންވެރިކަން ހުންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އޭރު އަޅުގަނޑަށް ނޭގުނީތީ މިހާރު ވަރަށް ހިތާމަކުރަމެވެ. އަޅުގަނޑަށް އުނގަންނާދީފައި އަދި ބުނެދީފައިވާހާ އެއްޗަކީވެސް ތައައްސުބުން ފުރިގެންވާ ނަފްރަތާ، މީހެއްގެ އިންސާނިއްޔަތު ކަނޑުވާލާ ފަދަ ދޮގު ތަކެކެވެ. އަޅުގަނޑަށް ކިޔާދީފއަވާ އެއްޗެހީގެ އިތުރަށް މައުލޫމާތު ހޯދުނުނަމަ؛ އަޅުގަނޑުގެ ދަރިފުޅު އޭނާގެ ޝުއޫރުތައް ހިތުގެ އަޑިން ކިޔައިދިން އިރު އަޑުއެހުނު ނަމަ؛ މިއަދު މިތާ ތިބޭފުޅުން ކުރިމަތީ ހިތާމައިން ފުރިގެންވާ ހާލު އަޅުގަނޑު ހުންނާކަށް ނުޖެހުނީހެވެ.

ައަޅުގަނޑު ގަބޫލުކުރާ ގޮތުގާ ބޮބީގެ ހިތްހެޔޮ އަދި އޯގާތެރި ނަފްސާމެދު އައްލޯހު ރުހިވޮޑިގެން ވެއެވެ. އައްލޯހުގެ ނަޒަރުގައި މުހިއްމީ ހިތްހެޔޮކަމާ އޯގާތެރިކަމެވެ. އެއްޖިންސީ އެދުންވެރިކަން ހުންނަ މީހުންނަށް ދާއިމީ އަޒާބަށް އެދި އަޅުގަނޑު ދުއާ ކުރި ކޮންމެ ފަހަރަކު؛ ނޫނީ ބޮބީ އަކީ ބަލި ކުއްޖެކޭ؛ ނުވަތަ ފާހިޝް ކުއްޖެކޭ؛ ނުވަތަ ކުޑަކުދިންނަށް ހުރި ގެއްލުމެކޭ އަޅުގަނޑަށް ބުނެވުނު ކޮންމެ ފަހަރަކު، އޭނާ ގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ލޯބި ކުޑަވެނެތިގެން ދާނެ ކަމަށް އަޅުގަނޑު ހީ އެއް ނުކުރަމެވެ. އެންމެފަހުން އޭނާއަށް ކެތްނުވާ ހިސާބަށް ކަންތައް ދިޔައެވެ. ފާލަމެއް މަތިން ފުއްމާލައި ބޮޑު ޓްރަކެއްގެ ކުރިމައްޗަށް ބޮބީ ވެއްޓުނީ އައްލޯހު އެކަމަށް އިރާދަ ކުރެއްވުމުން ވީ ކަމެކޭ ބުނެވޭކަށް ނެތެވެ. ބޮބީ މަރުވީ އޭނާގެ މައިންބަފައިން "އެއްޖިންސީ ގުޅުން" މި ލަފްޒާ މެދު ގަތް ބިރަކާ އެ ލަފްޒުގެ ހަގީގީ މާނަ ރަގަޅަށް ނުދތުމާ ވިދިގެންނެވެ. އާނަ ބޭނުންވީ ލިޔުންތެރިޔަކަށް ވާށެވެ. އޭނާގެ އުއްމީދުތަކާ ހުވަފެންތައް އޭނާގެ އަތުން ނިގުޅައިގަނެވުނީ އެވެ. ބޮބީ ކަހަލަ ކުދިން ތި ބޭފުޅުންގެ ތެރޭގައިވެސް ވެއެވެ. ތިބޭފުޅުންނަށް ނޭނގި ވިދާޅުވެވޭ ބަހަކުން އެކުދިންގެ އާދޭސްތައް ހުއްޓުމަކަށް އާދެއެވެ. އެއީ ތިބޭފުޅުންގެ ލޯތްބާއި ބަލައިގަތުމަށް އެދި އައްލޯހަށް އެކުދިން ކުރާ އާދޭސްތަކެވެ. ނަމަވެސް އެއްޖިންސީ ގުޅުމާމެދު ތިބޭފުޅުން ނުދަތުމުގެ ސަބަބުންނާއި، އަކަމާ ތިބޭފުޅުން ބިރުފުޅު ގަތުމާ ނަފްރަތުކުރެއްވުމުގެ ސަބަބުން އެކުދިންގެ އެ އާދޭސްތައް ހުއްޓުމަކަށް އާދެއެވެ. 

އެހެންކަމުން؛ އެއްޖިންސުގެ ގުޅުމާމެދު ނަފްރަތުގެ ހިޔާލެއް ފާޅުކުރެއްވުމުގެ ކުރިން ، ވިސްނަވާށެވެ. ވިސްނަވާ އަދި ހަނދުމަފުޅު ބަހައްޓަވާށެވެ. ތިބޭފުޅާގެ އެ ބަސް ކޮންމެވެސް ކުއްޖަކު އެޑު އަހައެވެ.

- Mary Griffith (Bobby Griffith's mother)
http://www.youtube.com/watch?v=fNN6ieIg4yw


Thursday, October 1, 2009

"ތާރީހީ ނަޒަރަކުން މުލީއާގެ"

މި ލިޔުމަކީ "ތާރީހީ ނަޒަރަކުން މުލީއާގެ" މި ނަމުގައި ހާމަ ޑެއިލީގއި ޝާއިއު ކުރެވުނު ލިޔުމެކެވެ. ލިޔުންތެރިއަކީ "ސަރިދާލޭސް" އެވެ. ޝާއިއު ކުރެވުނީ ސިލްސިލާއެއްގެ ގޮތުގައި7 ފެބްރުއަރީ 2009 އާއި 9 އޭޕްރީލް 2009 އާ ދމެދުގައެވެ.
*********************************************************************************

ސަރިދާލޭސް

ދިވެހިރައްޔިތުންގެ ޑިމޮކްރަސީގެ ފުރަތަމަ ރައީސް، އަދި މަލްޓިޕާޓީ ސިސްޓަމަށް ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް، އަލްފާޟިލް މުޙައްމަދު ނަޝީދު، ޢާއިލާއާއެކު ދިރިއުޅުއްވުމަށްޓަކައި، މުލީއާގެއަށް ވަޑައިގެންފިއެވެ. އެމަނިކުފާނާއި ޢާއިލާ، 11 ނޮވެމްބަރުން ފެށިގެން މިހާތަނަށް ދިރިއުޅުއްވީ، އަނބިކަނބަލުންގެ ގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، މުލީއާގޭގައި ދިރިއުޅުއްވުމަށްޓަކައި ޢާއިލާއާއެކު، ރަސްމީކޮށް އެގެއަށް ވަޑައިގަތީ 6 ފެބްރުއަރީ 2009 ދުވަހުގެރޭ 8 ޖެހިއިރުއެވެ. އެއީ 1430 ޞަފަރުމަހު 12 ވީ ހޮނިހިރު ވިލޭރެއެވެ.

އެރެއަކީ "ޞަފަރުމަހު ދިހަކަނޑާ އެގާރަދުވަސް" ދޫކޮށް ބާރަވިލޭރެއެވެ. އެރޭ 8 ޖެހީމާ ހުންނާނީ "ހަންހާރަލިބޭ" ސާޢަތެއް ކަމަށްވާ ޒުހަރާ (ވީނަސް) ސާޢަތެވެ. ލައިގެންހުރީ ދިނަށައެވެ. އެއީ ދިނަށަ އިން 6 ވަނަ ދުވަހުގެރެއެވެ. ދަލޫބުރުޖުން (ނުވަތަ ކުންބަރާހިން ނުވަތަ އެކްއޭރިއެސްއިން) 17 ދުވަހުގެ ރެއެވެ. އެރޭ ހަތްގަޑި ސާޅީސްފަހެއްގައި މިއަހެލިހަ މެދަށް އަރައެވެ. އަށްގަޑިސާޅީސްގައި އަދަމެދަށް އަރައެވެ. ހަނދުހުރީ، އަސަދު (ނުވަތަ ސިންގާ ނުވަތަ ލިއޯ) ގައެވެ. ދިޔަވަރުއޮތީ ބޮޑުކޮށެވެ.

އިހުޒަމާނުގެ ނަކަތްތެރިން ކިޔައިއުޅޭގޮތުންވިއްޔާ މިއީ ވަރަށްހެޔޮ އިރުވަރެކެވެ. "ހަންހާރަލިބި، ކަންފަހިވެ، އަރުތަލިބޭ" އިރެކެވެ. މިހެޔޮ އިރުވަރުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު، ރިޔާސީގަނޑުވަރު މުލީއާގެއަށް ވަޑައިގެންފިއެވެ. އޭނާއަށް ކާމިޔާބީއަށް އެދެމެވެ.

މުލީއާގެއަކީ މީގެކުރިންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ގަނޑުވަރެކެވެ. ރަސްމީ ރިޔާސީ ގަނޑުވަރެއްގެގޮތުގައި 11 ނޮވެމްބަރ 2008 އާ ހަމައަށް ހަމަޖެހިފައިއޮތީ ތީމުގެއެވެ. ތީމުގެ މިހާރު އެހަރަގޮތަށް ޢިމާރާތްކޮށް ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަން ފެއްޓެވީ 7 ޑިސެމްބަރ 1994 ގައެވެ.

Monday, September 21, 2009

އެއްޖިންސީ އެދުންވެރިކަން ހުންނަ މީހުން މެރުމަށް ގޮވާލާ ހދީސްގެ ސައްހަކަން

އެއް ޖިންސީ އެދުންވެރިކަން ހުންނަ މީހަކަށް އިސްލާމްދީނުގައި އަދަބެއް ނުވެއެވެ. އަދި ގުރުއާނުގައި އެއްޖިންސުގެ ގުޅުން ހިންގާ މީހަކަށް ހާއްސަ ހައްދުގެ އަދަބެއް ކަނޑައެޅިފައެއް ނުވެއެވެ. ހަމަ އެފަދައިން ރަސޫލާގެ ހަޔާތުގައި ވެސް މިއަމަލަށް މީހަކަށް އަދަބު ދީފައެއް ނުވެއެވެ. އަދި މިކަމަށް އަދަބު ދިނުމަށް ގޮވާލާފައިވާ ހަދީސްތަކަކީ ސައްހަ ހަދީސްތަކެއް ނޫން ކަމަށް ބައެއް އިލްމުވެރިން ދެކެއެވެ. އެމެރިކާގެ ޓެކްސަސްގެ ލުބޮކް ގައި ހުންނަ ސައުތު ޕްލެއިންސް އިސްލާމީ މަރުކަޒުގެ ޑައިރެކްޓާ، ޝެއިޚު މުހައްމަދު އަލް މުގްތާރު އަލް ޝިންގީތީ މިކަން އތުރަށް ބަޔާންކޮށް ދިން ފަތުވާގެ ބައެއް ތިރީގައި ލިޔެލާނަމެވެ.

އެއްޖިންސީ ގުޅުން ހިންގާ މީހަކު މެރުމަށް ނުވަތަ ރަޖަމްކުރުމަށް ގޮވާލާ ދީނީ އިލްމުވެރިން އެމީހުންގެ ރައުޔު ބިނާ ކުރަނީ ދެ ޟައީފް ހަދީސްގެ މައްޗަށެވެ.

1- އަބްދުއްލާ ބިން އައްބާސް ރިވާކުރިއެވެ. ސަލާމާތް ސަލަވާތްލެއްވި ރަސޫލާ ހަދީސް ކުރިއެވެ. "ލޫތު ބާގައިގެ އަމަލު ކުރާ ބަޔަކު ފެނިއްޖެނަމަ، އެކަން ކުރާމީހާއާއި ކުރެވޭ މީހާ ގަތުލު ކުރާށެވެ."
މި ހަދީސް ސައްހަ ކަމަށް ބުނި ބައެއް އިލްމުވެރިން: އިމާމް އަހުމަދު، އިމާމު އަބޫ ދާއޫދު، އިމާމު އައްތިރުމީޒީ.
މި ހަދީސް ސައްހަ ނޫން ކަމަށް ބުނި ބައެއް އިލްމުވެރިން: އަލް ބުޚާރީ، ޔަހްޔާބިން މާއިން، އައްނަސާއީ، އިބުނު ހަޒަމް

2- އަބޫ ހުރައިރާ ރިވާކުރިއެވެ. ސަލާމާތް ސަލަވާތްލެއްވި ރަސޫލާ ހަދީސް ކުރިއެވެ. "ކުރާމީހާއާއި ކުރެވޭ މީހާ ރަޖަމް ކުރާށެވެ."
މި ހަދީސް ސައްހަ ކަމަށް ބުނި ބައެއް އިލްމުވެރިން: އިބުނު މާޖާ، އަބޫ ޔައުލާ، އަލް ހާކިމް
މި ހަދީސް ސައްހަ ނޫން ކަމަށް ބުނި ބައެއް އިލްމުވެރިން: އައް ތިރުމީޒީ، އިބުނު ހަޒަމް
ގާޒީ އަބޫބަކުރު އަލް ޖައްސާސް އޭނާގެ ފޮތް 'އަހްކާމުލް ގުރުއާނު'ގައި މި ހަދީސް އާމެދު ބުނަނީ ، މި ހަދީސް ރިވާކުރި މީހުންގެ ތެރެއިން ދެ މީހުންގެ ރިވާ "އެއްގޮތަކަށްވެސް ގަބޫލު ނުކުރެވޭނެ ކަމަށާއި، އެމީހުންގެ ރިވާއަށް ބިނާކޮށް ޝަރުއީ އަދަބެއް ކަނޑައެއް ނޭޅޭނެ" ކަމަށެވެ.

ހަމަ މި މާނަ އެކުލެވޭ އިތުރު ހަދީސް ތަކެއް ވެސް ރިވާވެފައި އެބަހުއްޓެވެ. މީގެ ތެރޭގައި:
- ޖާބިރު ބިން އަބްދުއްލޯ ރިވާކުރިއެވެ:"ލޫތުބާގައިގެ އަމަލު ކުރާ މީހެއް ގަތުލު ކުރާށެވެ."
-އެހެން ރިވާއެއްގައި ވާ ގޮތުން، ފުރަގަސް ފަރާތުން ޖިންސީ ގުޅުން ހިންގާ މީހަކު ރަޖަމް ކުރުމަށް އަލީ ބިން އބީ ތޯލިބު ރައުޔު ވެއެވެ.
ނަމަވެސް ހަދީސް އިލްމުވެރިން ދެކޭ ގޮތުގައި މިފަދަ ހަދީސް ތަކަކީ ކުރިން ބުނެވުނު ދެ ހަދީސް އަށް ވުރެންވެސް ޟައިފް ހަދީސްތަކެކެވެ.

އަލް ހާފިޒް އިބުނު ހަޖަރު އޭނާގެ ފޮތް 'ފަތުހުލް ބާރީ'ގެ 'ހުދޫދު' އޭ ކިޔުނު ބާބުގައި މި ކަންތައް ހުލާސާކޮށް ބުނެފައިވެއެވެ. "އެކަން ކުރާ މީހާއާއި ކުރެވޭ މީހާ ރަޖަމް ކުރުމަށް ނުވަތަ މެރުމަށް ގޮވާލާ ހަދީސްތަކަކީ ޟައީފް ހަދީސްތަކެކެވެ".
ހަގީގަތަކީ، ހަދީސްގެ އެއްވެސް އިލްމުވެރިއެއް މި ދެ ހަދީސް ސައްހަ ކަމުގައި ބުނެފައި ނުވާކަމެވެ. ދެ މީހުން ފިޔަވައެވެ. އެއީ އިހުގެ އިލްމުވެރިންގެ ތެރެއިން އިބުނު ހިއްބާން އަދި ފަހުގެ އިލްމުވެރިންގެ ތެރެއިން އާލްއަލްބާނީ އެވެ. އިބްނު ހިއްބާން އިބުނު އައްބާސް ގެ ހަދީސް ސައްހަކުރިއެވެ. އަދި އާލްއަލްބާނީ އަބޫ ހުރައިރާގެ ހަދީސް ސައްހަ ކުރިއެވެ. ނަމަވެސް އެހެން އިލްމުވެރިއަކު ސައްހަ ނުކުރާ ހަދީސެއް އިބުނު ހިއްބާން އެކަނި ސައްހަކުރި ނަމަ އޭނާގެ އެ ރައުޔަށް އިތުބާރު ނުކުރެވޭނެ ކަމަށް ހަދީސް އިލްމުވެރިން ދެކެއެވެ. މީގެއިތުރުން ފުންނާބުއުސް އެހެން ހަދީސް އިލްމުވެރިން މި ހަދީސްތަކާމެދު ކުރި ޝައްކާ އަޅާ ބަލާއިރު އާލްއަލްބާނީގެ ރައުޔު މިކަމާ ދެކޮޅެއް ނުހެދޭނެއެވެ. މީގެ ތެރޭގައި އަލް ބުހާރީ، އިބުނު މާއިން އަދި އިބުނު ހަޖަރު މި ހަދީސްތަކާ މެދު ޝައްކު ކުރިއެވެ
Some words used:
Rivaa: narration
Ra'yu: opinion
Sahha: authentic
Rajam: to stone (someone)
Da'eef (lo-eef): weak
Source: Threat to Behead Homosexuals: Shari'a or Politics? at Islamonline.Net. Fatwa by Sheikh Mohamed El-Moctar El-Shinqiti, director of the Islamic Center of South Plains, Lubbock, Texas, US.

Sunday, September 20, 2009

އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭށަންގެ ޖިންސީ އެދުންވެރިކަމާ ބެހޭ ޕޭމްފުލެޓު 2

ަެބައެއް މީހުންނަށް އެމީހުންގެ އެއްޖިންސީ އެދުންވެރިކަމުގެ ވާހަކަ އަނެކާއާ ހިއްސާ ކުރަން އުނދަގޫވަނީ ކީއްވެ؟
ައެއްޖިންސީ އެދުންވެރިކަން ހުންނަ މީހުންނާ މެދު އުފެދިފައިވާ ކުށް ހީ ތަކާ ހުރެ، އެ މީހުންގެ މި ސިއްރު އެހެން މިހުންނާ ހިއްސާކުރުމަކީ ވަރަށް އުނދަގޫ އަދި ވަރަށް ހިތާމަ ތަހައްމަލް ކުރަން ޖެހޭ ކަމަކަށް ވެދެއެވެ. އެމީހުންނަކީ އެއް ޖިންސަށް އެދުންވެރިވާ ބައެއް ކަން ފުރުތަމަ އެނގޭ ވަގުތު، ވަރަށް ބޮޑަށް އެކަނިވެރިކަމުގެ އިހްސާސް އެމީހުންނަށް ކުރެވެއެވެ. އަދި އެހެން މީހުންނާ މުޅިން ތަފާތު އެކަހެރި މީހެއް ކަމުގައި އިހްސާސްވެއެވެ. އަދި ރައްޓެހިންނާ އާއިލާ އެމީހުންނާ ގުޅުން ކަނޑާލާނެ ކަމުގެ ބިރާ ދީނުން ބޭރުވެދާނެ ކަމުގެ ބިރާ ހެދީ ވެސް މި ސިއްރު އެ ފަރާތްތަކާ ހިއްސާ ކުރަން އެމީހުން ޖެހިލުން ވެއެވެ.

މީގެ އިތުރުން ވަރަށް އާއްމު ގޮތެއްގައި އެއްޖިންސުންގެ މީހުނާމެދު ބައެއް މީހުން ތަފާތު ކޮށް ކަންތައް ކުރެއެވެ. އަދި އެމީހުންނަށް މާރާމާރީގެ ހަމަލާވެސް ދެއެވެ. މީ ދެ ކަމުގެ ސަބަބުން އެ މީހުންގެ ނަފްސު ރަނގަޅަށް ތަރައްގީ ވުމަށް ހުރަސް އެޅެއެވެ. އެމެރިކާގައި 1989 ގައި ކުރެވުނު ސާވޭ އެއް ދައްކާ ގޮތުގައި، އެއްޖިންސީ އެދުންވެރިކަން ހުންނަ 5% ފިރިހެނުންނާ `10% އަންހެނުން އެމީހުންގެ ޖިންސިއްޔާތާ ހެދީވެ ކޮންމެވެސް ކަހަލަ މާރާމާރީއެއް ވަނީ ތަހައްމަލު ކުރަން ޖެހިފައެވެ. އަދި 47% މީހުން ގެ މުޅި ހަޔާތުގައި ކޮންމެވެސް ކަހަލަ ގޮތަކަށް ވަނީ ތަފާތުކުރުން ތަހައްމަލު ކުރަން ގެހިފައެވެ. އެހެން ހޯދުން ތަކުންވެސް މިހާމަތީ މިންވަރަކަށް މާރާމާރީއާއި ތަފާތުކުރުން އެމީހުން ތަޖުރިބާކުރަން ޖެހޭކަން ވަނީ ދައްކާދީފައެވެ.

އެއް ޖިންސީއެދުންވެރިކަން ހުންނަ މީހުންނާ މެދު އުފެދިފައިވާ ކުށް ހީ ތަކާ ކުރެވޭ ތަފާތުކުރުން ތަށް ނައްތާލެވޭނީ ކިހިނެއް؟
އެއް ޖިންސީ އެދުންވެރިކަން ހުންނަ މީހުންނާ މެދު އެންމެ ރަނގަޅު ނަޒަކުން ދެކެނީ އޭގެ މީހެއް ރަނގަޅަށް ދންނަމޭ ބުނާ މީހުންނެވެ. މިހެންކަމުން، ސައިކޮލޮޖިސްޓުން ގަބޫލްކުރާ ގޮތުގައި މިފަދަ މީހުންނާ މެދު އުފެދިފައިވާ ނުބައި ހިޔާލް ތަކަކީ ދޮގުތަކެއް ނުވަތަ ކުށް ހީ ތަކެއްގެ މައްޗަށް ބިނާވެފައިވާ ހިޔާލް ތަކެކެވެ. އެއްވެސް ހަގީގީ ތަޖުރިބާ އަކަށް ބިނާވެފަވާ ހިޔާލްތަކެއް ނޫނެވެ.

މީގެ އިތުރުން އެހެންވެސް މައިނޯރިޓީން ފަދައިން މި މީހުންވެސް ތަހައްމަލު ކުރަން ޖެހޭ އަނިޔާއާއި ތަފާތުކުރުން ތަކުން އެ މީހުން ރައްކާތެރިކުރުމީ މުހިއްމު ކަމެކެވެ. އެމެރިކާގެ ބައެއް ސްޓޭޓް ތަކުގައި މީހެއްގެ ޖިންސިއްޔާތަކާ ހުރެ އެމީހަކަށް އަނިޔާއެއް ކުރުމކީ ކުށެކެވެ. އަދި 8 ސްޓޭޓް އެއްގައި މީހެއްގެ ޖިންސިއްޔާތަކާ ހުރެ އެމީހަކާ ތަފާތުކޮށް ކަންތައް ކުރުމީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. 

ނަފްސާނީ ފަރުވާ (ތެރަޕީ) ދީގެން އެއްޖިންސީ އެދުންވެރިކަން ބަދަލު ކުރެވިދާނެތަ؟
ނޫން. އެއްޖިންސީ އެދުންވެރިކަމަކީ ނަފްސާނީ ބައްޔެއް ނޫނެވެ. އަދި އެމީހުންގެ ޖިންސީ އެދުންވެރިކަން ބަދަލުކުރަންޖެހޭނެ އެއްވެސް ސަބަބެއް ކަމުގެ މާހިރުން ނުދައްކައެވެ. މިކަން މިހެން އޮތަސް ބައެއް މީހުން އެމީހުންގެ ނުވަތަ ދަންނަ މީހެއްގެ ޖިންސީ އެދުންވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރެއެވެ. (މިސާލަކަށް ބައެއް މައިންބަފައިން އެމީހުންގެ އެއްޖިންސީ އެދުންވެރިކަން ހުންނަ ދަރިންނަށް ތެރަޕީ ދޭން އުޅުން). މިކަހަލަ ފަރުވާ ދޭ ބައެއް ތެރަޕިސްޓުން ، އެމީހުންކައިރިން ފަރުވާ ހޯދާ މީހުންގެ ޖިންސީ އެދުންވެރިކަން ބަދަލު ކުރިކަމަށް ބުނެއެވެ. ނަމަވެސް އެމީހުންގެ ރިޕޯޓުތަކަށް ރަނގަޅަށް ބަލާލުމުން، ޝައްކު އުފެދޭ ބައެއް ކަންތައް ފާހަގަ ކުރެވެ އެވެ. 
- ގިނަ ފަރާތްތަކަކީ އެއްޖިންސީ އެދުންވެރިކަމާމެދު ސިޔާސީ ނުވަތަ ދީނީ ނުވަތަ އެހެންވެސް އައިޑިއޮލޮޖީއެއްގެ ނަޒަރަކުން ބަލާ ފަރާތްތަކެވެ. ނަފްސާނީ ސިއްހަތު ދިރާސާކުރާ ފަރާތްތަކެއް ނޫނެވެ.
- ދެވޭ ފަރުވާ އާއި ނަތީޖާ ރަނގަޅަކަށް ރިޕޯޓް ކުރެވިފައެއް ނުވެއެވެ.
- ފަރުވާ ދިނުމަށް ފަހު މިކަން އަނބުރާ ކުރީގަ ގޮތަށް އިޔާދަ ވޭތޯ ބަލަންޖެހޭ ވަގުތު އެކަށީގެންވާ ވަރަށް ވުރެން ކުރެވެ.

އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭށަނުން 1990ގައި ބުނި ގޮތުގައި ޖިންސީ އެދުންވެރިކަން ބަދަލުކުރުމަށް ދޭ ފަރުވާ މަސައްކަތްކުރާ ކަމަށް ހިތްވަރުދޭ ސައިންސްގެ އެއްވެސް ސުބޫތެއް ނެތެވެ. އަދި މިފަދަ ފަރުވާއިން ފައިދާކުރުމަށް ވުރެން ބޮޑަށް ގެއްލުމެއް ލިބުން މާ އެކަށީގެންވެއެވެ. ޖިންސީ އެދުންވެރިކަން ބަދަލުކުރުމަކީ ޖިންސީ އަމަލު ބަދަލު ކުރުމާ މުޅިން ތަފާތު ކަމެކެވެ. ޖިންސީ އެދުންވެރިކަން ބަދަލުކުރުމޭ ބުނުމުން މީހާގެ ޖަޒްބާތީ، އޝްގީ، އަދި ޝަހްވާނީ އިހްސާސްތައް ބަދަލު ކުރުން ހިމެނެއެވެ. އަދި އަމިއްލަ ނަފްސާ މެދު ދެކޭ ގޮތާ މުޖްތަމައު އޭނާ އާ މެދު ދެކޭ ގޮތް ވެސް ބަދަލު ކުރުން ހިމެނެއެވެ. ބައެއް ނަފްސާނީ ބަލީގެ މާހިރުން ޖިންސީ އެދުންވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރިކަމަކު އެހެން މާހިރުން މިފަދަ ކަމެއް ކުރުމުގެ ހެޔޮނުބައި މިންވަރާ މެދު ސުވާލު ކުރެއެވެ. އެހެނީ މިކަމަކީ ބައްޔެއް ނޫނެވެ. ނަމަވެސް މީހާގެ ނަފްސުގެ ވަރަށް މުހިންމު ބައެކެވެ. 
އެއް ޖިންސީ އެދުންވެރިކަން ހުންނަ މީހުންގެ ތެރެއިން ނަފްސާނީ ފަރުވާ ހޯދާ ހުރިހާ މީހުންންކީ އެމީހުންގެ ޖިންސީ އެދުން ބަދަލު ކުރުމަށް ފަރުވާ ހޯދާ މީހުންނެއް ނޫނެވެ. އެހެން މީހުންވެސް ނަފްސާނީ ފަރުވާ ހޯދާ ސަބަބަކުން ސަބަބަކަށްޓަކާ އެ މީހުން ވެސް ހަމަ ފަރުވާ ހޯދަފާނެއެވެ. މީގެ އިތުރުން، "ކަމިންއައުޓު" ގެ މަރުހަލާއަށް އެހީއެއްގެ ގޮތުގައި ނުވަތަ އެމީހުންނަށް ކުރިމަތިލާންޖެހޭ ދޮގު ތަކާ އަނިޔާއާއި ތަފާތުކުރުންތަކާ ހެދީވެސް މި ފަދަ ފަރުވާ އެމީހުން ހޯދައެވެ.

އެއްޖިންސީ އެދުންވެރިކަމާމެދު މުޖްތަމައު ހޭލުންތެރިވުން އެހާ މުހިއްމީ ކީއްވެ؟
  މި ކަމާ މެދު މީހުން ހޭލުންތެރިވުމުން ކުށް ހީތަކާ ދޮގު މައުލޫމާތު މަދުވުން އެކަށިގެންވެއެވެ. އަދި ޙާއްސަކޮށް އެމީހުންގެ ޖިންސީ ނަފްސާމެދު މައްސަލައެއްވާ ކަމަށް ހީކުރާ ޒުވާނުނަށް މިކަމުގެ ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މުހިއްމު ކަމެކެވެ. އެފަދަ މައުލޫމާތު ކިޔުމުން އމީހެއްގެ ޖިންސީ އެދުންވެރިކަން ބަދަލުވާނެއޭ ބުނެ ކިޔާއުޅޭ ވާހަކަތަކަކީ ދޮގު ވާހަކަ ތަކެކެވެ
http://fogarty.org/tim/gay_issues/apa_pamphlet.html