Thursday, October 8, 2009

ދިވެހި ރާއްޖޭގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މިހުންނަށް ދެވޭ އަދަބު

ބަދުއަހުލާގީ ކުށާއި ޒިނޭގެ ކުށުގެ އަދަބުގެ ގަވާއިދުގެ 8 ވަނަ މާއްދާ:
8. އެއް ޖިންސުގެ މީހުން ޖިންސީ ގުޅުން ހިންގުން
(ހ) (1) އެއް ޖިންސުން ޖިންސީ ގުޅުން ހިންގައިފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ރިޢާޔަތް ކޮށް، 19 ފަހަރާއި، 39 ފަހަރާއި ދެމެދުގެ އަދަދަކަށް ތައުޒީރު ކުރުމާއި އެކު، އެމީހަކު 1 އަހަރާއި، 3 އަހަރާއި ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށް ލުމެވެ.
(2) އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަށް އެހީތެރިވިދީފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ރިޢާޔަތް ކޮށް، އެމީހަކު 6 މަސް ދުވަހާއި 18 މަސް ދުވަހާއި ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށް ލުމެވެ.

(ށ) (1) އުމުރުން 16 އަހަރު ފުރިފައިނުވާ ކުއްޖަކާއި މެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގައިފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ރިޢާޔަތް ކޮށް، 19 ފަހަރާއި، 39 ފަހަރާއި ދެމެދުގެ އަދަދަކަށް ތައުޒީރު ކުރުމާއި އެކު، އެމީހަކު 3 އަހަރާއި، 6 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
(2) އުމުރުން 16 އަހަރު ފުރިފައިނުވާ ކުއްޖަކާއި މެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަށް އެހީތެރިވިދީފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ރިޢާޔަތް ކޮށް، އެމީހަކު 1 އަހަރާއި 3 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

(ނ) (1) އުމުރުން 16 އަހަރު ފުރިފައިވާ ކުއްޖަކާމެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގައިފި މީހެއްގެ އަދަބަކީ 19 ފަހަރާއި، 39 ފަހަރާއި ދެމެދުގެ އަދަދަކުން ތައުޒީރު ކުރުމާއެކު، ކަމުގެ ކުޑަ ބޮޑު މިނަށް ރިއާޔަތްކޮށް، އެމީހަކު 2 އަހަރާއި، 6 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. 
(2) އުމުރުން 16 އަހަރު ފުރިފައިވާ ކުއްޖަކާ މެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަށް އެހީތެރިވި ދީފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަ ބޮޑު މިނަށް ރިއާޔަތްކޮށް އެމީހަކު 1 އަހަރާއި 2 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

http://www.judiciary.gov.mv/Admin/Regulations/regulationonsexualoffences.pdf

Monday, October 5, 2009

ކުއްޖަކު އެބަ އަޑުއަހައެވެ.

އެއް ޖިންސީ ގުޅުން ހިންގުމަކީ ފާފައެކެވެ. އެ އަމަލު ކުރާ މީހުން ނަރަކައިގައި ދާއިމަށް ދެމިތިބޭނެއެވެ. އެމީހުންގެ އެ ނުބައި ގޮތްތަކުން ބަދަލު ވާން ބޭނުންވެއްޖެ ނަމަ އެމީހުންނަށް ބަދަލު ވެވިދާނެއެވެ. ވަސްވާސްތަކުން ދުރުވެއްޖެ ނަމަ އާދައިގެ މީހުން ފަދައިން އެމީހުން ވެދާނެއެވެ. އެކަމަށް އެމީހުން މަސައްކަތްކުރާނަމަތާ އެވެ. ނާކާމިޔާބު ވިޔަސް އަނެއްކާވެސް ގަދައަޅާ މަސައްކަތްކުރާނަމަ ތާ އެވެ.
މީ ހުރިހާ ވާހަކައަކީ އަޅުގަނޑުގެ ދަރިފުޅު ބޮބީ އަކީ އެއްޖިންސީ އެދުންވެރިކަން ހުންނަ ކުއްޖެއްކަން އަޅުގަނޑަށް އެނގުމުން، އޭނަ ގާތު އަޅުގަނޑު ބުނ ވާހަކަތަކެވެ. އޭނަޔަކީ އެއްޖިންސީ އެދުން ހުންނަ ކުއްޖެކޭ އަޅުގަނޑު ގާތު ބުނުމުން އަޅުގަނޑުގެ ހަތަރު އުދަރެސް ފެނު ޖެހުނެވެ. އޭނަގެ އެ ބަލި ރަގަޅު ކުރުމަށް އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ކުރީމެވެ. 

މީގެ އަށް މަސް ކުރިން، އަޅުގަނޑުގެ ދަރިފުޅު ފާލަމެއް މަތިން ފުއްމާލައި އަމިއްލައަށް މަރުވިއެވެ.

އެއްޖިންސީއެދުންވެރިކަން ހުންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އޭރު އަޅުގަނޑަށް ނޭގުނީތީ މިހާރު ވަރަށް ހިތާމަކުރަމެވެ. އަޅުގަނޑަށް އުނގަންނާދީފައި އަދި ބުނެދީފައިވާހާ އެއްޗަކީވެސް ތައައްސުބުން ފުރިގެންވާ ނަފްރަތާ، މީހެއްގެ އިންސާނިއްޔަތު ކަނޑުވާލާ ފަދަ ދޮގު ތަކެކެވެ. އަޅުގަނޑަށް ކިޔާދީފއަވާ އެއްޗެހީގެ އިތުރަށް މައުލޫމާތު ހޯދުނުނަމަ؛ އަޅުގަނޑުގެ ދަރިފުޅު އޭނާގެ ޝުއޫރުތައް ހިތުގެ އަޑިން ކިޔައިދިން އިރު އަޑުއެހުނު ނަމަ؛ މިއަދު މިތާ ތިބޭފުޅުން ކުރިމަތީ ހިތާމައިން ފުރިގެންވާ ހާލު އަޅުގަނޑު ހުންނާކަށް ނުޖެހުނީހެވެ.

ައަޅުގަނޑު ގަބޫލުކުރާ ގޮތުގާ ބޮބީގެ ހިތްހެޔޮ އަދި އޯގާތެރި ނަފްސާމެދު އައްލޯހު ރުހިވޮޑިގެން ވެއެވެ. އައްލޯހުގެ ނަޒަރުގައި މުހިއްމީ ހިތްހެޔޮކަމާ އޯގާތެރިކަމެވެ. އެއްޖިންސީ އެދުންވެރިކަން ހުންނަ މީހުންނަށް ދާއިމީ އަޒާބަށް އެދި އަޅުގަނޑު ދުއާ ކުރި ކޮންމެ ފަހަރަކު؛ ނޫނީ ބޮބީ އަކީ ބަލި ކުއްޖެކޭ؛ ނުވަތަ ފާހިޝް ކުއްޖެކޭ؛ ނުވަތަ ކުޑަކުދިންނަށް ހުރި ގެއްލުމެކޭ އަޅުގަނޑަށް ބުނެވުނު ކޮންމެ ފަހަރަކު، އޭނާ ގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ލޯބި ކުޑަވެނެތިގެން ދާނެ ކަމަށް އަޅުގަނޑު ހީ އެއް ނުކުރަމެވެ. އެންމެފަހުން އޭނާއަށް ކެތްނުވާ ހިސާބަށް ކަންތައް ދިޔައެވެ. ފާލަމެއް މަތިން ފުއްމާލައި ބޮޑު ޓްރަކެއްގެ ކުރިމައްޗަށް ބޮބީ ވެއްޓުނީ އައްލޯހު އެކަމަށް އިރާދަ ކުރެއްވުމުން ވީ ކަމެކޭ ބުނެވޭކަށް ނެތެވެ. ބޮބީ މަރުވީ އޭނާގެ މައިންބަފައިން "އެއްޖިންސީ ގުޅުން" މި ލަފްޒާ މެދު ގަތް ބިރަކާ އެ ލަފްޒުގެ ހަގީގީ މާނަ ރަގަޅަށް ނުދތުމާ ވިދިގެންނެވެ. އާނަ ބޭނުންވީ ލިޔުންތެރިޔަކަށް ވާށެވެ. އޭނާގެ އުއްމީދުތަކާ ހުވަފެންތައް އޭނާގެ އަތުން ނިގުޅައިގަނެވުނީ އެވެ. ބޮބީ ކަހަލަ ކުދިން ތި ބޭފުޅުންގެ ތެރޭގައިވެސް ވެއެވެ. ތިބޭފުޅުންނަށް ނޭނގި ވިދާޅުވެވޭ ބަހަކުން އެކުދިންގެ އާދޭސްތައް ހުއްޓުމަކަށް އާދެއެވެ. އެއީ ތިބޭފުޅުންގެ ލޯތްބާއި ބަލައިގަތުމަށް އެދި އައްލޯހަށް އެކުދިން ކުރާ އާދޭސްތަކެވެ. ނަމަވެސް އެއްޖިންސީ ގުޅުމާމެދު ތިބޭފުޅުން ނުދަތުމުގެ ސަބަބުންނާއި، އަކަމާ ތިބޭފުޅުން ބިރުފުޅު ގަތުމާ ނަފްރަތުކުރެއްވުމުގެ ސަބަބުން އެކުދިންގެ އެ އާދޭސްތައް ހުއްޓުމަކަށް އާދެއެވެ. 

އެހެންކަމުން؛ އެއްޖިންސުގެ ގުޅުމާމެދު ނަފްރަތުގެ ހިޔާލެއް ފާޅުކުރެއްވުމުގެ ކުރިން ، ވިސްނަވާށެވެ. ވިސްނަވާ އަދި ހަނދުމަފުޅު ބަހައްޓަވާށެވެ. ތިބޭފުޅާގެ އެ ބަސް ކޮންމެވެސް ކުއްޖަކު އެޑު އަހައެވެ.

- Mary Griffith (Bobby Griffith's mother)
http://www.youtube.com/watch?v=fNN6ieIg4yw


Thursday, October 1, 2009

"ތާރީހީ ނަޒަރަކުން މުލީއާގެ"

މި ލިޔުމަކީ "ތާރީހީ ނަޒަރަކުން މުލީއާގެ" މި ނަމުގައި ހާމަ ޑެއިލީގއި ޝާއިއު ކުރެވުނު ލިޔުމެކެވެ. ލިޔުންތެރިއަކީ "ސަރިދާލޭސް" އެވެ. ޝާއިއު ކުރެވުނީ ސިލްސިލާއެއްގެ ގޮތުގައި7 ފެބްރުއަރީ 2009 އާއި 9 އޭޕްރީލް 2009 އާ ދމެދުގައެވެ.
*********************************************************************************

ސަރިދާލޭސް

ދިވެހިރައްޔިތުންގެ ޑިމޮކްރަސީގެ ފުރަތަމަ ރައީސް، އަދި މަލްޓިޕާޓީ ސިސްޓަމަށް ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް، އަލްފާޟިލް މުޙައްމަދު ނަޝީދު، ޢާއިލާއާއެކު ދިރިއުޅުއްވުމަށްޓަކައި، މުލީއާގެއަށް ވަޑައިގެންފިއެވެ. އެމަނިކުފާނާއި ޢާއިލާ، 11 ނޮވެމްބަރުން ފެށިގެން މިހާތަނަށް ދިރިއުޅުއްވީ، އަނބިކަނބަލުންގެ ގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، މުލީއާގޭގައި ދިރިއުޅުއްވުމަށްޓަކައި ޢާއިލާއާއެކު، ރަސްމީކޮށް އެގެއަށް ވަޑައިގަތީ 6 ފެބްރުއަރީ 2009 ދުވަހުގެރޭ 8 ޖެހިއިރުއެވެ. އެއީ 1430 ޞަފަރުމަހު 12 ވީ ހޮނިހިރު ވިލޭރެއެވެ.

އެރެއަކީ "ޞަފަރުމަހު ދިހަކަނޑާ އެގާރަދުވަސް" ދޫކޮށް ބާރަވިލޭރެއެވެ. އެރޭ 8 ޖެހީމާ ހުންނާނީ "ހަންހާރަލިބޭ" ސާޢަތެއް ކަމަށްވާ ޒުހަރާ (ވީނަސް) ސާޢަތެވެ. ލައިގެންހުރީ ދިނަށައެވެ. އެއީ ދިނަށަ އިން 6 ވަނަ ދުވަހުގެރެއެވެ. ދަލޫބުރުޖުން (ނުވަތަ ކުންބަރާހިން ނުވަތަ އެކްއޭރިއެސްއިން) 17 ދުވަހުގެ ރެއެވެ. އެރޭ ހަތްގަޑި ސާޅީސްފަހެއްގައި މިއަހެލިހަ މެދަށް އަރައެވެ. އަށްގަޑިސާޅީސްގައި އަދަމެދަށް އަރައެވެ. ހަނދުހުރީ، އަސަދު (ނުވަތަ ސިންގާ ނުވަތަ ލިއޯ) ގައެވެ. ދިޔަވަރުއޮތީ ބޮޑުކޮށެވެ.

އިހުޒަމާނުގެ ނަކަތްތެރިން ކިޔައިއުޅޭގޮތުންވިއްޔާ މިއީ ވަރަށްހެޔޮ އިރުވަރެކެވެ. "ހަންހާރަލިބި، ކަންފަހިވެ، އަރުތަލިބޭ" އިރެކެވެ. މިހެޔޮ އިރުވަރުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު، ރިޔާސީގަނޑުވަރު މުލީއާގެއަށް ވަޑައިގެންފިއެވެ. އޭނާއަށް ކާމިޔާބީއަށް އެދެމެވެ.

މުލީއާގެއަކީ މީގެކުރިންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ގަނޑުވަރެކެވެ. ރަސްމީ ރިޔާސީ ގަނޑުވަރެއްގެގޮތުގައި 11 ނޮވެމްބަރ 2008 އާ ހަމައަށް ހަމަޖެހިފައިއޮތީ ތީމުގެއެވެ. ތީމުގެ މިހާރު އެހަރަގޮތަށް ޢިމާރާތްކޮށް ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަން ފެއްޓެވީ 7 ޑިސެމްބަރ 1994 ގައެވެ.