Thursday, October 1, 2009

"ތާރީހީ ނަޒަރަކުން މުލީއާގެ"

މި ލިޔުމަކީ "ތާރީހީ ނަޒަރަކުން މުލީއާގެ" މި ނަމުގައި ހާމަ ޑެއިލީގއި ޝާއިއު ކުރެވުނު ލިޔުމެކެވެ. ލިޔުންތެރިއަކީ "ސަރިދާލޭސް" އެވެ. ޝާއިއު ކުރެވުނީ ސިލްސިލާއެއްގެ ގޮތުގައި7 ފެބްރުއަރީ 2009 އާއި 9 އޭޕްރީލް 2009 އާ ދމެދުގައެވެ.
*********************************************************************************

ސަރިދާލޭސް

ދިވެހިރައްޔިތުންގެ ޑިމޮކްރަސީގެ ފުރަތަމަ ރައީސް، އަދި މަލްޓިޕާޓީ ސިސްޓަމަށް ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް، އަލްފާޟިލް މުޙައްމަދު ނަޝީދު، ޢާއިލާއާއެކު ދިރިއުޅުއްވުމަށްޓަކައި، މުލީއާގެއަށް ވަޑައިގެންފިއެވެ. އެމަނިކުފާނާއި ޢާއިލާ، 11 ނޮވެމްބަރުން ފެށިގެން މިހާތަނަށް ދިރިއުޅުއްވީ، އަނބިކަނބަލުންގެ ގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، މުލީއާގޭގައި ދިރިއުޅުއްވުމަށްޓަކައި ޢާއިލާއާއެކު، ރަސްމީކޮށް އެގެއަށް ވަޑައިގަތީ 6 ފެބްރުއަރީ 2009 ދުވަހުގެރޭ 8 ޖެހިއިރުއެވެ. އެއީ 1430 ޞަފަރުމަހު 12 ވީ ހޮނިހިރު ވިލޭރެއެވެ.

އެރެއަކީ "ޞަފަރުމަހު ދިހަކަނޑާ އެގާރަދުވަސް" ދޫކޮށް ބާރަވިލޭރެއެވެ. އެރޭ 8 ޖެހީމާ ހުންނާނީ "ހަންހާރަލިބޭ" ސާޢަތެއް ކަމަށްވާ ޒުހަރާ (ވީނަސް) ސާޢަތެވެ. ލައިގެންހުރީ ދިނަށައެވެ. އެއީ ދިނަށަ އިން 6 ވަނަ ދުވަހުގެރެއެވެ. ދަލޫބުރުޖުން (ނުވަތަ ކުންބަރާހިން ނުވަތަ އެކްއޭރިއެސްއިން) 17 ދުވަހުގެ ރެއެވެ. އެރޭ ހަތްގަޑި ސާޅީސްފަހެއްގައި މިއަހެލިހަ މެދަށް އަރައެވެ. އަށްގަޑިސާޅީސްގައި އަދަމެދަށް އަރައެވެ. ހަނދުހުރީ، އަސަދު (ނުވަތަ ސިންގާ ނުވަތަ ލިއޯ) ގައެވެ. ދިޔަވަރުއޮތީ ބޮޑުކޮށެވެ.

އިހުޒަމާނުގެ ނަކަތްތެރިން ކިޔައިއުޅޭގޮތުންވިއްޔާ މިއީ ވަރަށްހެޔޮ އިރުވަރެކެވެ. "ހަންހާރަލިބި، ކަންފަހިވެ، އަރުތަލިބޭ" އިރެކެވެ. މިހެޔޮ އިރުވަރުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު، ރިޔާސީގަނޑުވަރު މުލީއާގެއަށް ވަޑައިގެންފިއެވެ. އޭނާއަށް ކާމިޔާބީއަށް އެދެމެވެ.

މުލީއާގެއަކީ މީގެކުރިންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ގަނޑުވަރެކެވެ. ރަސްމީ ރިޔާސީ ގަނޑުވަރެއްގެގޮތުގައި 11 ނޮވެމްބަރ 2008 އާ ހަމައަށް ހަމަޖެހިފައިއޮތީ ތީމުގެއެވެ. ތީމުގެ މިހާރު އެހަރަގޮތަށް ޢިމާރާތްކޮށް ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަން ފެއްޓެވީ 7 ޑިސެމްބަރ 1994 ގައެވެ.



ތީމުގެއަކީ، ކުރިން "އަތިރީމާފަންނުގެ" އެވެ. އަތިރީ މާފަންނުގެއަކީ ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ގެއެކެވެ. އޭގެކުރިންއެއީ، ބިލާލު ޢާއިލާގެ ގޯއްޗެއްކަމަށް ބުނެވެއެވެ. އަތިރީމާފަންނުގެ ޢިމާރާތްކުރެވުނީ، ކިލެގެފާނު ބޮޑުބަނޑޭރިގޭގައި ދައުލަތްހިންގެވި ދުވަސްވަރު، ޝަމްސުއްދީން ރަދުންގެ ރަސްކަމުގައެވެ. މާފަންނު "މާފަންނުގެ" އަށްވުރެ، އަތިރީމާފަންނުގެ ދޮށްޓެވެ. ހެންވޭރު ހަކުރާގަނޑުވަރާއި، ކަނބާފާނު ގަނޑުވަރު ހުރި ސަރަޙައްދުގައި (މިހާރުގެ ރައްޔިތުންގެ މަޖިލިސް ކުރާގެ އެހުރިގޯތީގައި) ހުރި، ރަންނަބަނޑޭރި ކިލެގެފާނުގެ "މާބަގީޗާގެ" އަތިރީ މާފަންނުގެއަށްވުރެ ދޮށްޓެވެ. ތީމުގެއާދިމާ، މަގުގެދެކުނުން އެއޮތްގޯތީގައި ކިލެގެފާނުގެ "މާފަންނުއާގެ" އެޅުއްވީ، މާފަންނުގެ އެޅުއްވުމަށް ފަހުގައެވެ. މާފަންނު "ހުޅަނގުގެ" ވެސް މާފަންނުގެއަށްވުރެން ހަގެވެ.

ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ވަރަށް ފައްކާ ހައެއްކަގެ މާލޭގައި ހުއްޓެވެ. ހެންވޭރު "މާބަގީޗާގެ" ދެއްވާފައިވަނީ، އަލްއަމީރު މުޙައްމަދު ފަރީދަށެވެ. ކިލެގެފާނު ކުރިން ދިރިއުޅުއްވީ އެގޭގައެވެ. މާފަންނު "މާފަންނުގެ" އަކީ، އަލްފާޟިލް އިބްރާހީމް ފަރީދުދީދީީއަށް އަޅުއްވައިދެއްވި ގެއެކެވެ. "މާފަންނުއާގެ" ވެސް އިބްރާހީމް ފަރީދުދީދީ އަށެވެ. މާފަންނުއާގޭގައި، އޯކިޑްމަގާ އިންކޮށް "ހަވޭލި" ހުރެއެވެ. އެއީ ހަތަރުފަސްބުރިއަށް ހަދާފައިހުންނަ ވަރަށްރީތި ހަވޭއްޔެކެވެ. (ކުޑަގެއެކެވެ.) ހުޅަނގުގެދެއްވީ ދޮންދަރި އިސްމާޢީލް ޙަބީބަށެވެ. ކާށިދޫގެ ދެއްވީ އިބްރާހީމް ޙަބީބަށެވެ. ކިލެގެފާނު ފަހުން ދިރިއުޅުއްވީ، މާފަންނުގޭގައެވެ. ކިލެގެފާނުގެ "އަތިރީމާފަންނުގެ" ދެއްވީ، އަލްއަމީރު ޙަސަންފަރީދުދީދީއަށެވެ.

އަލްއަމީރު ޙަސަންފަރީދުދީދީ، ގެއްލިވަޑައިގަތްއިރުވެސް، މާލޭގައި ހުންނަވާނަމަ ދިރިއުޅުއްވަނީ އަތިރީމާފަންނުގޭގައެވެ. ޙަސަންފަރީދު ގެއްލުނުތާ ސާޅީސްވެގެން (މުޅިރައްޔިތުންނާއި ފަޅުއޮޑިފަހަރަށް ގޮވާލައި) ކެއްކީ، އަދި ބަހައިދިނީވެސް އަތިރީމާފަންނުގޭގައެވެ. ޙަސަންފަރީދު ގެއްލުނުކަން ޔަގީންވުމުން ކިލެގެފާނު މިޞްރުގައި ހުންނަވާފައި، މާލެވަޑައިގެން، އަތިރީމާފަންނުގެ ސަރުކާރަށްދެއްވީއެވެ. އޭގެ ފަހުންއެއީ، ސަރުކާރުގެ ގެއެކެވެ.

(ޙަސަންފަރީދު ގެއްލުނީ 31 މާރޗް 1944 ގައެވެ. ރަންނަބަނޑޭރި ކިލެގެފާނަށް ބޮޑުބަނޑޭރިކަން ލިބިވަޑައިގަތީ (ޝަމްސުއްދީނުގެ ދެވަނަ ރަސްކަން ފެށުމާއެކު) 11 މާރޗް 1903 ގައެވެ. ރަންނަބަނޑޭރި ކިލެގެފާނު، މުސްތަޝާރުލް އަޢުޒަމް ކަމުގައި ހުންނަވަނިކޮށް، އަވަހާރަވީ 21 ފެބްރުއަރީ 1952 ގައެވެ.)

ރަންނަބަނޑޭރި ކިލެގެފާނުގެ އަތިރީމާފަންނުގެ، ޙަސަންފަރީދު އަވަހާރަވުމުން، ސަރުކާރަށް ދެއްވާފައިވިޔަސް، އެގޭގައި ސަރުކާރުގެ އެއްވެސް ރަސްމީކަމެއް އެދުވަސްވަރަކު ނުހިނގައެވެ. އަތިރީމާފަންނުގޭގައި، ރަސްމީ މަސައްކަތެއް ފުރަތަމަފެށީ، އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގައި މުޙައްމަދު ފަރީދުދީދީގެ ރަސްކަމުގައެވެ. އެއީ، އޭޓީއޭ ހިންގުމެވެ. އޭޓީއޭ އުފެއްދީ 18 މެއި 1964 ގައެވެ.

އޭޓީއޭއަކީ "އަތިރީމާފަންނުގޭ ޓްރޭޑިންގ އެކައުންޓް" އެވެ. މިއީ ސަރުކާރުގެ ފުރަތަމަ ވިޔަފާރި މަރުކަޒެވެ. އެމްޖީބީއެސް ވިޔަފާރި ނަންބަރުތަކަށް މުދާ ދޫކުރަނީ، އޭޓީއޭއިންނެވެ. ފަހުން އޭޓީއޭގެ ނަން، އެސްޓީއޯއަށް ބަދަލުވީއެވެ. މިބަދަލުއައީ 9 ޖޫން 1976 ގައެވެ.

އޭޓީއޭއާއި އެސްޓީއޯގެއެތެރޭ ނަންބަރުތައް ހިންގީ، އަތިރީ މާފަންނުގޭ ގޯތީގެ އުތުރުފަރާތުގައި (ހަވީރީ ހިނގުމާ ގުޅޭފަރާތުގައި) މިހާރު ލޭބަރު މިނިސްޓްރީ (ކުރިންއެސްޓީއޯ ހެޑް އޮފީސް) ގެ ޢިމާރާތް ހުންނަ ސަރަޙައްދުގައެވެ. އަތިރީ މާފަންނުގެ އެދުވަސްވަރު ހުރީ ގުދަނަކަށެވެ.

އަތިރީމާފަންނުގޭގައި 18 މެއި 1964 ން ފެށިގެން އޭޓީއޭ ހިނގަމުން އައިއިރުވެސް، އަތިރީމާފަންނު ގޭގެ އަސްލު ޢިމާރާތް ހުންނަނީ ގުދަނަކަށެވެ. އަތިރީމާފަންނުގެއަށް ފުރަތަމަ ރަސްމީ ސިފައެއް އައީ، ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ބޮޑުވަޒީރު އަލްފާޟިލް އަޙްމަދު ޒަކީ، ޢާއިލާއާާއެކު އެގޭގައި ދިރިއުޅުއްވަން ފެށްޓެވުމުންނެވެ. އަޙްމަދު ޒަކީއަށް ބޮޑުވަޒީރުކަން ދެއްވީ 1 އޯގަސްޓް 1972 ގައެވެ. އަތިރީމާފަންނުގެ މަރާމާތު ކުރައްވައިގެން، ބޮޑުވަޒީރު އަޙްމަދު ޒަކީ އެގޭގައި ދިރިއުޅުއްވަން ފެށްޓެވުމަށްފަހު، އަތިރީމާފަންނު ގޭގެނަން "ތީމުގެ" މިނަމަށް ބަދަލު ކުރެއްވިއެވެ. ޒަކީ، ބޮޑުވަޒީރުކަމުން ވަކިކުރަންދެން އުޅުއްވީ ތީމުގޭ ގައެވެ.

8 މާރޗް 1975 ގައި ޒަކީ ބޮޑުވަޒީރުކަމުން ވަކިކުރެއްވުމުން ތީމުގެ ހުސްވިއެވެ. އޭރު، ރިޔާސީ ގަނޑުވަރަކީ މުލީއާގެއެވެ. ނަމަވެސް، ރައީސް އިބްރާހީމް ނާޞިރު އަބަދުވެސް ދިރިއުޅުއްވީ ވެލާނާގޭ ގައެވެ.

ތީމުގެ ހުސްކޮށް ("ފަޅަށް") ހުއްޓާ، އެގޭގައި ދިރިއުޅުއްވަން ފެށްޓެވީ، ރައީސް މައުމޫނެވެ. ރައީސް މައުމޫނު ފުރަތަމަ އުޅުއްވީ މުލީއާގޭ ގައެވެ. ނަމަވެސް، ދާދިއަވަހަށް، ތީމުގެ މަރާމާތު ކުރައްވައިގެން އެގެއަށް ވަޑައިގެންފިއެވެ. 1979މ. ވަނައަހަރުގެ ތެރޭގައެވެ. އޭގެފަހުން ރިޔާސީގަނޑުވަރަކީ ތީމުގެއެވެ. އެހެން އެކަން އޮއްވާ، ނޮވެމްބަރ 3 ގެ ޙާދިސާއަށްފަހު، ރައީސް މައުމޫން ތީމުގެ ދޫކޮށްލެއްވިއެވެ. 11 ޑިސެމްބަރ 1988 ގައި މުލީއާގެއަށް ބަދަލުވެވަޑައިގަތީއެވެ. އޭގެފަހުން، ތީމުގެ އަލުން ޢިމާރާތް ކުރުމަށްޓަކައި، ރޫޅާލެވުނެވެ. (ރައީސް މައުމޫނަށް ރައީސްކަން ލިބުނުއިރު، ތީމުގޭ އުތުރުބައިގައި އެސްޓީއޯ ހިނގައެވެ.) ތީމުގެ މިހާރު އެހަރަފެންވަރަށް ޢިމާރާތްކޮށް، އެގެ "ރިޔާސީ ގަނޑުވަރު" ކަމަށް ހަމަޖެއްސީ 1 ޖެނުއަރީ 1995 ގައެވެ. އެގެއަށް މައުމޫނުގެ ޢާއިލާ (މުލީއާގެ ދޫކުރައްވައި) ބަދަލުވީ 7 ޑިސެމްބަރ 1994 (4 ރަޖަބު 1415) ގައެވެ. އެދުވަހުންފެށިގެން 11 ނޮވެމްބަރ 2008 އާ ހަމައަށް މައުމޫނު ދިރިއުޅުއްވީ ތީމުގޭ ގައެވެ.

ބޮޑުވަޒީރު އަޙްމަދު ޒަކީ، ތީމުގޭގައި ދިރިއުޅުއްވީ، ގާތްގަނޑަކަށް ދެއަަހަރާއި ހަމަސްދުވަހުއެވެ. ރައީސް މައުމޫނު ފުރަތަމަފަހަރު، ތީމުގޭގައި ގާތްގަނޑަކަށް ނުވަ އަހަރެއްހާދުވަހު އުޅުއްވިއެވެ. ދެވަނަފަހަރަށް ރައީސް މައުމޫނު، ތީމުގޭގައި ގާތްގަނޑަކަށް ތޭރައަހަރު އުޅުއްވިއެވެ. އެހެންކަމުން، ދެފަހަރުގެމަތިން، ރައީސް މައުމޫނަށް ތީމުގޭގައި ގާތްގަނޑަކަށް 22 އަހަރު ދިރިއުޅުއްވުނެވެ. ބާކީ، އަށްއަހަރު އުޅުއްވީ މުލީއާގޭ ގައެވެ. ރައީސްކަމަށް އިސްވެވަޑައިގެންފަހުން އެންމެދުވަހަކުވެސް، އަނބިކަނބަލުންގެ ގެއަކު ނުވަތަ އަމިއްލަ ގެއަކު، ރައީސް މައުމޫނެއް ނޫޅުއްވައެވެ.

ދިވެހިރާއްޖޭގައި އަމިއްލަ ވެރިކަމެއް ޤާއިމުވީއްސުރެ ފެށިގެން 1 ޖެނުއަރީ 1953 މިދުވަހާ ޖެހެންދެން ރާާއްޖޭގައި އޮތީ ރަސްކަމެވެ. ތާރީޚީ މައުލޫމާތުތަކުން އެނގޭގޮތުގައި، ފުރަތަމަ ރަދުން ދަރުމަވަންތަ ރަސްގެފާނު ރަސްމީ ކޯލުހައްދަވައިގެން ދިރިއުޅުއްވީ ބޮޑުގަނޑުވަރު ތެރޭގައެވެ. އެއީ، މިހާރުގެ ސަލްޓަންޕާކް ސަރަޙައްދެވެ. އެތަނުން ވެރިކަމުގެ ސިންގާސަނާ ނުވަތަ އެތެރެކޯލު ފުރަތަމަވެސް ބަދަލުވީ، ދިވެހީންގެ އިސްތިޤްލާލު ފުރަތަމަ ފަހަރަށް ގެއްލި، ޕޯޗްގީޒުގެ ވެރިކަން ފެށުމުންނެވެ. އަނދިރިއަނދިރިން، ރަސްކަމުގެ "ކިއްލާ" ހަދާފައިހުރީ، މާފަންނުކޮޅު ހުޅަނގު އުތުރުން އަތިރިމަތީގައި ކަމަށްވެއެވެ. އެއީ، ބުނެވޭގޮތުގައި، މިހާރުގެ ތީމުގެއާ ދާދި ގާތް ހިސާބެކެވެ.

އަނދިރި އަނދިރިންނަށް ފަހު، ރަސްކަން ކުރެއްވި އުތީމު މަހާރަދުން ދިރިއުޅުއްވީ "މާންދޫގެ" ނަމަކަށް ކިޔުނު ގެއެއްގައި ކަމަށާއި، އެގެ ހުންނަނީ، މިހާރުވެސް މާންދޫގެ އެހުރި ސަރަޙައްދުގައި ކަމަށް ބުނެވެއެވެ. ކަލާފާނުވެސް އުޅުއްވީ އެގޭގައެވެ. ޙުސެއިން ފާމުލަދޭރި ކިލެގެފާނުވެސް އުޅުއްވީ އެގޭގައެވެ. ފުރަތަމަ އައްވަލުން ގަނޑުވަރު ހުރިތާގައި ދެވަނަފަހަރަށް ބޮޑުގަނޑުވަރު ޢިމާރާތް ކުރެއްވީ ބޮޑުރަސްގެފާނު ކަމަށް ބުނެވެއެވެ.

ބޮޑުގަނޑުވަރުން ވެރިކަން ފިލައިދިޔަ އަނެއްފަހަރަކީ ހޮޅީން ރާއްޖެ ހިފި ފަހަރެވެ. އެމީހުން، ބޮޑުގަނޑުވަރު ނައްތާލައި، ވެޔޮދޮށު ގަނޑުވަރުގައި ރަސްކަންކުރިއެވެ. އެގަނޑުވަރު ހުންނަނީ، މިހާރުގެ ޖުމްހޫރީ ބިނާއާ ދިމާ އިރުއުތުރުގައި، ސިފައިންގޭ ގޯތީގެ ހުޅަގުދެކުނު ކަނުގައެވެ. ހޮޅީންގެ ވެރިކަމަށްފަހު، ބޮޑުގަނޑުވަރު އަލުން ބަލުން ޢިމާރާތް ކުރެއްވީ ދޮންބަންޑާރައިންނެވެ. އޭގެފަހުން ރަސްކަން ކުރަމުން އަންނަނީ ބޮޑުގަނޑުވަރުގައެވެ.

ބޮޑުގަނޑުވަރު ސަރަޙައްދުން، ވެރިކަމުގެ މަރުކަޒު ބަދަލުވީ، ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާން ކުރުމާގުޅިގެން 1 ޖެނުއަރީ 1953 ގައެވެ. އެދުވަހު، ދިވެހިޖުމްހޫރިއްޔާގެ ރިޔާސީ ގަނޑުވަރުގެގޮތުގައި ހަމަޖެއްސި "ދާރުއްރިޔާސާ" އަކީ މުލީއާގެ އެވެ. ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަލްއަމީރު މުޙައްމަދު އަމީން ރިޔާސީ ގަނޑުވަރުގެ ގޮތުގައިވެސް، ރައީސް އޮފީހުގެ ގޮތުގައިވެސް (އެމެރިކާ ސިސްޓަމަށް) ބޭނުންކުރެއްވީ މުލީއާގެއެވެ. ސަރުކާރު ހިންގުމުގެ ހުރިހާ (އޮފިޝަލް) ކަންތައްތަކެއް ކުރީ، ވުޒާރަތުއްދާޚިލިއްޔާގައެވެ. ވަޒީރުއްދާޚިލިއްޔާގެ އޮފީސް ހުންނަނީ މުލީއާގޭ ގައެވެ. 2 ޖެނުއަރީ 1953 ހުކުރުދުވަހު (ޖުމްހޫރީ ދުވަހުގެ ފަހުދުވަހު) ރައީސް މުޙައްމަދު އަމީން، އިމާމުވެ ހުކުރު ކުރެއްވުމަށްޓަކައި، ހުކުރު މިސްކިތަށް ވަޑައިގަތުމަށް ނުކުމެވަޑައިގަތީ މުލީއާގެ އިންނެވެ.

ފުރަތަމަ ޖުމްހޫރިއްޔާ ނިމި، އެންމެފަހުގެ ރަސްކަން އުފެދުމާއެކު، ބޮޑުގަނޑުވަރަށް ރަސްކަމުގެ މަރުކަޒު ބަދަލުވިއެވެ. ނަމަވެސް، ބޮޑުވަޒީރުގެ އޮފީސް ހުރީ މުލީއާގޭ ގައެވެ.

މުލީއާގެއަކީ "ހެންވޭރުގަނޑުވަރު" ނަމަކަށް ކިޔުނުގެއެވެ. ހެންވޭރުގަނޑުވަރަކީ، އެންމެފުރަތަމަ "މުލީގެ" އެވެ. މުލީގެއަކީ، މުލަކަަތޮޅު މުލީ ޚަޠީބު މުޙައްމަދު، މުލީ ބޮޑުގޭ ސަންޕާފާނާ ކައިވެނި ކުރައްވައިގެން، މާލޭގައި ދިރިއުޅުއްވުމަށްޓަކައި އެޅުއްވިގެއެވެ.

މި "މުލީގެ" އެޅުއްވީ، މިހާރުގެ މުލީއާގެ އެހުންނަ ގޯތީގެ ހުޅަގު ދެކުނު ކަނުގައި ކަމަށް ބުނެވެއެވެ. މެދުޒިޔާރަތް ހުރީ، އެގޯތީގެ އިރުއުތުރު ކަނުގައެވެ. މެދުޒިޔާރަތު އިރުމަތިން، ހަކުރާ ގަނޑުވަރާ ދެމެދު އޮންނަނީ "މެދު ޒިޔާރަތު ގޮނޑު" ކިޔާ ހިސާބެވެ. އެއީ، ކުނިއަޅާ ވާގަނޑެކެވެ. މެދުޒިޔާރަތުގެ ހުޅަގުވެސް އޮތީ ހުހަށެވެ. މުލީ ޚަޠީބު ގެއެޅުއްވީ، މެދުޒިޔާރަތާ މާދުރުގައެވެ. ހަކުރާ ގަނޑުވަރުގެ އިރުމަތީގައި ވަނީ، ކަނބާފާނު ގަނޑުވަރެވެ. އެއީ، މިހާރުގެ ރައްޔިތުންގެ މަޖިލިސްކުރާގެ އެހުރި ކޮށްޓެވެ.

މުލީ ޚަޠީބުގެ މުލީގެއަށްވުރެ ހަގުނަމަވެސް، އެހެން މުލީގެއެއް މާލޭގައި ހުއްޓެވެ. އެއީ، އަތިރީގޭ ޙުސެންދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން ބޮޑުއިސްމާޢީލް މާފަތް ކިލެގެފާނުގެ ގެކަމަށްވާ "މުލީގެ"އެވެ. މުލީގޭ ބޮޑުއިސްމާޢީލް މާފަތްކިލެގެފާނުގެ ޢާއިލާ ވަރަށް ފުޅާކޮށް ފެތުރިފައިވެއެވެ. މުލީ ޚަޠީބު މާލެވަޑައިގެން، މުލީގެ އެޅުއްވީ، ދިޔަމިގިލީ ބަންޑާރައިންގެ ރަސްކަމުގައި ކަމަށް ބުނެވެއެވެ. އެރަސްގެފާނު ރަސްކަންކުރެއްވީ، މީލާދީން 1704 ން 1721 އަށެވެ. އަތިރީގޭ ޙުސެން ދޮށިމޭނާ ކިލެގެފާނު، އިންޑިޔާއިން ރާއްޖެވަޑައިގެން، ޙާޖީބަންޑާރައިންގެ ހުވަފަތް އަނބިކަނބަލުންނާ ކައިވެނި ކުރެއްވީ، ކަޅުބަންޑާރައިންގެ ރަސްކަމުގައެވެ. ކަޅުބަނޑާރައިން ރަސްކަން ކުރެއްވީ މީލާދީން 1774 ން 1779އަށެވެ.

މުލީ ޚަޠީބު މުޙައްމަދު އާއި ބޮޑުގޭ ސަންޕާފާނު، މުލީގެ އެޅުއްވީ، ގާފޮޅުމަތީގައި މެއްލަ ޖަހައިގެން، ދުނބުރިދަނޑިން ބިތްގަތައި، ފަނުން ބިތްބައްދައިގެން، ބިތުފިލާ ޖަހައި ދަމާދޮރުލައި، ދެފުރާޅުގައި ފަންގެ ލައިގެންނެވެ. މިދެބޭފުޅުންނަށް ލިބިވަޑައިގަތް ބޭފުޅުންގެ ޢަދަދަކީ ކޮބައިކަމެއް ނޭނގެއެވެ. ނަމަވެސް، ކުޑައާމިނާފާނު ލިބިވަޑައިގަތެވެ. "ކުޑައާމިނާފާނު" ނަމަކަށް ކިޔާފައިވާތީ، އެހެން ބޭފުޅުންވެސް ލިބިވަޑައިގަތް ކަމަށް ފެނެއެވެ. ތާރީޚީ ހެކިތަކުން ފެންނަނީ، ކުޑައާމިނާފާނު ރައްކައުވީ (އަދި ބޮޑުފުޅުވީވެސް) މުލީގޭ ގައި ކަމުގައެވެ.

ކުޑައާމިނާފާނު ބޮޑުފުޅުވެގެން، ކައިވެނިކުރެއްވީ، ހުރާދަރިކޮޅުގެ މުޙައްމަދުމަނިކުފާނާއެވެ. އެއީ، ހުރާ ދޮންމަރުދުރު ފަޑިއްކަލޭފާނުގެ، ޙުސެންދަހަރަދަ ކަލޭފާނުގެ، މުޙައްމަދު ފާމުލަދޭރި މަނިކުފާނެވެ. މިދެކަނބަލުންވެސް އުޅުއްވީ މުލީގޭގައެވެެ. މިދެކަނބަލުންނަށް މަޝްހޫރު ތިންބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ، ޙުސެން ބޮޑުދޮށިމޭނާ ކިލެގެފާނާއި، ޢަލީބޮޑުރަންނަބަނޑޭރި ކިލެގެފާނާއި، ދޮންޙަސަންމަނިކުފާނެވެ. މިއީ ދޮން ބަންޑާރައިންނެވެ. (މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ މަންމައަކީ، ފެންފުށީ ޢާއިޝާފާނެވެ.)

މުލީގޭ ދޮންޙަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންނާ އެއްބަނޑު އެއްބައްޕާފުޅު ޙުސެން ބޮޑުދޮށިމޭނާކިލެގެފާނު ކައިވެނި ކުރެއްވީ އާމިނާމަނިކުފާނު ކިޔާ ބޭކަނބަލަކާއެވެ. މިދެކަނބަލުންނަށް، މުޙައްމަދު މަނިކުފާނު ލިބިވަޑައިގަތެވެ. އެއީ، ޙާޖީބަންޑާރައިންނަށްފަހު، ރަސްކަންކުރެއްވި މުޙައްމަދު ޝަމްސުއްދީން (2) އެވެ. ފަހުން، މުޙައްމަދު ފާށަނާ ކިލެގެފާނެވެ. ހުރާގޭ ދަރިކޮޅުގެ ދެވަނަ ރަދުންނެވެ.

ދޮންޙަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންނާ އެއްބަނޑު އެއްބައްޕާފުޅު ޢަލީބޮޑުރަންނަބަނޑޭރި ކިލެގެފާނު ކައިވެނިކުރެއްވީ، ގަސްދޮށުގޭ ޢާއިޝާ މަނިކެފާނާއެވެ. (މިމަނިކެފާނަކީ، ހުރާދޮންމަރުދުރު ފަޑިއްކަލޭފާނުގެ، އިބްރާހީމް އެދުރުތަކުރުފާނުގެ، ޢަލީބޮޑު މުރީދުތަކުރުފާނުގެ، މުޙައްމަދު ކުޑަމުރީދުތަކުރުފާނުގެ ބޭފުޅެކެވެ. ޢަލީބޮޑުރަންނަބަނޑޭރި ކިލެގެފާނާއި، ގަސްދޮށުގޭ ޢާއިޝާ މަނިކެފާނަށް ޚަދީޖާކަބައިދިކިލެގެފާނާއި، ގަންޖުގޭ ތުއްތުދީދީއާ ދެދަރިކަނބަލުން ލިބިވަޑައިގަތެވެ. ޚަދީޖާކަނބައިދި ކިލެގެފާނުގެ ފަރާތްޕުޅުން، ހެންވޭރުގޭ ޢާއިލާ އުފެދުނެވެ. ގަންޖުގޭ ތުއްތުދީދީގެ ފަރާތްޕުޅުން، އެއްގަމުގޭ ޢާއިލާ އުފެދުނެވެ.

ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ރަސްކަމުގައި، ހޮޅީން ރާއްޖެހިފައި، އެރަދުން އިންޑިޔާއަށް ގެންދިޔައިރު، ރަދުންނަށް ވާހާލެއްވުމަށްޓަކައި، އަމިއްލައަށް އެދިގެން، ދޮންބަންޑާރައިންގެ ބައްޕާފުޅު، މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި، ދޮންބަންޑާރައިންގެ އަޚު ޙުސެން ބޮޑުދޮށިމޭނާ ކިލެގެފާނު އެނަވުން އިންޑިޔާއަށް ވަޑައިގަތެވެ. ބޮޑުދޮށިމޭނާ ކިލެގެފާނު ސަލާމަތްވެ، ރާއްޖެވަޑައިގަތެވެ. ފާމުލަދޭރި މަނިކުފާނު އަވަހާރަވީ އިންޑިޔާގައެވެ. މިކަމެއް ހިނގިއިރު، ދޮންބަންޑާރައިން ޒުވާންފުޅެވެ. ހޮޅީން ރާއްޖެހިފީ 1752 ޑިސެމްބަރ 20 ވަނަ ދުވަހުއެވެ.

ދޮންބަންޑާރައިންގެ ބައްޕާފުޅު، މުޙައްމަދު ފާމުލަދޭރި މަނިކުފާނު އަވާހަރަވި ޚަބަރު ލިބިވަޑައިގަތުމަށްފަހު، ދޮންބަންޑާރައިންގެ މަންމާފުޅު، މުލީގޭ ކުޑައާމިނާ މަނިކެފާނު މީހަކާ ކައިވެނި ކުރެއްވިއެވެ. އެއީ، ހައްދުންމަތީ ގަމު މަޙުމޫދު ރައްދެބައިގެ، އައްނާއިބު ޙުސައިން ޢަފީފުއްދީންގެ، މުޙައްމަދު މުޙިއްބުއްދީން (އަތިރީފަނޑިޔާރާ) އެވެ. މިދެކަނބަލުން ދިރިއުޅުއްވީ މުލީގޭގައެވެ. މިދެކަނބަލުންނަށް، ފަނޑިޔާރު ޢާއިޝާމަނިކެފާާނު ލިބިވަޑައިގަތެވެ. މިޢާއިޝާ މަނިކެފާނާ ކައިވެނިކުރެއްވީ، ޢަލީ ހަކުރާ މަނިކުފާނެވެ. މިދެކަނބަލުންގެ ޢާއިލާ ވަރަށް ފުޅާކޮށް ފެތުރިފައިވެއެވެ. ދޮންބަންޑާރައިންގެ ރަސްކަމުގައިވެސް، ފަނޑިޔާރަކީ، މިމުޙިއްބުއްދީނެވެ. ޢަލީހަކުރާ މަނިކުފާނަށް ދޮށިމޭނާކަން ދެއްވީވެސް ދޮންބަންޑާރައިންނެވެ.

ހޮޅީން ރާއްޖެ ހިފިއިރު ދޮންބަންޑާރައިން ވަރަށް ޒުވާންފުޅެވެ. އެއިރު އުޅުއްވީ ކައިވެނި ކުރައްވައިގެންނެވެ. އަނބިކަނބަލަކީ، ހުރާދޮންމަރުދުރު ފަޑިއްކަލޭފާނަށް ފެންފުށީ ބަނޑުން ލިބިވަޑައިގެންނެވި ދޮންޢަލީ ކަކާ ތަކުރުފާނުގެ އާމިނާ ބޮޑުދީދީއެވެ. މިދެކަނބަލުން އުޅުއްވީ މުލީގޭގައެވެ.

ހޮޅީން ރާއްޖެހިފައި، ގަނޑުވަރުތެރޭގެ ހުރިހާ ތަންތަން ރޯކޮށް އަންދާލީ 1752 ޑިސެމްބަރ 19 (1166 ޞަފަރު 12) އަންގާރަ ދުވަހުގެރޭ ގައެވެ. އެއީ މުލީގޭ ދޮންޙަސަން މަނިކުފާނުގެ ޒުވާން ޢުމުރު ފުޅުގައެވެ.

މުލީގޭ ދޮންޙަސަން މަނިކުފާނު، ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވީ 6 އެޕްރީލް 1753 ދުވަހުގެރޭ (1166 ޖުމާދުލްއާޚިރު 3 ވީ އާދީއްތަ ވިލޭރޭ) ގައެވެ. އެއަށްފަހު، ރަސްކަމަށް އިސްކުރެއްވީ އިބްރާހީމް ރަސްގެފާނުގެ އާމިނާކަނބާފާނެވެ. ދޮންޙަސަން މަނިކުފާނު ޤައުމުގެ ވެރިކަން ހިންގެވީ މުލީގޭގައި ހުންނަވައިގެންނެވެ. އާމިނާމަނިކެފާނު، ރަސްކަންދޫކޮށްލައްވައި، ފިރިކަލުން އައްޑޫ ޢަލީ ޝާހުބަންދަރާއެކު، އައްޑޫ ހިތަދުއަށް ވަޑައިގަތުމުން، ދެން ރަސްކަމަށް އިސްކުރެއްވީ، މުކައްެރަމް މުޙައްމަދު ޢިމާދުއްދީންގެ އާމިނާރަނި ކިލެގެފާނެވެ. ދޮންބަންޑާރައިން (ދޮންޙަސަންމަނިކުފާނު) ރަސްކަމަށް އިސްވެވަޑައިގަތީ، 1173 ރަބީޢުލްއާޚިރު މަހު 15 ވީ ބުރާސްފަތި ދުވަހު (5 ޑިސެމްބަރ 1759 ދުވަހު) އެެވެ. އެއިރުވެސް، ދޮންޙަސަން މަނިކުފާނު ދިރިއުޅުއްވީ، މުލީގޭގައެވެ.

ދޮންބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތުމާއެކު، މުލީގެ ދޫކުރައްވައި، ވެޔޮދޮށުގަނޑުވަރަށް ވަޑައިގެންފިއެވެ. އެއަށްފަހު، އެތެރެކޯލު (ގަނޑުވަރުތެރޭގެ ގެކޮޅުތައް) ހައްދަވައިފިއެވެ. ދޮންބަންޑާރައިން އެތެރެކޯލަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ހިޖްރައިން 1173 ވަނައަހަރުގެ ފަހުކޮޅުއެވެ. ދޮންބަންޑާރައިންގެ މަންމާފުޅު އޭރު ދިރިއުޅުއްވީ، ފަނޑިޔާރު ގޭގައެވެ. ފަނޑިޔާރު މުޙިއްބުއްދީން ޙައްޖަށް ވަޑައިގަތުމުން، ހޮޅީން ކަނޑުފެއްތި ޝަމްސުއްދީން ފަނޑިޔާރު މަނިކުފާނުގެ ޤާޟީ އިބްރާހީމް ބަހާއުއްދީނަށް ފަނޑިޔާރުކަން ދެއްވިއެވެ.

ދޮންބަންޑާރައިންގެ ރަސްކަމުގައި، އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު މަނިކުފާނު (ޙާޖީ ބަންޑާރައިން) ހޮޅީންގެ އަތްދަށުން ސަލާމަތްވެގެން ރާއްޖެ ވަޑައިގަތެވެ. މީނާ ބެހެއްޓެވީ އެތެރެކޯލުގައެވެ. ދޮންބަންޑާރައިން އަވަހާރަވުމަށްފަހު، ރަސްކަމަށް އިސްކުރެވުނީ، މިމުޙައްމަދު މަނިކުފާނެވެ. ޙާޖީބަންޑާރައިންނެވެ.

ޙާޖީބަންޑާރައިންގެ ރަސްކަމުގެ ވަރަށް ކުރީކޮޅު، ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން މުޙައްމަދު، ރަސްކަމަށް އިސްކުރައްވާން، ހުރާގޭ ބޮޑުން ރާވާކަމުގެ މަޢުލޫމާތު ޙާޖީ ބަންޑާރައިންނަށް ލިބިވަޑައިގަތެވެ. މިކަމުގެ ކުށުގައި، ދޮންބަންޑާރައިންގެ އަނބިކަނބަލުންނާއި، ތިންބޭފުޅުން، ކުޑަކިބާގެ ކޮޅުން ނެރުއްވައި، ވެޔޮގެއަށް ބަދަލު ކުރެއްވިއެވެ. އޭރު މުލީގެ ހުރީ ހުސްކޮށްކަމަށް ބުނެވެއެވެ.

ދޮންބަންޑާރައިންގެ ދޮށީދަރިކަލުންނަށް ރަސްކަން ހޯއްދަވައިދެއްވާން، ހުރާގޭ ބޮޑުން ރާވާކަމުގެ މަޢުލޫމާތު ލިބިވަޑައިގަތުމާއެކު، ދޮންބަންޑާރައިންގެ ޢާއިލާ ވެޔޮގެއަށް ބައްދަލުކުރައްވައި، އެއަށްފަހު، އެބޭފުޅުން އަރިއަތޮޅު ފެންފުށްޓަށް އަރުވާލެވުނެވެ. މިކަމެއް ހިނގީ ހިޖްރައިން 1180 ވަނައަހަރުގެ ފަހުކޮޅުގައެވެ. އެއީ، މީލާދީން 1767 ވަނައަހަރެވެ.

ދޮންބަންޑާރައިންގެ ޢާއިލާ "ފެންފުށީގަނޑުވަރު" ގައި ތިއްބަވަނިކޮށް، އެމައްސަލާގައި އަރުވާލެވުނު ހުރާގޭބޮޑުން، ފިއްލަވައިގެން ރާއްޖޭން ބޭރަށް ވަޑައިގަތުމާގުޅިގެން، ދޮންބަންޑާރައިންގެ ޢާއިލާ ފެންފުށިން އައްޑުއަތޮޅަށް ބަދަލުކުރެއްވިއެވެ. އައްޑޫގައި، އެބޭފުޅުން އަރުވާލާފައި ތިއްބެވީ ހިތަދޫ "ރަސްގެދަރަ" ކިޔާހިސާބު (މިހާރު ތަޢުލީމީ މަރުކަޒު އެހުންނަ ހިސާބު) ގައެވެ. އެދުވަސްވަރު، މުލީގެ ހުރީ ހުސްކޮށްކަމަށް ބުނެވެއެވެ.

ދޮންބަންޑާރާއިންގެ ޢާއިލާ، ހިތަދޫ "ރަސްގެދަރަ" އިން މާލެގެންނެވީ، މުޙައްމަދު ޝަމްސުއްދީން (2) ގެ ރަސްކަމުގައެވެ. އެއީ، ޙާޖީބަންޑާރައިން ޙައްޖަށް ވަޑައިގެން ހުންނަވަނިކޮށް، ރަސްކަން ބަދަލުވެ، ޝަމްސުއްދީން (2) މުޙައްމަދު މަނިކުފާނަށް ރަސްކަން ލިބިވަޑައިގަތުމުންނެވެ. މިއީ، ދޮންބަންޑާރައިންގެ އަޚު ޙުސެންބޮޑުދޮށިމޭނާ ކިލެގެފާނުގެ ބޭފުޅެކެވެ. މީނާ ރަސްކަމަށް އިސްވެވަޑައިގެން، ދޮންބަންޑާރައިންގެ ޢާއިލާ މާލެގެންނެވީ ހިޖްރައިން 1187 ވަނައަހަރުގެ ފަހުކޮޅުއެވެ.

ދޮންބަންޑާރައިންގެ ޢާއިލާ މާލެގެންނަވައި، ޝަމްސުއްދީން (2) ރަސްކަމުން ދުރުވެ، ދޮންބަންޑާރައިންގެ މުޙައްމަދުއެވެ ކިޔާ ދަރިކަލުންނަށް ރަސްކަން ދެއްވިއެވެ. އެއީ، މުޢިއްޒުއްދީން ކަޅުބަންޑާރައިންނެވެ. ކަޅުބަންޑާރައިން ރަސްކަމަށް އިސްކުރެވުނީ ހިޖްރައިން 1187 މީލާދީން 1774 ގައެވެ. މިހެންކަމާއިއެކު، ދޮންބަންޑާރައިންގެ ޢާއިލާ، އައްޑޫން މާލެވަޑައިގަތުމަށްފަހު، މުލީގޭގައި ދިރިއުޅުއްވައިފައެއް ނުވެއެވެ. ސަރުކާރުން ނުވަތަ ޢާއިލާއިން މުލީގެ ބަލަހައްޓާފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

މުޙައްމަދު މުޢިއްޒުއްދީން ކަޅުބަންޑާރައިންގެ ދެއަނބި ކަނބަލުން ތިއްބެވިއެވެ. އެއީ، އައްޑޫ އާމިނާމަނިކެފާނާއި، ދޮންބީނާގޭ އާމިނާދީދީއެވެ. ކަކާގޭ ޢާއިލާ އުފެއްދި، ކަކާގޭ ކަޅުގޮމަ ޢާއިޝާ ރަނިކިލެގެފާނުގެ މަންމާފުޅަކީ، ދޮންބީނާގެ އާމިނާދީދީއެވެ. ކަޅުބަންޑާރައިން އަވަހާރަވެ، ކޮއްކޯފުޅު ޙަސަންނޫރައްދީން (1) އަށް، ރަސްކަން ލިބިވަޑައިގަތީ 1192 ރަމަޟާންމަހު 3ވަނަ ދުވަހުއެވެ. އޭރުވެސް، މުލީގެހުރީ ހުސްކޮށެވެ.

ދޮންބަންޑާރައިންގެ ދޮށީދަރިކަލުން ކަޅުބަންޑާރައިން އަވާހަރަވެ، ކޮއްކޯފުޅު ޙަސަން ނޫރައްދީން (1) ރަސްކަމަށް އިސްވެވަޑައިގެން 20 އަހަރާއި 11 މަހާއި 15 ދުވަހު ރަސްކަން ކުރެއްވިއެވެ. ޙަސަން ނޫރައްދީންގެ ދަރިކަލުން، މުޙައްމަދު މުޢީނުއްދީން (1) ރަސްކަމަށް އިސްކުރެއްވުނީ، ޙަސަން ނޫރައްދީން ދެވަނަފަހަރަށް ޙައްޖަށް ވަޑައިގަތުމަށްޓަކައި، މުޢީނުއްދީނާ ރަސްކަން ހަވާލުކުރެއްވީމާ 1799 ޖެނުއަރީ 23 ވަނަދުވަހު (17 ޝަޢުބާން 1213 ދުވަހު) އެވެ.

މުޢީނުއްދީން ރަދުން 37 އަހަރާއި 1 މަހާ 4 ދުވަހު ރަސްކަން ކުރެއްވިއެވެ. 20 ޖެނުއަރީ 1835 ގައި އަވަހާރަވުމުން، ރަސްކަން ލިބިވަޑައިގަތީ، ދަރިކަލުން މުޙައްމަދު ޢިމާދުއްދީން (4) މުސްކުޅި ބަންޑާރައިންނަށެވެ. މިރަދުން 48 އަހަރާ 4 މަހާ 28 ދުވަހު ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ 10 ޖެނުއަރީ 1882 (20 ޞަފަރު 1299) ގައެވެ.

މުސްކުޅި ބަންޑާރައިން އަވަހާރަވިއިރު، ފިރިހެން ދެބޭފުޅުން ތިއްބެވިއެވެ. އެއީ، ޙަސަން ޢިއްޒުއްދީން ބޮޑުދޮށީ މަނިއްޕުޅާއި، އިބްރާހީމް ނޫރައްދީންއެވެ. ބޮޑުދޮށީ މަނިއްޕުޅަކީ ލޯފަން ބޭފުޅަކަށްވާތީ (އާދަކާދައިގެ މަތިން) ރަސްކަން ލިބިވަޑައިގަތީ، ހަގުދަރިކަލުން ނޫރައްދީން ބަންޑާރައިންނަށެވެ.

ނޫރައްދީން ބަންޑާރައިންގެ ރަސްކަމުން 5 އަހަރާ 1 މަހާ 12 ދުވަސްވިތަނާ، ހަވަރު އެއްވެ ރަސްކަން ބަދަލުކޮށް، ބޮޑުދޮށީ މަނިއްޕުޅުގެ ދޮށީ ދަރިކަލުން މުޙައްމަދު މުޢީނުއްދީން (2) ކުޑަބަންޑާރައިން ރަސްކަމަށް އިސްކޮށްފިއެވެ. (ބޮޑުހުޅު ޖެހުމާއި، އިގިރޭސި ޙިމާޔަތުގެދަށަށް ދިއުން ރާއްޖެ ދުށީ، ކުޑަބަންޑާރައިންގެ ރަސްކަމުގައެވެ.)

ކުޑަބަންޑާރައިން ރަސްކަމަށް އިސްކުރީ 1886 ޑިސެމްބަރ 28 (1304 ރަބީޢުލް އާޚިރު 2) ގައެވެ. މިރަދުން 2 އަހަރުދުވަހު ރަސްކަން ކުރެއްވިތަނާ، ސިލޯނުގައި އޮތް އިގިރޭސި ސަރުކާރުން، ރަސްކަން ބަދަލުކޮށް، ނޫރައްދީން ބަންޑާރައިން، ދެވަނަފަހަރަށް ރަސްކަމަށް އިސްކޮށްފިއެވެ. އެއީ މީލާދީން 1888 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ނުވަތަ ޑިސެމްބަރުމަހުއެވެ. 1306 ރަބީޢުލް އާޚިރު މަސް ހާތާނގައެވެ.

ދެވަނަފަހަރު، ނޫރައްދީން ބަންޑާރައިން ހަތަރުއަހަރެއްހާ ދުވަހު ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ 8 ޖުމާދުލްއޫލާ 1310 (28 ނޮވެމްބަރ 1892) ގައެވެ. އެއިރު މުލީގޭގައި މީހުން ދިރިއުޅެއެވެ.

މުލީގޭ ދޮންހަސަންމަނިކުފާނު ނުވަތަ ދޮންބަންޑާރައިންނަށް ރަސްކަން ލިބިވަޑައިގަތުމުން، މުލީގެ ދޫކުރައްވައި، ވެޔޮދޮރު ގަނޑުވަރަށް ވަޑައިގަތީ، ހިޖުރައިން 1173 ވަނައަހަރުގެ މެދެއްހާތާނގައެވެ. އޭގެފަހުން މުލީގެ ހުރީ ހުސްކޮށެވެ. ލަފާކުރެވޭގޮތުގައި 1 ޤަރުނަށްވުރެ ގިނަދުވަހު މުލީގެ ހުސްކޮށްހުއްޓެވެ.

މުލީގެ ހުސްކޮށް ހުއްޓާ، ދެން ދިރިއުޅެން ފެށީ، އިބްރާހީމް ނޫރައްދީން ރަދުންނަށް މުލީގެ ލިބިވަޑައިގަތީމައެވެ. އެއީ، ގާތްގަނޑަކަށް، ހިޖްރައިން ބާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ މެދަކާ ހަމަތާނގައެވެ.

އިބްރާހީމް ނޫރައްދީންގެ ބައްޕާޕުޅުގެ ދެގެ ހުރިކަމަށްވެއެވެ. އެއްގެއަކީ މާންދޫގެއެވެ. އެގެ ދެއްވީ ބޮޑުދޮށީ މަނިއްޕުޅަށެވެ. އަނެއްގެއަކީ މުލީގެއެވެ. އެގެ ދެއްވީ ނޫރައްދީން ބަންޑާރައިންނަށެވެ. މުލީގޭގައި ވަޒަންވެރިކުރުއްވީ، ނޫރައްދީން ބަންޑާރައިންގެ އަނބިކަނބަލެއްކަމަށްވާ، ކަކާގޭ ގޮމައެވެ. ކަކާގޭ ޚަދީޖާދީދީއާއި، ވެޔޮގެ މަނިއްޕުޅުގެ ގޮމައެވެ. ދެން އެގޮމައާއި، ނޫރައްދީން ބަންޑާރައިންގެ ތިންބޭފުޅުންކަމަށްވާ، މުލީގޭ މަނިއްޕުޅާއި، މުލީގޭ މެދުގޮމައާއި، މުލީގޭ ދޮންގޮމައެވެ.

(މުލީގޭ މަނިއްޕުޅަކީ، މުޙައްމަދު ޝަމްސުއްދީން (3) އެވެ. މެދުގޮމައަކީ، އަތިރީގޭ ސަފީރު ޢަބްދުލްޙަމީދުގެ އަނބިކަނބަލުންނެވެ. ދޮންގޮމައަކީ، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އަނބިކަނބަލުންނެވެ. މުޙައްމަދު ފަރީދު ރަދުންނާއި، ޙަސަން ފަރީދު ދީދީގެ މަންމާފުޅެވެ.)

އިބްރާހީމް ނޫރައްދީން ރަދުން، ކަކާގޭ ގޮމަޔާ ކައިވެނިކުރެއްވީ، ރަސްކަން ލިބިވަޑައިގަތުމުގެ (ގާތްގަނޑަކަށް) ހަތަރުފަސްއަހަރު ކުރިންނެވެ. ނޫރައްދީނަށް ފުރަތަމަ ފަހަރު ރަސްކަން ލިބިވަޑައިގަތީ 20 ޞަފަރު 1299 ގައެވެ. ނޫރައްދީނާއި ކަކާގޭ ގޮމައިގެ ދޮށީ ދަރިކަލުން (ޝަމްސުއްދީން ރަދުން) ލިބިވަޑައިގަތީ 6 ޛުލްޤައިދާ 1296 ގައެވެ. އެއިރު އުޅުއްވީ މުލީގޭގައެވެ. އެހެންވީމާ ދޮންބަންޑާރައިން މުލީގެ ދޫކޮށްލެއްވި ދުވަހުންފެށިގެން، ނޫރައްދީން ބަންޑާރައިން މުލީގޭގައި ދިރިއުޅުއްވާން ފެއްޓެވުމާހަމައަށް (1173ހ. ‐ 1295.ހ) ސަތޭކަ ބާވީސް އަހަރުވަންދެން (ގާތްގަނޑަކަށް) މުލީގެ ހުރީ ހުސްކޮށެވެ. އިބްރާހީމް ނޫރައްދީނާއި، ކަކާގޭ ގޮމަ މުލީގެއަށް ވަޑައިގަތީ، ގާތްގަނޑަކަށް، ބާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ މެދަކާ ހަމަތާނގައެވެ.

އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި، އެތެރެކޯލުގައި އުޅުއްވިޔަސް މުލީގެ ފަޅުކޮށެއް ނުލައްވައެވެ. ފުރަތަމަ ފަހަރު ރަސްކަން ވަކިވުމުން، ނޫރައްދީން އުޅުއްވީ، އާގަނޑުވަރުގައެވެ. މުލީގޭ ބޭފުޅުން އުޅުއްވީ މުލީގޭ ގައެވެ. ބަންޑާރައިން އަވަހާރަވީމާވެސް މުލީގޭ ބޭފުޅުން އުޅުއްވީ މުލީގޭގައެވެ.

އިބްރާހީމް ނޫރައްދީން އަވަހާރަވިއިރު، އެންމެދޮށީ ބޭފުޅަކީ، މުލީގޭ މަނިއްޕުޅެވެ. ޢުމުރުފުޅަކީ 12 ނުވަތަ 14 އަހަރެވެ. އެކަމަކު، ރަސްކަން ލިބިވަޑައިގަތީ، ޢުމުރުފުޅުން 8 އަހަރުގެ ދަރިކަލުން އާގަނޑުވަރު މަނިއްޕުޅަށެވެ.

އާގަނޑުވަރު މަނިއްޕުޅުގެ ރަސްކަމަށް 5 މަހާ 10 ދުވަސްވީތަނާ، ހަވަރުއެއްވެ ރަސްކަން ބަދަލުކޮށް، މުލީގޭ މަނިއްޕުޅު ރަސްކަމަށް އިސްކޮށްފިއެވެ.

މުލީގޭ މަނިއްޕު (ޝަމްސުއްދީން 3) ގެ ރަސްކަމަށް 2 މަހާ 15 ދުވަސްވީތަނާ، ހަވަރުއެއްވެ ރަސްކަން ބަދަލުކޮށް، ޙާޖީޢިމާދުއްދީން ރަސްކަމަށް އިސްކޮށްފިއެވެ. (މުލީގޭ މަނިއްޕުޅުގެ ރަސްކަން ފެށުނީ 20 ސައްވާލު 1310 (7 މެއި 1893) ގައެވެ. ޙާޖީޢިމާދުއްދީންގެ ރަސްކަން ފެށުނީ 6 މުޙައްރަމް 1311 (20 ޖުލައި 1893) ގައެވެ.) ޙާޖީޢިމާދުއްދީން ރަސްކަމަށް އިސްކުރުމާއެކު، މުލީގޭ މަނިއްޕުޅު، މުލީގޭގައި ބަންދުކޮށްފިއެވެ. މުލީގޭ ބޭފުޅުން އެއިރުވެސް މުލީގޭގައި ދިރިއުޅުއްވިއެވެ.

އޭގެފަހުން، ޙާޖީޢިމާދުއްދީން ސުވޭހުގައި ހުންނަވަނިކޮށް ރަސްކަންބަދަލުވެ، މުލީގޭ މަނިއްޕުޅަށް ދެވަނަފަހަރަށް ރަސްކަން ލިބިވަޑައިގަންނަވަންދެން، އެމަނިއްޕުޅު ހުންނެވީ، މުލީގޭގައި ބަންދުގައެވެ. ދޮންގޮމައާއި މެދުގޮމައާއި، ތިންބޭފުޅުންގެ މަންމާފުޅު ކަކާގެ ގޮމަވެސް މުލީގޭގައި އުޅުއްވިއެވެ. ދޮންގޮމާގެ ފިރިކަލުން، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި، މެދުގޮމާގެ ފިރިކަލުން ސަފީރު ޢަބްދުލް ޙަމީދު ދީދީވެސް މުލީގޭގައި އުޅުއްވިއެވެ. މުލީގޭ މަނިއްޕުޅަށް ދެވަނަފަހަރު ރަސްކަން ލިބިވަޑައިގަތީ 1320 ޒިލްޙައްޖާ 11 ވިލޭރޭ (1903 މާރޗް 11) ގައެވެ.

މުލީގޭ މަނިއްޕުޅު (މުޙައްމަދު ޝަމްސުއްދީން 3) މުލީގޭގައި ބަންދުގައި ހުންނެވި ދުވަސްވަރު 3 ބޭފުޅުންނާ ކައިވެނި ކުރެއްވިއެވެ. ފުރަތަމަ ކައިވެނިކުރެއްވީ، ކަހަނބުގޭ ދީދީއާއެވެ. މިދީދީއަށް ބޭފުޅަކު ލިބިވަޑައިނުގަންނަވަނީސް ވަރިކުރައްވައިފިއެވެ. ދެންކައިވެނިކުރެއްވީ، ކަޅުހުރާގޭ ސައްޔިދުޢަލީ ބޮޑުސީދީގެ ސިއްތިއާއެވެ. އެސިއްތިއަށް ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ލިބިވަޑައިގަތެވެ. އެއީ 5 ޝަޢުބާން 1319 ގައެވެ. އެއާއެކުހެން ދާދިއަވަހަށް ސިއްތި އަވަހާރަވެއްޖެއެވެ. ދެން ޙަސަން ޢިއްޒުއްދީން މަނިއްޕުޅު (މުލީގޭގައި) ގެންގުޅުއްވީ، މާމާފުޅު ކަކާގޭ ގޮމައެވެ. ޝަމްސުއްދީން ތިންވަނައަށް ކައިވެނިކުރެއްވީ، މެދުގަނޑުވަރު ދޮށީ ގޮމަޔާއެވެ. މިގޮމަ ޝަމްސުއްދީން ރަދުން އަވަހާރަވިއިރުވެސް ދުނިޔޭގައި އިންނެވިއެވެ.

މުލީގޭ މަނިއްޕުޅަށް ދެވަނަފަހަރު ރަސްކަން ލިބިވަޑައިގެންއިރު، ޙަސަން ޢިއްޒުއްދީން މަނިއްޕުޅުގެ ޢުމުރުފުޅުން ދޮޅުއަހަރެވެ. މެދުގަނޑުވަރު ގޮމައަށް ލިބިވަޑައިގަތް ތިއްތި ގޮމަފުޅަށް އޮތީ އެއްއަހަރަށެވެ. ރަސްކަން ލިބިވަޑައިގަތުމާއެކު އެންމެ ބޭފުޅުން އެތެރެކޯލަށް ވަޑައިގެންފިއެވެ.

ޝަމްސުއްދީންރަދުންނަށް ދެވަނަފަހަރަށް ރަސްކަން ލިބިވަޑައިގަތުމުގެކުރިން، ދޮންގޮމައަށް މުޙައްމަދު ފަރީދު ލިބިވަޑައިގެންފިއެވެ. އެއީ 24 ޞަފަރު 1319 ގައެވެ. އޭގެކުރިން 1318 މުޙައްރަމް 13 ވަނަދުވަހު މެދުގޮމަ އަވަހާރަވެއްޖެއެވެ. 1320 ޒިލްޙައްޖާ 11 ވިލޭރޭ ޝަމްސުއްދީނަށް ދެވަނަފަހަރަށް ރަސްކަން ލިބިވަޑައިގެން، އެތެރެކޯލަށް ވަޑައިގަތުމަށްފަހު، ދާދިއަވަހަށް ދޮންގޮމައާއި، ރަންނަބަނޑޭރި ކިލެގެފާނާއި، މުޙައްމަދު ފަރީދުދީދީ އެތެރެކޯލަށް ގެންދަވައިފިއެވެ.

އެތެރެކޯލުގައި، ދޮންގޮމާގެ ޢާއިލާ ދިރިއުޅުއްވީ ވެޔޮގޭގައެވެ. ފަހުން، އުސްގެކޮޅު ނިންމަވައިގެން އެގެއަށް ވަޑައިގެންފިއެވެ. ޙަސްނަފަރީދު ދީދީ ރައްކާވީ 28 ޖުމާދުލްއޫލާ 1322 ގައެވެ. މިބޭފުޅުން އެތެރެކޯލަށް ވަޑައިގަތުމުން، ވަގުތީގޮތުންނަމަވެސް، މުލީގެ ހުސްވީއެވެ. އެދުވަހުންފެށިގެން މިހާރު އެހެރަފާޑަށް ޢިމާރާތްކޮށް ދިރިއުޅެން ފަށަންދެން (ގާތްގަނޑަކަށް) އަށެއްކައަހަރު، މުލީގެ ހުސްކޮށް ހުއްޓެވެ. (އުސްގެކޮޅަކީ، މިހާރު ދާރުލްއާޘާރު އެހުންނަ ޢިމާރާތެވެ. އެއީ، ޙާޖީ ޢިމާދުއްދީން ސުވޭހު އަނބިކަމަނާ ދިރިއުޅުއްވަން ހެއްދެވިގެއެވެ. ރަސްކަން ބަދަލުވުމަށްފަހު، އެގެ މުޅީން ނިންމެވީ، ޝަމްސުއްދީން ރަދުންނެވެ.)

މިހާރު އެހަރަގޮތަށް މުލީގެ ޢިމާރާތްކުރެއްވީ، ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި، ސަރުކާރުގެ ޚަރަދުގައި، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ދިރިއުޅުއްވުމަށްޓަކައެވެ. މުލީގެ ޢިމާރާތް ކުރެއްވުމަށްޓަކައި، މުލީގެ ހުރި ކޮށިސާފުކުރައްވައި، މީސްމީހުންގެ ފަސްގެނަންގަވައި، ފުރިހަމަ ބަދަލުދެއްވިއެވެ. މިހާރުގެ މުލީއާގެ ހިމެނޭކޮށި އެގެއަށް ޚާއްޞަކުރެވުނީ އޭރުގައެވެ. މުލީގެ ޢިމާރާތް ކުރެއްވީ، ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އިސްވެހުންނަވައި، އަޙްމަދު ދޮށިމޭނާކިލެގެފާނުގެ ފާޑުވެރިކަމުގައި، ސިލޯނުން ހުރިހާ އެއްޗެއް ގެންނަވައިގެން، ސިލޯނުގެ ފައްނާނުންނާއި މަސައްކަތްތެރީން ލައްވައެވެ.

މުލީގޭ ބިންގާއެޅީ 14 ރަބީޢުލް އައްވަލު 1332 (10 ފެބްރުއަރީ 1914) ގައެވެ. މިހާރުއެހަރަ ފެންވަރުގައި ޢިމާރާތްނިމި، މާލޫދު ކިޔައި ގެކޮޅު ހުޅުވީ 1338 ރަބީއުލް އައްވަލު 14 (7 ޑިސެމްބަރ 1919) ގައެވެ. އޭރު ޙަސަން ޢިއްޒުއްދީން މަނިއްޕުޅުގެ ޢުމުރުފުޅުން 20 އަހަރެވެ. މުލީގެ ހުޅުވިދުވަހު އެގެއަށް "ހެންވޭރު ގަނޑުވަރު" މިނަން ދެވުނެވެ. ޝަމްސުއްދީން ދެވަނަފަހަރު ރަސްކަމަށް އިސްކުރެވުނުރޭ މަތިގޭގައި ކިޔެވި ޞަލަވާތްފުޅު، ހެންވޭރު ގަނޑުވަރު ހުޅުވި ދުވަހު، މާލޫދުފުޅަށްފަހު ކިޔެވުނެވެ. އޭގެފަހުން ކޮންމެއަހަރަކު އެކަން އޮވެއެވެ. މިއަށްފަހަކު މުލީގެއެއްނެތެވެ.

ހެންވޭރުގަނޑުވަރު ހުޅުވިއިރު އަދި މުޅީން ހުރިހާކަމެއް ނުނިމެއެވެ. ގަނޑުވަރުގެ ހުރިހާކަމެއް ފުރިހަމަ ކުރެވުނީ ދުވަސްކޮޅެއްފަހުންނެވެ. ހެންވޭރުގަނޑުވަރު ނިމުމާއެކު، ޙަސަން ޢިއްޒުއްދީން މަނިއްޕުޅަށް އެގަނޑުވަރު ޚާއްޞަ ކުރެވިއްޖެއެވެ. އަރިހުބޭކަލުންނާއި، ޚައްދާމުންނާއި، ނޯކިރީން ގަނޑުވަރަށް ލައްވައިފިއެވެ. އެއިރު، ޙަސަން ޢިއްޒުއްދީން ހުންނެވީ ކިޔަވައި ވިދާޅުވެ ނިންމަވައި، މާލެވަޑައިގެން، އެތެރެކޯލުގައެވެ.

ޙަސަންޢިއްޒުއްދީން ކިޔަވާ ވިދާޅުވާން ސިލޯނަށް ފުރާވަޑައިގަތީ 24 ޖުމާދުލްއައްވަލް 1331 (1 މެއި 1913) ގައެވެ. 7 އަހަރުވަންދެން ކިޔަވާވިދާޅުވުމަށްފަހު މާލެވަޑައިގަތީ 24 ޖުމާދުލްއައްވަލް 1338 (15 ފެބްރުއަރީ 1920) ގައެވެ. އޭރު އުމުރުފުޅުން 20 އަހަރެވެ. މާލެވަޑައިގަތްއިރު (14 ރަބީޢުލްއައްވަލް 1338- 7 ޑިސެމްބަރު 1919 ގައި) ވަނީ، ގަނޑުވަރު ހުޅުވައިފައެވެ. ގަނޑުވަރު ބިންގާއެޅީ، ރަސްކަމުން 12 ވަނަ އަހަރުއެވެ. ހުޅުވީ ރަސްކަމުން 18 ވަނަ އަހަރުއެވެ. ގަނޑުވަރު ހުޅުވައި، މަނިއްޕުޅު ވިދާޅުވާ ވައްތަރުގެ ފަރުނީޗަރު، ސިލޯނުންގެނެސް، ގަނޑުވަރު ފުރާފުރިހަމަ ކުރެވެންދެން، އެތެރެކޯލުގައި މަނިއްޕުޅު ހުންނެވިއެވެ. ހެންވޭރުގަނޑުވަރަށް ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ރަސްމީގޮތުން ބަދަލުވެވަޑައިގަތީ 1338 ރަޖަބުމަހު އެކެއްވީ ހޯމަ ވިލޭރޭ (22 މާރޗް 1920) ގައެވެ. މިއީ، މިހާރު މިހިރަގޮތަށް ޢިމާރާތްކުރުމަށްފަހު (މުލީއާގެ) ހެންވޭރުގަނޑުވަރުގައި މީހުން ދިރިއުޅެންފެށި ދުވަހެވެ. އެއަށްފަހު މިހާރު 88 އަހަރާ 11މަސް (މީލާދީގޮތުން) ވެއްޖެއެވެ.

ޙަސަން ޢިއްޒުއްދީން މަނިއްޕުޅުގެ އަރިހު ބޭކަލުންގެގޮތުގައި، ހެންވޭރު ގަނޑުވަރުގައި އުޅުނު ޚައްދާމުންގެ އިސްމީހުންނަކީ، އޮއްކޮ ދޮންކޮއްކޮ އާއި، މާލިމީކޮއި ޅަހުއްތުއާއި، ރަތްމަސް ކުޑަދޮންމަނިކެވެ. މަނިއްޕުޅުގެ އެންމެ އަރިސްބޮޑަކީ، ގަލޮޅުގޭ އިބްރާހީމްދީދީއެވެ. އެއީ، އެކުގައި ކިޔަވައި ވިދާޅުވާން ސިލޯނުގައި އުޅުއްވި ރަޙްމަތްތެރިއެކެވެ. ހެންވޭރުގަނޑުވަރަށް އާދަކޮށް ގޮސްއުޅޭ މީހުންގެތެރޭގައި، ގުޅީ ޢީސާކަލޭފާނާއި، ހިތިލާގޭ އިބްރާހީމް ދީދީ ހިމެނެއެވެ.

ހެންވޭރުގަނޑުވަރުގައި، ޙަސަން ޢިއްޒުއްދީން މަނިއްޕުޅުގެ ދިރިއުޅުއްވުން ފެށްޓެވުމާއިއެކު މީހަކާ ކައިވެނިބައްލަވައިގަތުމުގެ ވަގުތު އަތުވެއްޖެއެވެ. މިކަމަށް ކަނޑައެޅުނީ، އާގޭ ދީދީއެވެ. އަތިރީގޭ އާމިނާދީދީއެވެ. އެއީ، އަތިރީގޭ އަޙްމަދު ދޮށިމޭނާކިލެގެފާނާއި، ރޯނުގޭ ޢާއިޝާދީދީޔާ ދެކަބަލުންގެ ބޭފުޅެކެވެ.

ޙަސަން ޢިއްޒުއްދީން މަނިއްޕުޅާއި، އާގޭދީދީގެ ކައިވެނިފުޅު ކުރެވުނީ 1339 ޝަޢުބާންމަހު 15 ވީ ހޯމަވިލޭރޭ (1921 އޭޕްރީލް 23 ދުވަހުގެރޭ) ގައެވެ. ހެންވޭރުގަނޑުވަރުގައިއޮތް މިކައިވެނިފުޅަށް، އާގޭދީދީ، އަތިރީގޭ އާގެއިން ހެންވޭރުގަނޑުވަރަށް ވަޑައިގަތީ، އަރިހުބޭކަލުންނާއެކު، ކީމަކޮޅުގައެވެ. 4 ފިރިހެނުން ހެކިކޮށް، މިކައިވެނިފުޅު ކޮށްދެއްވީ ބަނޑާރަނައިބުމަނިކުފާނު ޙުސައިން ޞަލާޙުއްދީނެވެ. މިކައިވެނިފުޅުގެ ވަލީމާ (ވެޑިންގޕާޓީ) އަށް 300 އަންހެނުންނަށް ދަޢުވަތު ދެވިގެން، ހެންވޭރު ގަނޑުވަރަށް ވަޑައިގަތެވެ.

ހެންވޭރުގަނޑުވަރު ހުޅުވިދުވަހު، ދައުލަތުގެ ބޮޑުންނާއި ވޯރާވިޔަފާރިވެރީންނަށް ޖާފަތް ދެއްވައި، ގަނޑުވަރު ދެއްކުނު އޮތެވެ. އެދުވަހުގެރޭގައި، ބޮޑުންގެ އަނބިއަނބިކަނބަލުންނާއި އަންހެންބޭފުޅުންނަށް ޖާފަތް ދެއްވައި، ގަނޑުވަރު ދެއްކުން އޮތެވެ. އެދުވަހު، އެގަނޑުވަރު ދުށް ކޮންމެމީހަކުވެސް އަޖައިބުވެ އަންތަރީސް ވީކަމަށް ބުނެވެއެވެ. ޙަސަން ޢިއްޒުއްދީން މަނިއްޕުޅު، އާގޭދީދީޔާ ކައިވެނި ބައްލަވައިގެން ދިރިއުޅުއްވާން ފެށްޓެވީ މިފުރިހަމަ ގަނޑުވަރުގައެވެ.

މިދެބޭފުޅުން ކައިވެނިކުރެއްވިއިރު، މަނިއްޕުޅުގެ އުމުރުފުޅުން 20 އަހަރު ކިރިޔާ (ހިޖްރީގޮތުން) ފުރުނީއެވެ. އާގޭ ދީދީގެ ޢުމުރުފުޅުން 12 (ބާރަ) އަހަރު ކިރިޔާ (ހިޖްރީ ގޮތުން) ފުރުނީއެވެ. ބުނެވެނީ، މިދެބޭފުޅުންގެ ކައިވެނިފުޅު ކުރެވުނީ، އެއްބޭފުޅަކު އަނެއްބޭފުޅަކު ފެނިވަޑައިނުގެން ތިއްބަވާ ކަމުގައެވެ. ނަމަވެސް، އަތިރީގެއާއި ގަނޑުވަރުތެރޭގެ ގުޅުން ބޮޑުކުރުމަށްޓަކައި (ޝާހީ ވިރާސީ ރަސްކަމުގެ ބާރުފުޅާ ކުރުމަށްޓަކައި) މިކައިވެނިފުޅު ކުރެވުނީއެވެ. އެއިރު، ޝަމްސުއްދީން ރަދުންގެ ބޮޑުވަޒީރަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. އެއީ އާގޭދީދީގެ ބައްޕަގެ ބައްޕައެވެ. (ބައްޕަ ފަރާތު ކާފައެވެ.) އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ އަނބިކަނބަލުންނަކީ، ޝަމްސުއްދީން ރަދުންގެ ބައްޕާފުޅާ އެއްބަނޑު އެއްބައްޕާފުޅު، މާންދޫގޭ ގޮމައެވެ. ޝަމްސުއްދީން ރަދުންގެ ބޮޑުދައިތާފުޅެވެ. ބޮޑުބަނޑޭރިއަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން ޢަބްދުލްމަޖީދު ދީދީ (ރަންނަބަނޑޭރި ކިލެގެފާނު) އެވެ. ޢަބްދުލްމަޖީދު ދީދީ ކައިވެނިކުރައްވައިގެން އުޅުއްވީ، ޝަމްސުއްދީން ރަދުންގެ ކޮއްކޯފުޅު ދޮންގޮމަޔާއެވެ. ރަދުންގެ ކާތިބުއްސިއްރު (ޕްރައިވެޓް ސެކެރޓްރީ) އަކީ، އާގޭދީދީގެ ބައްޕަ (އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދޮށީ ދަރިކަލުން) އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނެވެ.

މިކަންމިހެން އޮތުމުގެ ސަބަބުން، ރަސްކަމުގެ ބާރުގަދަވެ، އަތިރީގޭ ބޭފުޅުންނާއި ރަދުންގެ ގުޅުން ބޮޑުވެ، ވެރިކަމުގެ މޫރިތިކަން ވިދާބަބުޅާފައިވެއެވެ. އެދުވަސްވަރު، ހެންވޭރު ގަނޑުވަރަށް އައިސްފައިވާ އުޖާލާކަމުގެ ސަބަބުން، ރަދުންގެ ހިތްޕުޅު ވަރަށް ހަމަޖެހިވަޑައިގެންފައިވެއެވެ. ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި އައި، އެންމެ އުފާވެރި ދުވަސްވަރަކީ، މިއެވެ. ހެންވޭރު ގަނޑުވަރުގެ ހަނީމޫނުގެ ދުވަސްވަރެވެ.

ހެންވޭރުގަނޑުވަރުގެ ހަނީމޫނުގެ ދުވަސްވަރުގެ އުފާވެރިކަން ނިމުނީ، ދެމަފިރިކަނބަލުންގެ ޒަަވާޖީ ޙަޔާތް ވަރަށްބޮޑަށް ބަނަވުމާގުޅިގެންނެވެ. ބުނެވޭގޮތުގައި، އާގޭ ދީދީއާ ކައިވެނިކުރައްވައިގެން ހެންވޭރުގަނޑުވަރަށް ގެންދެވިތާ މާގިނަދުވަހެއްނުވެ، ޙަސަން ޢިއްޒުއްދީން ދެވަނައަނބިކަނބަލަކު ހޯއްދަވައިފިއެވެ. އަދި، ހެންވޭރުގަނޑުވަރުގެ މަޝްހޫރު ނާޗަރަންގީ ފަށްޓަވައިފިއެވެ.

"ހެންވޭރުގަނޑުވަރު ނާޗަރަންގީ" އަކީ، ދިވެހި ތާރީޚުގައި މަޝްހޫރު ވާހަކައެކެވެ. ފުރަަތަމަ ފެށުނީ މިޔްޒިކްގެ ރޭތަކެވެ. މަނިއްޕުޅު ހުންނެވީ، ސިލޯނުން ވަރަށް މޮޅަށް މިޔްޒިކް ދަސްކުރައްވާފައެވެ. މަނިއްޕުޅު ލަވަ ވިދާޅުވެއެވެ. ރޫބައަޅުއްވައިގެން ނަށްޓަވައެވެ. ގިޓާ، ހަރުމޯނިޔަމް، ނަރުކޮއްޓި، ބޭލާ، ބެރު، ތަބުޅާ، ސަރިންދާ، ކުޅުއްވައެެވެ. މިއާއެކުހެން، އަންހެން ކުދީންނާއި ފިރިހެން ކުދީންގެ މަޖާރޭތައް ހެންވޭރުގަނޑުވަރަށް އަތުވެއްޖެއެވެ.

ހެންވޭރުގަނޑުވަރުގެ ނާޗަރަންގީގެތެރޭގައި، އިނދެވަރިކުރުމުގެ (ތަސްބީހަފަތިގުނާ) ސިލްސިލާއެއް މަނިއްޕުޅު ފަށްޓަވައިފިއެވެ. މިކަމާ، އާގޭ ދީދީ ހިތްޕުޅަކާ ނުވިއެވެ. މިހެންވުމުން އެދެބޭފުޅުންގެ ދެމެދުގައި މައްސަލަޖެހޭގޮތް ވެއްޖެއެވެ. އަރާރުމާއި ހިފާތެޅުން ފެށިއްޖެއެވެ. ބުނެވެނީ، އެދެބޭފުޅުންގެ ކައިވެނިފުޅު ދެމިއޮތީ ދެއަހަރެއްހައިދުވަހު ކަމުގައެވެ. މިދެބޭފުޅުންގެ މައްސަލައިގެ ޚަބަރު، އަޙްމަދު ދޮށިމޭނާކިލެގެފާނަށް ލިބިވަޑައިގަތުމާއެކު، މައްސަލަ ނުބައިވާގޮތް ވެއްޖެއެވެ. ނަމަވެސް، ވަރިވެވަޑައިގެން، އާގެއަށް ވަޑައިގެންނެވިއިރު، އާގޭދީދީވަނީ، މަނިއްޕުޅު ކުރެއްވި އަނިޔާތަކުގެ ސަބަބުން ވަރަށްބޮޑަށް އާލާސްކަންފުޅު ޖެހިވަޑައިގެންފައެވެ. އެއިރު އަދި ކިރިޔާ ފަނަރަ ފުރުނީއެވެ.

އެއަށްފަހު، އާގޭ ދީދީ އެހެންބޭފުޅަކާ ކައިވެނި ކުރެއްވިއެވެ. އެއީ، ހެންވޭރުގަނޑުވަރުގެ އެންމެ ވިދާތަރިކަމަށްވާ ގަލޮޅުގޭ އިބްރާހީމް ދީދީއެވެ. ގަލޮޅުގޭ އިބްރާހީމް ދީދީޔާ ކައިވެނިކުރައްވައިގެން، އާގޭދީދީ އަންހެންބޭފުޅަކު ރައްކާވިއެވެ. ނަމަވެސް، ޓީބީގެ އާލާސްކަންފުޅު ޖެހިވަޑައިގެން، ދާދި އަވަހަށް އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އުމުރުފުޅުން 20 އަހަރާ 10 މަހެވެ. އާގޭދީދީއާއި، މަނިއްޕުޅުގެ މައްސަލައަކީ، ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި ފުރަތަމަ ހެދުނު ބާގަނޑެވެ. އެއަށްފަހު، އަތިރީގެއާއި ގަނޑުވަރުތެރެ ދިޔައީ ޖެހެމުންނެވެ. އާގޭދީދީ އަވަހާރަވީ 1348 ޖުމާދުލްއާޚިރު 14 (1929 ނޮވެމްބަރ 16) ދުވަހުއެވެ.

ޙަސަން ޢިއްޒުއްދީން މަނިއްޕުޅު، އާގޭދީދީ ވަރިކުރެއްވުމަށްފަހު، އަބަދުވެސް ދެއަނބިކަނބަލުން ގެންގުޅުއްވިއެވެ. އަނބިކަނބަލުން ތިއްބަވަނީ، ގަނޑުވަރުގެ ހުޅަނގު ބައިގައެވެ. ހުޅަނގުފަރާތު ގޯތިތެރޭގައި، ދެއުނދޯލިގެ ހައްދަވައި، ދެއަނބިކަނބަލުންނަށް، އަރިހު ބޭކަނބަލުންނާއެކު ޚާއްޞަކުރައްވާފައިވެއެވެ. އަނބިކަނބަލުން އުނދޯލީގައި އަބަދާއަބަދުހެން ތިއްބަވައެވެ. އަރިހު ބޭކަނބަލުން، އުނދޯލިގޭ ފައިދަށު ވަކަރުގަނޑުމަތީ އިށީނދެގެން ތިބެ އުނދޯލި ހެއްލައިދެއެވެ. ދުވާލު ހަތަރުދަމު ޙަސަން ޢިއްޒުއްދީން މަނިއްޕުޅު އަވަހާރަލައްޕަވަނީއެވެ. ރޭގަނޑު ހަތަރުދަމު މިޔްޒިކް ކުޅުއްވަނީއެވެ.

މިޔްޒިކް ކުޅުއްވަނީ ގަނޑުވަރުގެ އިރުމަތީ ފަޅީގައެވެ. އަނބިއަނބިކަނބަލުން ތިއްބަވަނީ ގަނޑުވަރުގެ ހުޅަނގުފަޅީގައެވެ. މިޔްޒިކާއި ނާޗަރަންގީ އޮންނަ (ޢައްޔާސީ) ހިސާބަކަށް އަނބިއަނބި ކަނބަލުންނަކަށް ވަޑައެއްނުގެންނެވެއެވެ. އަރިހުބޭކަނބަލުން ނިދަނީ، އަނބިއަނބިކަނބަލުން އަވަހާރަލައްޕަވާ ކޮޓަރިކޮޅުގެ އިރުމަތިން އޮންނަ "މެދުއެތެރިގެ" ކިޔާ ބައިގައެވެ. އޭރު އަރިހުބޭކަނބަލަކަށް އުޅުނު އަންހެނަކު އަހަރެން ކުޑައިރު ކިޔައިދިންގޮތުގައި، އެމީހުން ނިދަން ދީފައިއޮންނަނީ ކުނަލަކާއި ބާލީހެކެވެ. އަނބިކަނބަލުން އަވަހާރަލައްޕަވަން ކޮޓަރިކޮޅަށް ވަދެވަޑައިގަތީމާ، އެމީހުން މެދުއެތެރިގޭގައި ކުނާފަތުރައިގެން (ތަޅަންމަތީގައި) ނިދަނީއެވެ. އޭރުވެސް، މެދުއެތެރިގެއަށް ވާރޭވެހެއެވެ. ވާރޭވެހެންފެށީމާ، ބިއްލޫރި ބަނޑިޔާލަފަނީއެވެ. ފުރާޅުގައި ހުންނަނީ އީޓެވެ. އެކަމަކު ވާރޭ ހިޔަލެއްނުވެއެވެ. އެމީހުން، ހުޅަނގުފަރާތުގައި، އަނބިކަނބަލުންގެ އަރިހުގައި ތިބޭއިރު، މިޔްޒިކް ކުޅޭއަޑު ފައްސިޔައަށް އިވެއެވެ. އެއަންހެންމީހާ ބުނާގޮތުގައި، ޙަސަންޢިއްޒުއްދީން މަނިއްޕުޅު ލަވަވިދާޅުވާ އަޑުފުޅު، ހެންވޭރުކޮޅު އަތިރިއަށް އިވެއެވެ. މިޔްޒިކް ނިންމަނީ ފަތިސްވީމައެވެ. މަނިއްޕުޅު، އަނބިކަނބަލަކާ ވާހަކަދައްކަވާ ބައްދަލުކުރައްވާތަނެއް، އެއަންހެންމީހާ ނުދެކޭކަމަށްވެއެވެ.

ޙަސަންޢިއްޒުއްދީން މަނިއްޕުޅު، ހެންވޭރުގަނޑުވަރުގައި ކުޅުއްވި ނާޗަރަންގީއާ ބެހޭގޮތުން ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔަކު ލިޔުއްވާފައިވެއެވެ.

"މުޙައްމަދު ޝަމްސުއްދީން ފަދައިން، މިމަނިއްޕުޅަކީވެސް ކުޅިވަރާއި މިޔްޒިކަށް ލޯބިކުރައްވާ ބޭފުޅެކެވެ. ގެރޭމޯފޯން، ހާރމޮނިޔަމް، ތަބުލާފަދަ މިޔްޒިކާގުޅޭ ސާމާނު އަރިހުގައި ނެތިއްޔާ، ޚާއްޞަކޮށް ރޭގަނޑު، ފޫހިފުޅުފިލާކަމަށްނުވެއެވެ. އެމަނިއްޕުޅު ހެންވޭރު ގަނޑުވަރުގައި ހުންނެވި ދުވަސްވަރު ކޮންމެ ރެޔަކުހެން އެތާނގައި ނާޗަރަންގީ އޮވެއެވެ. ބައެއްފަހަރަށް އަތްޕުޅުން، ހާރމޮނިޔަމް ޖައްސަވަމުން ލަވަ ވިދާޅުވާ އަޑު އަޅުގަނޑު އެހީމެވެ. އަޑުފުޅާއި މަޚްރަޖް ވަރަށްވެސް ރީއްޗެވެ. އެވިދާޅުވި ހުރިހާ ލަވައެއްހެންވަނީ، ހިންދުސްތާނުގައި މަޝްހޫރު ޕިޔާރޫ ޤައްވާލުގެ ރިކޯޑުން ނަކަލު ކުރައްވާފައެވެ. އެލަވަތައް ވިދާޅުވާލެއް އޭނާޔާ ވަރަށްވެސް ވައްތަރެވެ. އަދި އެމުޖްރާގެތެރޭ، ޒުވާން ފިރިހެން ކުދީންގެ މޭމައްޗަށް އަންހެނުންގެ ސިފަގެނެސް ސާޅިލައިގެން ނަށާއިރު، ބަލާ ފޫހިނުވާނެއެވެ. ރީތިކަމުގެ ކޮޅެއްވެސް ނެތެވެ. އަދި ކީއްތޯއެވެ. އިންޑިޔާގެ މަޝްހޫރު އެންދެރި ސަބާ މާލެއަށް އައިސްފައިވާ ކަހަލައެވެ. މިހުރިހާ ކުޅިވަރަކާއެކު، ޢައްޔާޝީ މަޖަލާއި ޖިންސީ އުފަލުގެ ތެރެއަށް ވެދެވަޑައިގެންނެވިލެއް ބޮޑުކަމުން ކަންވެސް ނޭނގެއޭ، ދުވަސްކޮޅެއްވިއިރު، ނާރުފުޅުތަކުގެ ބާރުދެރަވެ، ޢަޞަބީ އާލާސްކަންފުޅެއް ހުށަހޮޅިއްޖެއެވެ...." އެއީ، ކިހުނު ބައްޔެވެ.

މަޝްހޫރު "ޤާނޫނު ވީދާލުމާއި، މޮޓަރު ބޯޓުގެ ގަޑުބަޑު" އައިއިރު، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ހުންނެވީ، ބޭސްފަރުވާ ކުރެއްވުމަށްޓަކައި ސިލޯނުގައެވެ. ޤާނޫނުއަސާސީ އިޢުލާން ކުރެވުނު ދުވަސްވަރުވެސް ހުންނެވީ، ސިލޯނުގައެވެ. ޤާނޫނުއަސާސީ އިޢުލާންކުރި ރަސްމިއްޔާތަށްވެސް، މޮޓަރު ބޯޓުގެ ގަޑުބަޑުތެރޭގައިވެސް މަނިއްޕުޅު މާލެވަޑައިގަތެވެ. ޤާނޫނުއަސާސީ އިޢުލާންކުރީ 1351 ޝަޢުބާން 23 (22 ޑިސެމްބަރ 1932) ބުރާސްފަތި ދުވަހުއެވެ. ޤާނޫނުވީދާލައި، މޮޓަރު ބޯޓުގެ ގަޑުބަޑު ފެށީ 1352 ރަޖަބު 20 (10 ނޮވެމްބަރ 1933) ބުރާސްފަތި ދުވަހުއެވެ. މަނިއްޕުޅަށް ބޭސްފަރުވާކުރެއްވުމަށް، ޚާއްޞަ ގޮތެއްގައި ފޮނުއްވުނީ، ރަސްކަމުގެ ވަލީއަޙްދު (ޕްރިންސް) ކަމުގެ މަޤާމަށް އިސްކުރުމަށްޓަކައެވެ.

ވަލީއަޙްދަކީ، ރަސްކަމުގެ ވާރުތަވެރިޔާ (ވާރިޘް) އެވެ. ޤާނޫނުއަސާސީ އުފެއްދުމުގެ ޚިޔާލު ޢަބްދުމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ގެންގުޅުއްވި ދުވަސްވަރު، ސިލޯނުގެ އިގިރޭސި ސަރުކާރުން، ވަލީއަޙްދެއްގެ މައްސަލަ ޝަމްސުއްދީން ރަދުންނަށް ހުށަހެޅުއްވިއެވެ. ބޮޑުންނާ މަޝްވަރާކުރެއްވުމަށްފަހު، ރަދުން ޖަވާބުގައި ވިދާޅުވެފައިވަނީ "ތިމަން ރަސްގެފާނުގެ ދަރިކަލުން ކަރަޔަށް ފޮނުއްވައިގެން ބޭސްފަރުވާ ކުރައްވައި ފަސޭހަފުޅު ވަންދެން" އެކަން މަޑުކުރެއްވުމަށެވެ. ބޭސްފަރުވާ ނިމުމަށްފަހު، މަނިއްޕުޅަށް، ޕުރިންސުގެ މަޤާމު އެރުވުނެވެ.

ޙަސަންޢިއްޒުއްދީން މަނިއްޕުޅަށް ބޭސްފަރުވާކޮށް ފަސޭހަފުޅުވުމާއެކު، ރަސްކަމުގެ ވަލީޢަހްދުކަން އަރުވައި، ކޮލިލެއްވުނެވެ. އެހެންނަމަވެސް، ހެންވޭރުގަނޑުވަރުގެ މަޖާރޭތައް ކުރިޔެކޭވެސް އެއްގޮތަށް ހިނގަމުންދިޔައެވެ. އެކަމަކީ، ކޮންމެ ސިފައެއްގައި އަދި ކޮންމެ މާނައެއްގައި ހިނގައިދިޔަ ކަމެއްކަމަށްވިޔަސް، ހެންވޭރުގަނޑުވަރުގެ ނާޗަރަންގީ، ދިވެހިން މާނަކުރީ ބޮޑުވެގެންވާ ޚުރާފާތެއް ކަމުގައެވެ. ދިވެހިން ދުށްގޮތުގައި ހެންވޭރުގަނޑުވަރު ފަޅުވީ އެކަމުގެ ސަބަބުންނެވެ. މިވާހަކަ، ތާރީޚުގައި ވަނީ، މިބަޔާންކުރާ ގޮތަށެވެ.

"ދެން ކުޑަދުވަސްކޮޅަކަށްފަހު، ފުރަތަމަ އަނބިކަނބަލުން އާގޭދީީދީ ވަރިކުރައްވައިފިއެވެ. ދެން އެއްބޭކަނބަލަކު ވަރިކުރައްވަމުން އަނެއްބޭކަނބަލަކާ ކައިވެނިފުޅު ބައްލަވައި ގަންނަވަމުން ގެންދަވާގޮތް މުޅީން އާދަކުރައްވައިފިއެވެ. މިހާރު ހެންވޭރު ގަނޑުވަރުން އަތިރީގޭ ބޭފުޅަަކު އަމުދުން ނުފެންނަގޮތް ވެއްޖެއެވެ. އެމަނިއްޕުޅުގެ މައިފުށުގެ ބޮޑުބޭބޭންވެސް ވަޑައިގެން އުޅުއްވުން މަދުވެއްޖެއެވެ. ދެން، އެއްދުވަހުން އަނެއްދުވަހަށް ކުޅިވަރަށް ލޯބިކުރެއްވުން އިތުރުވާން ފަށައިފިއެވެ. އެންމެބޮޑަށް އެތާގައި އޮންނަ ކުޅިވަރަކީ، ފުރެއްދެލަވަ ކިޔުމާއި، ފިރިހެނުން އަންހެނުންގެ ހެދުން އަޅައިގެން ނެށުމެވެ. މިއީ ކުރީގައި މުޅީން މަނާވެފައިވާ ކަމެކެވެ. މިހާރު ހެންވޭރު ގަނޑުވަރަކީ، ކުޅިވަރުގެ އެންމެ ވަރުގަދަ މަރުކަޒެވެ. ދެޖިންސުގެ ތެރެއިންވެސް ދަށުދަރަޖައިގެ ޒުވާން ކުދިންކޮޅެއްގެ ކިއްލާއެކެވެ. މާލޭގައި ތިބި މުޙްތަރަމް މީހުން ވަދެއުޅޭން ލަދުގަންނާން ފަށައިފިއެވެ. އަދި ބައެއްދަރީން އެތަނަށް ވަދެއުޅުމަށް، ގޮތްހުރި ބަފައިންނަށް ނުރުހެވިއްޖެއެވެ...."

"....ރަށުގެ ބޮޑުން މަޑުމަޑުން ދުރުހެލިވާން ޖެހިއްޖެއެވެ. މިކަމުގެ ނަތީޖާއަކަށްވީ، ދައުލަތް ހިންގަވާން ތިއްބެވި ބޮޑުންނާއި އެމަނިއްޕުޅާއި ދެމެދުގައި ނޭންގާނީކަން ފެށުމެވެ. މިކަމުގެ ސަބަބުން މިއަސަރު ރަދުންނަށްވެސް ފޯރައިގެން، ރަދުންނާއި ބޮޑުންނާއި ދެމެދުގައި އިހުހުރިގޮތް މުޅީން ނެތޭންފަށައިފިއެވެ. ސަބަބަކީ، މުޙައްމަދު ޝަމްސުއްދީން، ބޮޑުންނާއި ބަހައްޓަވާ އެކުވެރިކަމާއި އިޙްތިރާމާއި ކަމޭހިއްތެވުން ޙަސަން ޢިއްޒުއްދީންގައި ނެތްކަމެވެ."

މިކަންއޮތީ މިހެންކަމަށްވިޔަސް، ޤާނޫނުއަސާސީ އިޢުލާންކުރި ދުވަހުންފެށިގެން، ބޮޑުވަޒީރުގެ އޮފީސްހުރީ، ހެންވޭރު ގަނޑުވަރުގައެވެ. ޤާނޫނީ ފުރަތަމަ ބޮޑުވަޒީރަކީ، މުޙައްމަދު ފަރީދު ދީދީއެވެ. ވަޒީރުންގެ މަޖިލިސްގެ ޖަލްސާތައް ކުރަމުންދަނީ، ހެންވޭރުގަނޑުވަރު ބޮޑުކޮޓަރި ކޮޅުގައެވެ. ވަޒީރުންގެ މަޖިލިސްގެ ރިޔާސަތުގައި އިންނަވަނީ ޝަމްސުއްދީން ރަދުންނެވެ. ވަޒީރުންގެ މަޖިލިސްގެ ނައިބުރައީސަކީ ޙަސަން ޢިއްޒުއްދީން މަނިއްޕުޅެވެ. މާލެވަޑައިގަންނަވާ ޢިއްޒަތްތެރީންނަށް ޚާއްޞަ ރަސްމިއްޔާތު އޮންނަނީވެސް ހެންވޭރުގަނޑުވަރުގައެވެ. ރާއްޖެއަށް ފުރަތަމަ ކާރެއްގެނައީވެސް ޙަސަން ޢިއްޒުއްދީންގެ ބޭނުންފުޅަށް ހެންވޭރުގަނޑުވަރަށެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވާ ގޮތުގެމަތީން އިންތިޚާބު ކުރެވުނު، ރާއްޖޭގެ ފުރަތަމަ ރައްޔިތުން މަޖިލިސްގެ އިފްތިތާޙީ ޖަލްސާ އޮތީވެސް ހެންވޭރު ގަނޑުވަރުގައެވެ. ފުރަތަމަ ރައްޔިތުންގެ މަޖިލިސްގައި ވަނީ 46 މެމްބަރުންނެވެ. މަޖިލިސްެ ރައީސަކީ ބޮޑުވަޒީރު މުޙައްމަދު ފަރީދެވެ. އިފްތިތާޙީ ޖަލްސާ ހެންވޭރުގަނޑުވަރުގައި އޮތީ 1352 ރަޖަބުމަހު 1 ވީ އާދީއްތަ (22 އޮކްޓޯބަރ 1933) ދުވަހުއެވެ. ރަދުންގެ އިފްތިތާޙީ ޚުޠުބާ (މަޖިލިސް ހުޅުވުމުގެ ބަޔާން ނުވަތަ ޚުޠުބަތުލް ޢަރްޝި) ވިދާޅުވީ މަޖިލިސްގެ ރައީސް މުޙައްމަދު ފަރީދެވެ.

ޤާނޫނުއަސާސީ އިޢުލާން ކުރެވުނުދުވަހު (1351 ޝަޢުބާން 23 ބުރާސްފަތިދުވަހު) ރަދުންގެ ޚުޠުބަތުލް ޢަރްޝުގައި، ހެންވޭރު ގަނޑުވަރުގެ މާޒީއަށް ޚިޔާލު ހިންގަވައިލެއްވިއެވެ. ޝައިޚު ޙުސައިން ޞަލާޙުއްދީން އެޚުޠުބާ ވިދާޅުވިއިރު ވިދާޅުވިއެވެ. "ދިވެހިރަސްކަމުގެ މިމާތް ތަޚްތަށާއި، މިތަޚްތު އެންމެފަހުން ބޭރުމީހުންގެ ކިބައިން ސަލާމަތްކުރެއްވި، އަހުރެންގެ ކާފައިކަލުނަވި އައްސުލްޠާނުލް ޣާޒީ ޙަސަންޢިއްޒުއްދީން މަހާރަދުންނަށާއި، އެރަދުންގެ މާތް ޚާންދާނަށާއި، އަދި އަހުރެނަށް، ތިޔައެންމެ ކަލުންގެ ހުރި ލޯބިވެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން...."

ކޮންމެއަކަސް، 23 ޝަޢުބާން 1351 ވަނަދުވަހު އިޢުލާންކުރި ޤާނޫނުއަސާސީގެ ޢުމުރަކަށްވީ (ހިޖްރީ ގޮތުން) 10 މަހާއި 27 ދުވަހެވެ. 1352 ރަޖަބުމަހު 20 ވަނަދުވަހު، ޤާނޫނުއަސާސީ ވީދާލައިފިއެވެ. އެއީ 1933 ނޮވެމްބަރ 10 ވަނަ ދުވަހެވެ. އިސްވެއުޅުނީ ހެންވޭރުގަނޑުވަރު ތަރިންކަމަށްވާ، ގަލޮޅުގޭ އިބްރާހީމް ދީދީއާއި، ގުޅީ ޢީސާ ކަލޭފާނެވެ.

ޤާނޫނުއަސާސީ ވީދާލުމަށްފަހު، ރައްޔިތުންގެ 68 ބޭކަލުން ވަގުތީ ސަރުކާރު ހިންގަވައި، ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމަށް ދަޢުވަތު އެރުވީ، މިޞްރުގައި ހުންނެވި ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށެވެ. އެދަޢުވަތު ގަބޫލުކުރައްވައި، ކިލެގެފާނު މާލެވަޑައިގަތީ 1353 މުޙައްރަމް 19 (4 މެއި 1934) ގައެވެ. މާލެވަޑައިގެން މާލަސްތަކެއްނުވެ "ރާއްޖޭގައި ތިބި ޢިލްމުވެރީންގެ ލަފާގެމަތީން" ޤާނޫނުއަސާސީ އާއި އަޙްކާމްޢާއްމާ އިޞްލާޙުކުރައްވައިފިއެވެ.

އިޞްލާޙުކުރެވުނު ޤާނޫނުއަސާސީ، ޚާއްޞަމަޖިލީހުން ފާސްކުރެއްވުމަށްފަހު، ރަދުން ތަޞްދީޤު ކުރެއްވީ 1353 ޞަފަރު 29 (12 ޖޫން 1934) ގައެވެ. އަޙްކާމްޢާއްމާ ފާސްކުރެއްވުމަށްފަހު ރަދުން ތަޞްދީޤުކުރެއްވީ 1353 ރަބީޢުލްޢާޚިރު 3 (15 ޖުލައި 1934) ގައެވެ. އެދުވަހު، އަޙްކާމްޢާއްމާ ތަޞްދީޤުކުރުމުގެ ރަސްމިއްޔާތުގައި "އަދި ވިސްނާލެއްވުމަށްޓަކައި" ރަދުން މަޑުކޮށްލެއްވުމަށް ގަސްތުކުރައްވައި އެކަން އެންގެވިއެވެ. މަޝްހޫރު "ހެންވޭރުގަނޑުވަރު ބަޣާވާތް" ފެށުނީ މިމައްސަލާގައެވެ.

އިޞްލާޙުކުރެވުނު އަޙްކާމްޢާއްމާ (އޮފިޝަލްކަންތައް) ފާސްކުރުމަށްފަހު، ތަޞްދީޤުކުރުމުގެ ރަސްމިއްޔާތުގައި، ރަދުން ފަސްޖެހިވަޑައިގަތުމުން، ހަވަރާއި ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވިއެވެ. އަދި، ސޮއިނުކުރައްވައިފިނަމަ ވާނޭގޮތުގެ މައްޗަށް (ރަދުންނަށް ރައްޔިތުން) އިންޒާރުދިނެވެ. އޭގައި ރަދުން ސޮއިކުރެއްވީ، ހިތްޕުޅާނުވެ ހުންނަވައި މަޖްބޫރީ ޙާލަތުގައެވެ. މިކަމާމެދު ކުރެވުނު މަޝްވަރާތަކަކީ، މަޝްހޫރު "ހެންވޭރުގަނޑުވަރު ބަޣާވާތް" ނުވަތަ ގަޑުބަޑެވެ.

ހެންވޭރުގަނޑުވަރުގައި މިމަޝްވަރާތަކުގައި ބައިވެރިވަނީ، ގަލޮޅުގޭ އިބްރާހީމް ދީދީއާއި، ގުޅީ ޢީސާކަލޭފާނާއި، ހިތިލާގޭ އިބްރާހީމްދީދީފަދަ ބޮޑުންނެވެ. ދެން، ރައްޓެހިފުޅު މީސްމީހުންނެވެ. ހުރިހާ ރެއަކުހެން ރަދުންނާއި މަނިއްޕުޅު (މިމަޝްވަރާ ތަކުގައި) ބައިވެރިވެ ވަޑައިގަންނަވައެވެ.

މަޝްވަރާތަކުގައި ދެކެވޭ ވާހަކައަކީ، ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގައި، ތަޞްދީޤުނުކޮށް އަނބުރާ ފޮނުވާލުމުގެ ބާރު ރަދުންނަށް ދީފައިވަނިކޮށް، ރަދުންލައްވާ ގަދަކަމުން ސޮއިކުރުވިވާހަކަ ސިލޯނުގެ ގަވަރުނަރަށް ލިޔުމާއި، މިހާރުހުރި ހަމަނުޖެހުންތަކުގެ ވާހަކަ، ހަވަރަށް ބެރުޖަހައި ހަވަރާއި ރައްޔިތުންއެއްކޮށް އެންގުމާއި، ގަނޑުވަރުތެރެއާއި ހެންވޭރުގަނޑުވަރަށް އިތުރު ޢިނާޔަތް ލިބޭނެ ގޮތެއްވޭތޯ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ސިޓީއެއްލިޔުމާއި، ސަރުކާރުގެ އިސްވެރިންގެތެެރެއިން ރަދުންނާ މޫނުނުޖެހޭ މީހުންވަކިކޮށް، ފީހޮވާލުމާއި، މިފަދަ ވާހަކަތަކެވެ.

އަޙްކާމް ޢާއްމާގައި ގަދަކަމުން ރަދުންލައްވާ ސޮއިކުރުވިވާހަކަ ރަދުންގެ އަމިއްލަފުޅު ސިޓީއެއްގެގޮތުގައި، ސިލޯނުގެ ގަވަރުނަރަށް ލިޔެވުނެވެ. ހެންވޭރު ގަނޑުވަރުގައި މިސިޓީ ނޯޓްކުރީ، ގަލޮޅުގޭ އިބްރާހީމް ދީދީއެވެ. ވިދާޅުވެދެއްވީ ޝަމްސުއްދީން ރަދުންނެވެ. މިކަމާގެޅޭ ވާހަކަތައް، ގުޅީ ޢީސާކަލޭފާނުގެ ގޭގައިވެސް ދެކެވެމުން ދިޔައެވެ. މިކަންކަން ތަފާސްވެ ފަޅާއެރީ 1353 ޖުމާދުލްއާޚިރު 21 ވިލޭރޭ (1934 ސެޕްޓެމްބަރ 30 ދުވަހުގެރޭ) ގައެވެ. "ރާއްޖޭގެ އަމްނުޢާއްމަށް ގެއްލުމެއް ލިބިދާނެފަދަ ޙަރަކާތްތެރި ކަމަކައިގެން ބަޔަކު އުޅޭ ޚަބަރު" ސަރުކާރަށް ލިބުމާއެކު "އެރޭ މެންދަމުންއަލިވެ 2 ޖެހިއިރު ތުއްތުކޮއިގެ މުޙައްމަދުފުޅާއި، ގުޅީ ޢީސާކަލޭފާނާއި، ހިތިލާގޭ އިބްރާހީމް ދީދީ އާއި، ފާލަންދޮށުގޭ ޔޫސުފު ތައްޚާނު" ހައްޔަރުކުރެވުނެވެ. މިއީ ހެންވޭރުގަނޑުވަރު ބަޣާވާތުގައި ހައްޔަރުކުރެވުނު ފުރަތަމަ ގުރޫޕެވެ.

މައްސަލައިގެ ތަޙްޤީޤު ފެށުނީ އަނެއްދުވަހު ބަނޑޭރިގޭގައެވެ. ވަޒީރުންގެ މަޖިލީހުގެ ޙާޒިރުގައި ތަޙްޤީޤުކުރެއްވީ، ފަނޑިޔާރުމަނިކުފާނު ބޮޑުފެންވަޅުގޭ ސީދީއާއި، ދާޚީލީވަޒީރު ޙަސަން ފަރީދުދީދީ އާއި، ބަންޑާރަނައިބު ދަރަވަންދޫގޭ ޢަބްދުﷲ ދީދީއާއި، ވިޔަފާރިޔާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

ހެންވޭރުގަނޑުވަރު ބަޣާވާތުގެ ތަޙްޤީޤަށް ފުރަތަމަ ބަންދުކުރެވުނު 3 މީހުންގެ ތަޙްޤީޤުގައި، އިތުރުބަޔަކު ބަންދުކުރާން ޖެހުނެވެ. (އެއީ، 1353 ޖުމާދުލްއާޚިރު 21-1934 އޮކްޓޯބަރ 1 ވަނަ ދުވަހެވެ.) އެދުވަހު ބަންދުކުރެވުނީ "ބޮޑުގަލުދޮންމަނިކު، ތުއްތުކޮއިގެ ކާސިންފުޅު، ކަންޒުދޮށުގޭ ޢަބްދުލްމަޖީދު ދީދީ، މުލީގޭ ތުއްތުދީދީގެ ޢަބްދުﷲ ދީދީ، މަޙްމޫދުގެ ޢަލީ" އެވެ.

އެދުވަހުގެ ތަޙްޤީޤުގައި "ހައްޔަރުކޮށްފައި ތިބި މީހުންގެތެރެއިން ކަންޒުދޮށުގޭ ޢަބްދުލްމަޖީދު ދީދީ ނޫންއެހެން އެންމެން" ކުށަަށް އިޢުތިރާފުވިއެވެ. އެއީ "ޤާނޫނުއަސާސީ އުވާލައި، ދައުލަތް ހިންގަވާން ތިއްބެވި ވެރީން ބަދަލު ކުޅައުމުގެ ނިޔަތުގައި، އެބައިމީހުން މަސައްކަތް ކުރަމުން އައިކަމުގައި" ވީ އިޢުތިރާފެވެ. ހަމައެއާއެކު، ހެންވޭރު ގަނޑުވަރު ބަޣާވާތް ނުވަތަ "ގަޑުބަޑު އުފައްދަން އުޅުނު މީހުންގެތެރޭގައި، ކީރިތިމަހާ ރަދުންނާއި، ރަދުންގެ ދޮށީ ދަރިކަލުން އަލްއަމީރު ޙަސަން ޢިއްޒުއްދީނާއި، ވަޒީރުއްޒިރާޢާ އަލްފާޟިލް ގަލޮޅުގޭ އިބްރާހީމް ދީދީއާއި، އަދިވެސް ކިތަންމެ ބައެއް ވާކަމުގައި ސާބިތު ވެއްޖެއެވެ."

ތަޙްޤީޤަށް ބޭނުންވެގެން، ހެންވޭރުގަނޑު އަރިހުބޭކަލުން ބަނޑޭރިގޭން ބަލާފޮނުވީމާ، ޙަސަން ޢިއްޒުއްދީން މަނިއްޕުޅުއޮތީ އެމީހުން ދޫނުކުރައްވައިފައެވެ. މިތަޙްޤީޤުގައި، ރަދުންނާއި، މަނިއްޕުޅާ ދެބޭފުޅުންނާއެކު 18 ފަރާތަކާ ސުވާލުކުރެވުނެވެ.

ހިތިލާގޭ އިބްރާހީމްދީދީ ބުނެފައިވެއެވެ. ".... މިހެންވިދާޅުވީ ރަދުންނޭ، އޮޅުދޫކަރައިގެ ގަވަރްނަރަށް ސިޓީފުޅެއް ލިޔުއްވާނޭ ވާހަކަފުޅުވެސް ދެއްކެވިއޭ، ތިމަންމަނިއްޕުޅު ލައްވައި މަޖްބޫރުގެ ގޮތުންނޭ ގެޒްޓްގައި ސިއްކަފުޅު ޖެއްސީ...."

ގުޅީ ޢީސާކަލޭފާނުގެ ބަޔާނުގައިވެއެވެ. ".... އެކަމަކު ޙަސަން ޢިއްޒުއްދީނަށް އަމުރުކުރުމުގެ ބާރެއްދެއްވާފައި، ރަދުން އެއްވެސް ސިޔާސިއްޔަ ކަމަކާ ބެހިވަޑައިނުގަންނަވާން ވާހަކަފުޅު ދެއްކެވިއޭ، އަދި، ރަދުންގެ ވާހަކަ ފުޅުންނާ ޙަސަން ޢިއްޒުއްދީންގެ ވާހަކަ ފުޅުންނާ، ތިމަންނައަށް ފެންނަ ގޮތަކީ، ސަރުކާރު ފައިސާއިން، މުސާރަފުޅުގެ އިތުރަށް ބޭނުންފުޅު ވަރަކަށް ލިބިވަޑައިގަންނަވާނެ ގޮތް ހައްދަވާށޭ އުޅުއްވަނީ...."

ގަލޮޅުގޭ އިބްރާހީމްދީދީގެ ބަޔާނުގައިވެއެވެ. "... ރަދުން އިންނެވީ ހަޑަސްގެކޮޅު ތެރޭގައެވެ. ވަނީމާ ދޮރުގާތްކޮށްލާފައި، އިށީންނާށޭ ވިދާޅުވީމާ އިށީންނީމާ ވިދާޅުވީ، މިހާރު ކަންމިވަމުންދާ ގޮތެއް ކޮއްކޮއަކަށް ނުފެނޭހޭ، ތިމަންނާ މުޅީން ބޭޒާރުކޮށް ފަޟީޙަތްކޮށް ނިންމައިފިއޭ.... ކިލެގެފާނު ތިމަންނައަށް ހެދިގޮތޭ.... ތިމަންނައަކަށް މިގޮތަކަށް ކެތެއްނުވާނެއޭ.... ކަރަޔަށް ލިޔެގެން މަނަވަރު އައްޔާ މާރަގަނޅުވާނެޔޭ.... ހަވަރަށް ބެރުޖަހައި ރައްޔިތުން އެއްކޮށްފާ އެންގިއްޔާ ކީއްހޭ...."

ކަންޒުދޮށުގޭ ޢަބްދުލް މަޖީދު ދީދީގެ ބަޔާނުގައިވެއެވެ. "(ހެންވޭރުގަނޑުވަރަށް ގެންދަވާފައި މަނިއްޕުޅު ވިދާޅުވިއެވެ.) ބައްޕާފުޅަށްވުރެން ދެރައެއްޗެއް މިހާރަކުނެތޭ، އެހެންވެ އެނޫން އެހެން ގޮތެއްވޭތޯ މަސައްކަތެއް ކުރާން ކަމަށޭ މިއުޅުއްވަނީ...."

މީދޫ އިސްމާޢީލް ތައްޚާނުގެ ބަޔާނުގައިވެއެވެ. "(ރަދުން ވިދާޅުވިއެވެ.) ދޮންބަންޑާރައިންގެ އައުލާދު ބޭފުޅުންނަށް ވަޒީފާއެއް ލިބިވަޑައި ގަންނަވާނޭގޮތެއް ނުވެގެންނޭ، ތިމަންމަނިއްޕުޅުގެ ވިދާޅުބަސްފުޅަކާ ގަބޫލުމީހަކު ހުރިކަމެއް ނޭގެއޭ...."

ފާލަންދޮށުގޭ ޔޫސުފުގެ ބަޔާނުގައިވެއެވެ. (ހިތިލާގޭ އިބްރާހީމްދީދީ ވިދާޅުވިއެވެ.) "ރަދުންވިދާޅުވާކަމެއް ކުރާންކެރޭނެހޭ.... ހަވަރު ބެރުޖައްސަވާ މީހުން އެއްކުރައްވާން އެބައުޅުއްވައޭ، އޭގެ ތެރެއަށްވަދެ ބަސް ކިޔާން ކެރޭނެހޭ...."

ތުއްތުކޮއި މުޙައްމަދުފުޅުގެ ބަޔާނުގައިވެއެވެ. "(ގުޅީ ޢީސާކަލޭފާނު ބުނުއްވިއެވެ.) ރަދުންނާއި ވަޒީރުންނާއި މޫނުފުޅުނުޖެހޭތީ، އެދޭތެރޭ ދެބަކުޓުވާ މީހުން މިތަނުން ވަކިކޮށްލާށޭ.... ކުނިތައް ހޮވާލާށޭ...."

ސިއްތިކަލޭފާނު ކުޑަސީދީގެ ބަޔާނުގައިވެއެވެ. "ރަދުން ދައްކަވަނީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ގެ ދަރިކޮޅު ބޭފުޅުން ދެރަވާވާހަކައޭ، މިވާހަކަ ދައްކަވަނީ ލަވަ އޮންނަރޭރެއަށް ނިމުނީމާ، ގަޑިއެއްހާއިރު ތިބެފައޭ އަންނަނީ، އަދި ބައެއް ދުވަސްދުވަހު ދުވާލަށްވެސް ދައްކަވައޭ، އަދި އެއްދުވަހަކު ބޯޅައަކަށް ވައިވައްދަން ދިޔައިމާ ހެންވޭރުގަނޑުވަރު މަނިއްޕުޅުވެސް އެބޭފުޅުން ދެރަފުޅުވާހަކަ ދެއްކެވިއޭ، މީހުން އެއްކުރާން މީހުން ހޯދާވާހަކަ ކުޑަދޮންމަނިކުވެސް ބައެއްފަހަރަށް ދައްކަވައޭ...."

ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ވިދާޅުވެފައިވެއެވެ. "(ސިޓީއެއް، ފަތްކޮޅެއްލިޔާ ވާހަކަ) ގޮތެއްގެ މަތީންދެއްކުނޭ، އެއީ އެއްކަލަ ހުކުރުދުވަހު އެވީކަންތަކާ މެދުގައި، ބައްޕާފުޅު އެކަމާ ހިތްޕުޅުދަތިކުރައްވައިގެން، އެވާހަކަފުޅު ދެއްކެވީމާ، އެވާހަކަ އެތަނަށްވަންނަ ބައެއްމީހުންވެސް ދެއްކީމާ، ތިމަންވިދާޅުވީމޭ، ތިޔަކަމާ މެދުގައި ކޮންގޮތެއްބާވައޭ ރަނގަޅުކަމަށް ފެންނަނީ، މިހެން މިވާހަކަ ދެކެވިގެން ބައެއްމީހުނަށް ފެނުނީ، ގަވަރްނަރަށް ފަތްކޮޅެއް ލިޔުއްވުން ރަނގަޅުކަމަށޭ، ތިމަންވެސް އެކަމަކާ ދެބަހެއްވެވަޑައެއް ނުގަންނަވަމޭ،.... ލިޔުނީ ގަލޮޅުގޭ އިބްރާހީމްދީދީ، ކިޔައިދެއްވީ ބައެއްތަންތަން ބައްޕާފުޅު، އަނެއްބައިތަންތަން ޢީސާކަލޭފާނު، އަނެއްބައިތަންތަން ހިތިލާގޭ އިބްރާހީމްދީދީ، އަދި ބައެއްފަހަރު، ތިމަން މަނިއްޕުޅުވެސް ތަންތަންކޮޅު ވިދާޅުވަމޭ، (ފަތްކޮޅު) އެބައޮތް، ޢަބްދުލްމަޖީދު ދީދީއަށް ލިޔުއްވި ސިޓީއެއް، އަހަރުމެންގެ ޙާލާމެދު އެހީވުން އެދެމޭ، މިކަހަލަ އެއްޗެއް ލިޔުނު ހަނދާންވޭ، އެއީ، ރަށްގަޑުބަޑުވެ ނުރައްކާވެދާނޭ ކަމެކޭ...."

ރަދުން މުޙައްމަދު ޝަމްސުއްދީންގެ ބަޔާންގައިވެއެވެ. "(ފަތްކޮޅު ނުވަތަ) އެސިޓީއެއް ލިޔެވުނުގޮތަކީ، މިތާގެ އަމްނުއަމާނާ މެދުގައި ހަމަ ރިވެތި ޞުލްޙައެއް ނުފެންނަކަމުން، ނުރައްކައުތެރި ގޮތެއް އަތުވެދާނެތީ، ގަވަރުނަރަށް ލިޔުނީއޭ، އެހެން އެލިޔެވުނު ގޮތަކީ އަދި އެލިޔުމެއް ފޮނުވާކަށް ނޫނޭ، ދައުލަތުގެ ފަރާތުން ފޮނުވާގޮތް މައްޗަކުންނޫނޭ، އަޅުގަނޑުގެ އަމިއްލަ ސިޓީއެއްގެ ޤަވާއިދުންނޭ.... ހަވަރުބެރު ޖަހާކަށް ނޫނޭ، އެއްފަހަރަކު (ދަރިކަލުން) ޙަސަންޢިއްޒުއްދީން ބުންޏޭ، މީހުން ރަށުތެރޭގައި ކިޔައޭ، މިވާގޮތެއް ތިމަންމެނަށް އަންގަވައި ދެއްވާށޭ (ދަރިކަލުން އަރިހުގައި އެގޮތަށް ބަނޑޭރި ގެއަށްވަޑައިގަތީ) އިރުއެރިއިރު އެމީހުން ހައްޔަރުވީ ވާހަކަ އިވިއްޖެޔޭ، އެކަން، ބޮޑުވަޒީރުގެ ވާހަކައަކުން ތިމަން މަނިއްޕުޅަކަށް އެއްގޮތަކަށްވެސް ނާންގަވައޭ، ހައްޔަރުވަމުންދާ ވާހަކައޭ އިވެނީ، ދެން ތިނެއްޖެހިއިރު ބޮޑުވަޒީރު ވަޑައިގެން ވިދާޅުވެއްޖެޔޭ، ރަށުގެ އަމްނުއަމާނަށް ޚިލާފު ގޮތެއްގެމަތީން ބަޔަކު އުޅޭކަމަށް ފެނިވަޑައިގެން، އެބަޔަކު ހައްޔަރު ކުރައްވާފައޭ މިވަޑައިގަތީ، އެބައިމީހުނާމެދު ޝަރީޢަތް ކުރައްވާންކަމަށޭ.... ދެން ސިފައިންގެ ތިންމީހުން އައިސްބުނެފިޔޭ، މާލިމީކޮއި ޅަހުއްތުއާ، އޮއްކޮދޮންކޮއްކޮއާ، ޢަލިފުޅުތުއްތުއާ ތިންމީހުން ބަނޑޭރިގެއަށް ފޮނުއްވާށޭ"

"އެވަގުތު އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑުގާތު ބުނެފިޔޭ.... އެކުދީންނާމެދު ކަމެއްޖެހިގެން އެކަމެއް ޝަރީޢަތުން ބައްލަވައި، އެކުށެއް ސާބިތުވާންދެން ތިމަން އެމީހުނާ ވަކިވެވަޑައެއް ނުގަންނަވާނަމޭ، ވެވުނު އެހީއެއްވާނަމޭ...."

".... ދެންކުއްލިއަކަށް އެތަނުން ދެކުއްޖަކުގެ ދެއަތުގާ ހިއްޕަވައިގެން ތެދުވެވަޑައިގެން ވިދާޅުވެއްޖެޔޭ، މިކަންތަކުގެތެރެއަށް ބައްޕާފުޅު ވެދެވަޑައިގަތުމެއް ފެނިވަޑައެއް ނުގަނެއޭ، ދެންވާހާ ހަރެއްކޮށް އެބައިމީހުން ގޮވައިގެން ހިނގައިގެންފިއޭ، ދެން އެތަންވަޅު ހިތަށް މާދަތިކަން ލިބިގެން، އެލިބުނުގޮތަކީ، އެތާގެ ޚަބަރު ލިބިފައި އޮތްގޮތުން އެމީހުނާއެކު، އެމަނިއްޕުޅު ވަޑައިގަތީތީ، ވާނޭގޮތެއް ނޭނގޭތީ ދެން ހަމަކެތްނުވެގެން އަޅުގަނޑު ތެދުވެއްޖައީމޭ، ދެން ވާހާ ހަރެއްކޮށް ދިޔައިއްޔޭ، ހަމަ މާތްރަސްކަލާނގެ ކިބައަށް ޙައްޤުތެދޭ، އެދިޔައިރަކު ހަމަ އެއްވެސް ގަޑުބަޑެއް އުފައްދާކަށް ހިތަކުނެތޭ، އަޅުގަނޑުގެ ޙަސަން ޢިއްޒުއްދީންގެ ޙާލަށްޓަކައޭ، ދެވުނޭ، އެތަނަށްގޮސް އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނަމޭ، އެތާގައި ވަޒީރުން އަރިހުގައިވެސް ވިދާޅުވީ، އަޅުގަނޑުގެ ޙަސަންޢިއްޒުއްދީންގެ ޙާލަށްޓަކައި އާދެވުނީއޭ، އެކަމަކު، ޙަސަން ޢިއްޒުއްދީން (މަނިއްޕުޅު) ބުނެފައޭވަނީ ނާންނާށޭވެސް (ފަތްކޮޅު) ލިޔުނީ، އަޅުގަނޑު ކިޔައިދިނީމާ އިބްރާހީމްދީދީ ކަމަށޭ ހަނދާންވަނީ.... އަޅުގަނޑަށްވެސް ފެންނަނީ ކުށެއްކަމަށޭ، ވަރަށް ދެރަކަމެކޭ، އެވަގުތަކު އެކަމަކު ހިތަކަށް ނާރައޭ"....

ހެންވޭރުގަނޑުވަރު ބަޣާވާތުގެ ތަޙްޤީޤު ކުރިޔަށް ދިޔައެވެ. 2 އޮކްޓޯބަރ 1934 ދުވަހުގެ ހަވީރު 4 ޖަހަން ގާތްވެފައިވަނިކޮށް، ސިފައިންގެ ބެލުމުގެދަށުން، ހެންވޭރުގަނޑުވަރު އަރިހުބޭކަލުންގެ ތިންމީހުން ބަނޑޭރިގެއަށް ގެނެވިއްޖެއެވެ. އެތިންމީހުންގެ ފަހަތުން "އަރުވާޖަހައިގެން" އަރިހުބޭކަލުންގެ ތެރެއިން އެހެންމީހުން އައިސް ބަނޑޭރިގެއަށް ވަދެގެންފިއެވެ.

އެވަގުތު، އެއްވެފައިވާ ޢާއްމުންނާއި، އަރިހުބޭކަލުންނާ ދެމެދު ކުރިމަތިލުން ހިނގާ ގޮތްވެއްޖެއެވެ. ކަންތައް އެންމެ ހޫނުވި ހިސާބުން ރަދުންނާއި ޙަސަންޢިއްޒުއްދީން މަނިއްޕުޅު، ބަނޑޭރިގޭ ތެރެއަށް ވެދެވަޑައިގެންފިއެވެ. ޙަސަންޢިއްޒުއްދީން މަނިއްޕުޅުގެ ގަދަފަދަ އަޑުފުޅުން، ތަޙްޤީޤު ކޮމިޓީ މެމްބަރުންގެ އަރިހު އެދިވަޑައިގަތީ، އަރިހު ބޭކަލުން ހައްޔަރު ކުރައްވަނީނަމަ، އޭނާވެސް ހައްޔަރު ކުރެއްވުމަށެވެ.... ރަދުން ހުންނެވީ، ދަރިކަލުންގެ ފަހަތްޕުޅުގައެވެ. ތަޙްޤީޤު ކޮމިޓީ މެމްބަރުންނާއި ސަރުކާރުގެ ބޮޑުން ހިއްމަތާއެކު މަސައްކަތްކުރެއްވީ އެދެބަފައިކަލުންނަށް ނަޞޭޙަތް ދެއްވައި "ގަނޑުވަރަށް ފޮނުއްވެވޭތޯ" އެވެ.

ނަމަވެސް، ކުޑައިރުކޮޅަކަށްފަހު، ރަދުންނާއި މަނިއްޕުޅު، ބަނޑޭރިގެއާ ދިމާ މަގުމައްޗަށް ނުކުމެވަޑައިގެން، އެއްވެފައިވާ ޢާއްމުންގެތެރެއަށް ވެދެވަޑައިގެން ކުރިމަތިލައްވައިފިއެވެ. "ޙަސަން ޢިއްޒުއްދީންގެ ގަދައަޑުފުޅުން ހަޅޭއްފުޅުލައްވަނީ "މިއަދު ތިމަންނާމެން ދެބަފައިން އޮޑިއަށް އަރާނޫއެވެ. ނުވަތަ ދެފަރީދާއި އަމީނު ވާނީ އޮޑިއަށް އަރާށެވެ!" މިހެން ވިދާޅުވެފައެވެ."

"ދައުލަތުގެ ކުރިޔަށް ތިއްބެވި ބައެއްބޭފުޅުންނާއި ސިފައިންގެބަޔަކު، އެދެބަފައިކަލުން ވައްކޮށްލައިގެން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރެއެވެ."

"ކުޑައިރުކޮޅަކަށްފަހު، ޙަސަންޢިއްޒުއްދީން މަނިއްޕުޅު ރައްޔިތުންނާ ވަރުގަދަ ސުވާލެއް، އަޑުފުޅުގެ ކޮޅަށް ފައްޓަވައި ގެންފިއެވެ. ސުވާލަކީ "ކަލޭމެންބޭނުމީ ދެފަރީދާއި އަމީނުހެއްޔެވެ؟ ނުވަތަ ތިމަންމެން ދެބަފައިން ހެއްޔެވެ؟ "މިއެވެ. ރައްޔިތުންގެ ތެރޭން، ދޮންމަނިކުގެ ޢަބްދުﷲ ދީދީ ޖަވާބުގައި ގޮވައިލެއްވީ" އަޅުގަނޑުމެން ބޭނުމީ ރާއްޖޭގެ ޤާނޫނުއަސާސީ" އެވެ. މާނައަކީ، ޤާނޫނީ ސަރުކާރެވެ. މިބަހަށް އެއްވެފައިވާ މީސްތަކުން "އާދޭހޭ" ގޮވައިގެންފިއެވެ. ގިނައިރުތަކެއް ނުވެ، ބަނޑޭރިގޭގެ އެންގެވުމަށް، ރަދުންގެ ދެބަފައިންކަލުން، ހެންވޭރު ގަނޑުވަރަށް ގެންގޮސް ބަންދު ކުރައްވައިފިއެވެ.

އެރޭ (2 އޮކްޓޯބަރ 1934 ދުވަހުގެރޭ) 8 ޖެހިއިރު، މަތިގޭގައި، ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ޖަލްސާއެއް ބޭއްވުނެވެ. ޖަލްސާގެ "އިއްތިފާޤުން ފާސްވީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރަދުން ރަސްކަމުން ޢަޒުލް ކުޅައުން ލާޒިމު ވެއްޖެކަމަށެވެ."

"އެރޭ ދަންބެރުޖެހިއިރު" ޝަމްސުއްދީން ރަދުން ރަސްކަމުން ޢަޒުލްކުރެވިއްޖެއެވެ. އަދި، ވަގުތީގޮތުން ރަސްކަންހިންގުމާ ޙަވާލުވެ، ވަޒީރުން ހުވާކުރައްވައިފިއެވެ. ޝަމްސުއްދީން ރަދުން ރަސްކަންކުރެއްވީ 32 އަހަރާއި 6 މަހާއި 11 ދުވަހުއެވެ.

ޝަމްސުއްދީންގެ ދެބަފައިކަލުން 2 އޮކްޓޯބަރުގައި ވަނީ، ހެންވޭރުގަނޑުވަރުގައި ބަންދުކުރެވިފައެވެ. ރަދުންގެ ޢާއިލާ، ބޮޑުގަނޑުވަރުން ބޭރުކުރެވުނީ، އެދުވަހުގެ ރޭއެވެ. ދެބަފައިކަލުންގެ މައްޗަށް ސަރިއަތް ކުރެވުނީ 26 ޖުމާދުލްއާޚިރު 1353 (4 އޮކްޓޯބަރ 1934) ގައެވެ. އެދުވަހު، އެދެބަފައިކަލުންގެ އިތުރަށް 30 މީހަކަށް ޢުޤޫބާތް ކަނޑައެޅުނެވެ. އެދެބަފައިކަލުންނަށް ޙުކުމްކުރެވުނީ، އުމުރަށް އަރުވާލުމަށެވެ. ޙުކުމްކުރެއްވީ، އުއްތަމަ ފަނޑިޔާރު ބޮޑުފެންވަޅުގޭ ސީދީއެވެ.

ޝަމްސުއްދީން ރަދުންގެ ދެބަފައިކަލުން އަރުވާލީ ފުވައްމުލަކަށެވެ. ފުވައްމުލަކުގައި ގަނޑުވަރު ތައްޔާރު ކުރެވެންދެން ތިއްބެވީ، ހެންވޭރު ގަނޑުވަރުގައި ބަންދުގައެވެ. އަރުވާލުމަށްޓަކައި ރަސްމީ އޮޑިކޮޅުގައި ދެބަފައިކަލުން މާލޭން ފުރުވައިލެވުނީ، އެއްއަހަރާ އަށްމަސް ވިފަހުން 1 ރަބީޢުލްއައްވަލު 1355 (21 މެއި 1936) ގައެވެ. އެދުވަހަށްފަހު، ހެންވޭރު ގަނޑުވަރު ހުސްވީއެވެ. ޙަސަން ޢިއްޒުއްދީން މަނިއްޕުޅު، ހެންވޭރުގަނޑުވަރުގައި ދިރިއުޅުއްވަން ފެއްޓެވިފަހުން 16 އަހަރާ 8 މަހަށްފަހުގައެވެ. އެއަށްފަހު، 43 އަހަރާ 9 މަހާ 10 ދުވަހަށްފަހު، އެގޭގައި ފުރަތަމަ ދިރިއުޅުއްވީ ރައީސް މައުމޫނެވެ. ރަދުންގެ ދެބަފައިކަލުން އަރުވާލުމާއެކު، ދެބަފައިކަލުންގެ ދެޢާއިލާ، ހެންވޭރު ގަނޑުވަރުން ބޭރުކުރެވުނެވެ. އަދި ހެންވޭރު ގަނޑުވަރު، ސަރުކާރަށް ނެގިއެވެ.

ހެންވޭރުގަނޑުވަރު ބަޣާވާތުގައި އަރުވާލި ގުޅީ ޢީސާކަލޭފާނުގެ މުޅިމުދާ ސަރުކާރަށް ނެގިއެވެ. އަދި، ގަލޮޅުގޭ އިބްރާހީމްދީދީގެ މުޅި މުދާވެސް ސަރުކާރަށް ނެގިއެވެ.

ގުޅީޢީސާކަލޭފާނުގެ، ފުރާދުއްވާ ދެއޮޑިއާއި، ބާޒާރު 4 ފިހާރައާއި، އޭގެ މުދަލާއި، މާލޭން 11 ގެ (ބޮޑެތި ގޯއްޗާއެކު) ސަރުކާރަށް ނެގިއެވެ. ގަލޮޅުގޭ އިބްރާހީމްދީދީގެ ދެގޯއްޗާއި، ޢިމާރާތްތަކާއި، ބުލޫބޭކަރީ (ފާރޮށިގެ) އާއި، ބާޒާރުފިހާރަތަކާއި، ކޮޅުނބު އޮޑިފަހަރާއި، މަސްދޯނި ފަހަރާއި، ނާލުބައްތެލި ފަދަ މުދާ ސަރުކާރަށް ނެގިއެވެ.

ޙަސަންޢިއްޒުއްދީން މަނިއްޕުޅު އަވަހާރަވީ، އަރުވާލިތާ 4 އަހަރު ވީފަހުން 22 ޝަޢުބާން 1359 (25 ސެޕްޓެމްބަރ 1940) ގައެވެ.

ޙަސަންޢިއްޒުއްދީން މަނިއްޕުޅު އަވަހާރަވީ، ބަނޑުފުޅުގެ އާލާސްކަންފުޅެއްގައި، ވަރަށް ޙާލުކޮޅުގައި އުޅުއްވައިފައެވެ. ބުނެވޭގޮތުގައި، އެމަނިއްޕުޅު ފުވައްމުލަކުން، މީހެއްގެ އަނންބަކާ ހިތްޕުޅާ ހަމަކުރެއްވުމާގުޅިގެން، ފިރިމީހާ ހެދި ސިޙުރެއް، އެމަނިއްޕުޅަށް ޖެހިވަޑައިގެން، ބަނޑުފުޅު ވަރަށް ބޮޑުވުމަށްފަހު، ކުޑަކަމުނުދެވި، އެއާލާސްކަންފުޅުގައި އަވަހާރަވީއެވެ. މަނިއްޕުޅު، ފުވައްމުލަކުގައި ހުންނެވިއިރު، މީހުންގާތު ވިދާޅުވާ ކަމަށްވަނީ "އަހަރެންގެ އަތްބުނާ ގޮތުންވިއްޔާ، ރާއްޖޭގެ ރަސްކަންކުރާނެއެވެ." ނަމަވެސް، އަވަހާރަވީ ފުވައްމުލަކުގައެވެ.

މަނިއްޕުޅު އަވަހާރަވުމުން، ޝަމްސުއްދީން ރަދުންނަށް ހިތާމައިގެ އާލާސްކަންފުޅު ޖެހިވަޑައިގެންފިއެވެ. އެހެންވެ، ސަރުކާރުން، ޝަމްސުއްދީން، މާލެއަތޮޅު ވިލިގިއްޔަށް ބަދަލުކުރެއްވިއެވެ. ވިލިގިލީގައި ހުންނަވަނިކޮށް، އާލާސްކަންފުޅު މާބޮޑުވުމުގެ ސަބަބުން، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އެންގެވުމަށް، މާލެއަށް، މެދުގޮމަފުޅު އަރިހަށް މޫނިމާގެއަށް ބަދަލުކުރެވުނެވެ. ދައުލަތަށް ޚިޔާނާތް ނުވުމަށް ހުވާކުރުވައިފައެވެ. އެއީ، 17 ޝަޢުބާން 1365 (17 ޖުލައި 1946) ގައެވެ. އެގޭގައި އޮންނަވައި ރަދުން އަވަހާރަވީ 24 ރަޖަބު 1366 (14 ޖޫން 1947) ގައެވެ. މާލެއަށް ބަދަލުކުރެވުނުތާ 11 މަސްފަހުންނެވެ. ޙަސަންޢިއްޒުއްދީން އަވަހާރަވިތާ 7 އަހަރު ފުރޭންވެފައިވަނިކޮށެވެ.

ރަދުންގެ ދެބަފައިކަލުން އަރުވާލުމާއެކު، ހެންވޭރު ގަނޑުވަރަކީ، ސަރުކާރުގެ ގެއަކަށް ވެއްޖެއެވެ. އެގޭ "ބޮޑުކޮޓަރި" އަކީ، ވަޒީރުންގެ މަޖިލީހާއި، ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ކުރާ ހޯލެވެ. އެހެންކޮޓަރިތައް ބޭނުންކުރީ ގުދަނަކަށެވެ.

އެދުވަސްވަރު، ޙަސަންފަރީދު ދީދީގެ ވެރިކަމުގައި، ގަނޑުވަރުތަކުގެ ނަން ގޭގެ ނަމަށް ބަދަލުކުރިއިރު، ހެންވޭރު ގަނޑުވަރުގެ ނަން "މުލީއާގެ" އަށް ބަދަލުކުރިއެވެ. އެއަށްފަހު، ޙަސަންފަރީދު ގަސްތުކުރެއްވީ، ދައުލަތް ހިންގާ މަރުކަޒަކީ މުލީއާގެ ކަމުގައި ހެދުމަށެވެ.

ވުޒާރަތުއްދާޚިލިއްޔާ އާއި، ވުޒާރަތުލް މާލިއްޔާ، މުލީއާގެއަށް ބަދަލުކޮށް، ސަރުކާރުގެ އިސްމަރުކަޒަކީ މުލީއާގެކަމަށް ހަމަޖެހުނީ މުޙައްމަދު އަމީނަށް ވެރިކަން ލިބުނުފަހުން 1 މުޙައްރަމް 1361 (19 ޖަނަވަރީ 1942) ގައެވެ.

މުޙައްމަދު އަމީންގެ ވެރިކަމުގައި، ޤައުމީ ސަލާމުގެ ޅެން ހެދުމަށް، މުޙައްމަދު ޖަމީލްދީދީޔާ ހަވާލުކުރެއްވިއިރު، މުޙައްމަދު އަމީން އަންގަވާފައިވަނީ، މުލީއާގޭގައި ހުންނަ ވަޒީރުއްދާޚިލިއްޔާގެ އޮފީސް ކޮޓަރީގައިވާ ބޮޑުގަޑިން ޖަހާ ލަވައިގެ ރާގަށް ޤައުމީ ސަލާމުގެ ޅެން ހެދުމަށެވެ. ފުރަތަމައަށް ޤައުމީސަލާމު ކިޔަނީ އެރާގަށެވެ.

މުލީއާގެއަކީ، ރާއްޖޭގައިވާ އެންމެ މަޝްހޫރު އަދި، އެންމެ ތާރީޚީ ގެއެވެ. އެންމެ ރީތި އެންމެ އަގުހުރި ގެއެވެ.

• ސަރުކާރު އޮފީސްތަކުގައި ދިވެހި ދިދަ ނަގާން ފެށުމުގެގޮތުން ފުރަތަމަ ދިދަނެގީ މުލީއާގޭ ގައެވެ. 6 އޯގަސްޓް 1945 ގައެވެ.

• ރާއްޖޭގައި ފުރަތަމަ "ރޭޑިޔޯ ސެޓެއް" ބެހެއްޓީ މުލީއާގޭ ގައެވެ. އެއީ، ޤާނޫނުއަސާސީ އުފެއްދުމުގެ ލަފާދޭންއައި، ސަރ ބޯޑިލޯން، ޝަމްސުއްދީން ރަދުންނަށް ހަދިޔާކުރެއްވި ރޭޑިޔޯ ސެޓެކެވެެ. އޭގެފަހުން، ދެވަނަ ބޮޑުހަނގުރާމަ ފެށުމާއެކު، ދައުލަތުގެ ފަރާތުން ބޭރު ޚަބަރު ހޯދުމަށްޓަކައި، "މާކޯނީ" ރޭޑިޔޯ ދެސެޓް މުލީއާގެގައި ބެހެއްޓިއެވެ.

• ވަލީކޮމިޓީއާއި، ދައުލަތް ހިންގާ މަޖިލިސްގެ ޖަލްސާތައް ކުރީ، މުލީއާގޭ ގައެވެ. ދައުލަތް ހިންގުމުގެ މައިމަރުކަޒަކީ މުލީއާގެއެވެ.

• ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، ރަސްކަމަށް އިންތިޚާބުކުރި، ޚާއްޞަ މަޖިލީހުގެ ޖަލްސާ 11 އޭޕްރީލް 1943 ގައި އޮތީ މުލީއާގޭ ގައެވެ.

• އީސްޓްއިންޑީޒްގެ މަނަވަރުތަކުގެވެރި އެޑްމިރަލް މާލެވަޑައިގެން 10 ނޮވެމްބަރ 1944 ގައި ރަސްމީ އިޙްތިފާލު ބޭއްވީ، މުލީއާގޭ ގައެވެ.

• 1367ހ. ވަނައަހަރު، މުލަނަކަތުން ފުރަތަމަ ދުވަހު "ބަޑިހެލުމުގެ ބަދަލުގައި" ޞަލަވާތް ކިޔެވީ މުލީއާގޭ ގައެވެ. އޭގެ ކުރީން އޮންނަނީ އިރުވައިމޫސުމަށް "ބަޑިހެލުމެވެ."

• އެދުވަސްވަރު، ރަޖަބުމަހު 6 ވާދުވަހު، ނާއިބުކަމާ ހިނގަން ނުކުންނަނީ، މުލީއާގެއިންނެވެ.

• ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާނު ކުރުމުގެގޮތުން، ކޮލިލުމަށްޓަކައި ކޮލިކަލޭފާނު ނުކުތީ، އަދި، ޖުމްހޫރިއްޔާގެ ރަސްމީ އެންގުން އެންގުމަށް ކޮމިޓީ މެމްބަރުން ނުކުތީވެސް މުލީއާގޭންނެވެ.

• މުޙައްމަދު އަމީން، ވެރިކަން ކުރެއްވި ހުރިހާދުވަހަކު، ރަސްމީ ގެއަކީ އަދި ދައުލަތުގެ މައިމަރުކަޒަކީ، ފުރަތަމަ ޖުމްހޫރިއްޔާގެ "ދާރުއްރިޔާސާ" އަކީ މުލީއާގެއެވެ.

• ޖުމްހޫރީ ދަރުބާރަށް ވަޑައިގަތް، ބޭރުގެ ޢިއްޒަތްތެރީންނާއި، ރާއްޖޭގެ ވަފުދުތަކާ، ރައީސް މުޙައްމަދު އަމީން ބައްދަލު ކުރެއްވީ މުލީއާގޭ ގައެވެ.

• 100 އަހަރަށް، އައްޑޫގަން ކުއްޔަށް ދިނުމަށްޓަކައި، ފާމުލަދޭރި ކިލެގެފާނު، އެގްރިމެންޓުގައި ސޮއިކުރުމުގެ ވަޒީރުންގެ މަޖިލިސްގެ ޖަލްސާ ބޭއްވީ މުލީއާގޭ ގައެވެ.

• މުލީއާގޭ ބިންގާ އެޅީވެސް، ހުޅުވީވެސް، މަޝްހޫރު ސައްޔިދު ކިލެގެފާނުގެ އިރުވަރުގައެވެ. ސައްޔިދު ކިލެގެފާނު ވިދާޅުވި ކަމަށްވަނީ "މިގެއަކުން ވެރިކަމެއް ނުނެގޭނެ" ކަމުގައެވެ.
(ނިމުނީ)



No comments:

Post a Comment