Thursday, November 19, 2009

އެއްޖިންސުގެ ގުޅުން ހުއްދަކުރުމަށް އެދި މިނިވަން ނޫހަށް ކިޔުންތެރިޔަކު ފޮނުވި ސިޓީ

އެޑިޓަރަށް:

އަޅުގަނޑުމެން ގަބޫލްކުރަން ބޭނުންވިޔަސް ނުވިޔަސް، ދިވެހި ރާއްޖޭގައިވެސް އެއްޖިންސީ އެދުންވެރިކަން ހުންނަ ވަރަށް  ގިނަ  މީހުން އެބައުޅެއެވެ. އެއްޖިންސީ އެދުންވެރިކަމަކީ އިޚްތިޔާރުގައި ވާކަމެއް ނޫނެވެ. އެއީ އުފަންވާއިރުވެސް އެމީހަކަށް ލިބިފައިވާ ކަމެކެވެ. ކޮންމެ މީހަކަށްވެސް އެއްޖިންސީ އެދުން ހުންނަ ދަރިއެއް ލިބުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް އެފަދަ ކުދިންވަނީ އާއިލާގެ ލަދުވެތިކަމަކަށެވެ. އަދި އެކުދިންގެ އެދުންތައް ސިއްރުކުރަން އެކުދިންނަށް މަޖުބޫރުވެއެވެ. އަކަމަކު އަޅުގަނޑުމެން ވިސްނަންވީކަމަކީ؛ މިފަދައިން އަމަލުކުރުމުން އަޅުގަނޑުމެންނަށް އޭނާގެ ހައްގުތައް، ނޭނގި ނަމަވެސް އަޅުގަނޑުމެންނަށް ނިގުޅައިގަނެވޭ ކަމެވެ. އޭނާ މިނިވަންކަމާއެކު ދިރިއުޅުމުގެ އަސާސީ ހައްގާ، އާއިލާއާއި މުޖުތަމައު އޭނާ ގަބޫލްކޮށް ބަލައިގަތުމާއި، އޭނާގެ ބައިވެރިއެއް އިޚްތިޔާރުކުރުމެ ހައްގާ، ލޯބިވުމުގެ ހައްގު އަޅުގަނޑުމެންނަށް ނަގާލެވެއެވެ.

އަޅުގަނޑަށް ހީވާ ގޮތުން އެއްޖިންސީއެދުން ހުންނަ މީހުންގެ ހައްގުތަކާ މެދު ދިވެހި ސަރުކާރުން ވިސްނަން ޖެހޭ ވަގުތު އައިސްފިއެވެ. އަޅާނުލާތިބުމަކުން މިފަދަ މީހުން ގެއްލިގެން ނުދާނެއެވެ. އަދި އިދިކޮޅު ޖިންސަށް އެދުންވެރިވާ ބަޔަކަށް ބަދަލެއްވެސް ނުވާނެއްއެވެ. މިއީ އެމީހުން އުފަންވި ގޮތެވެ. އަދި އެމީހުން ތިބޭނެވެސް ގޮތެވެ. އަދި އަބަދުވެސް މިދިވެހި ބިމަށް އެފަދަ ކުދިން އުފަންވާނެއެވެ.

 (ސިގްމަންޑް ފްރޮއިޑް ވިދާޅުވަނީ:) "އެއްޖިންސީ އެދުންވެރިކަމަކީ ގެއްލުންހުރި ކަމެއް ނޫނެވެ. އަދި ލަދުގަންނަން ޖެހޭ ކަމެއްވެސް ނޫނެވެ. އެއީ ނުބައިކަމެއް ނޫނެވެ. ދެރަކަމެއް ނޫނެވެ. އަދި ބައްޔެއްވެސް ނޫނެވެ. އެއީ ޖިންސީ އެދުން ތަރައްގީވުން ހުއްޓުމުގެ ސަބަބުން އުފެދޭ ކަމެކެވެ. އިހުޒަމާނާއި މިޒަމާނުގެވެސް ވަރަށް ގިން ގަދަރުވެރި ބޭފުޅުންނަކީ އެއްޖިންސީ އެދުން ހުރި ބޭފުޅުންނެވެ. (ޕްލޭޓޯ، މައިކަލްއެންޖެލޯ، ލިއޮނާޑޯ ޑާވިންޗީ؛ އެލެކްޒެންޑާ ދަ ގްރޭޓް..) މިކަން ކުށަކަށް ހެދުމަކީ ބޭއިންސާފެކެވެ. އަދި އަނިޔާވެރިކަމެކެވެ."


އެއްޖިންސީ އެދުންވެރިކަމަކީ ބައްޔެއް ނޫންކަމަށް ޒަމާނީ ބޭސްވެރިކަމުގެ ހޯދުންތައްވަނީ ސާބިތުކޮށްދީފައެވެ. އެފަދަ މީހެއްގެ ގައިން އެކަން ފޮހެނުލެވޭނެއެވެ. އެއީ ބަދަލުނުވާ ދާއިމީ ހާލެތެކެވެ. އަދި އިވޯލްވުމުގައި އުފެދުނު ޖެނެޓިކް ކަމެއް ކަމަށް ބޮޑަށް ލަފާކުރެވެއެވެ. ވީމާ، މީހެއްގެ ނަފްސުގައި ފިތުރަތުގެ ގޮތުން އުފެދިފައިވާ ކަމަކަށް އަދަބު ދެވޭނީ ކިހިނަކުން ހެއްޔެވެ؟

ދެޖިންސުގެ ދެ މީހުން އެމީހުންގެ ޖިންސީ އެދުން މިނިވަންކަމާއެކު އެކުގައި ފުއްދޭނަމަ، އެއްޖިންސުގެ ދެމީހުންނަށް މިކަން ނުކުރެވެނީ ކީއްވެބާ؟ ބައެއް ބޭފުޅުން ވިދާޅުވޭ، އެއްޖިންސީ އެދުންވެރިކަމަކީ އިންސާނީ ފިތުރަތާ ފުށުއަރާ ކަމެކޭ. ނަމަވެސް، އިންސާނީ ފިތުރަތަކީ ކޮބައިތޯ؟ އިންސާނުން އުފެދުނީއްސުރެ، އެއްޖިންސީ އެދުންހުންނަ މީހުން އުޅެއެވެ. ތަފާތަކީ ކުރީގައި އެކަންތައް މިހާރަށްވުރެ ވަންހަނާވެފައިވާ ކަމެވެ. ވީމާ ފިތުރަތާ ފުށޫއަރައޭ ކިހިނެއްތޯ ދެންނެވޭނީ.؟ އަބަދުވެސް އެމީހުންނަށް މަޖުބޫރުވެފައިވަނީ އެމީހުންގެ އެދުންވެރިކަން ސިއްރުކޮށްގެން އުޅުމަށެވެ. (އެކި ސަބަބުތަކަށްޓަކައި)ބިރުން ފޮރުވައިގެން އުޅުމަށެވެ.

2003 ވަނަ އަހަރު ބްރެޒިލްއިން ވަނީ "އިންސާނީ ހައްގާއި އެއްޖިންސީ އެދުންވެރިކަން" މިނަމުގައި ޔޫއޭން ޑްރާފްޓް ރިސޮލިޔުޝަނެއް ތައާރަފްކޮށްފައެވެ. މީގައި އެއްޖިންސީ އެދުން ހުންނަ މީހުންނަށް އެމީހުންގެ ހައްގުތައް ދިނުމަށް ގޮވާލާފައިވެއެވެ. އަދި ކޮންމެ ޖިންސީ އެދުންވެރިކަމެއްގެ މީހެއް ކަމުގައި ވިޔަސް؛ އެމީހެއްގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ހުރިހާ ގައުމުތަކަށް ގޮވާލާފައިވެސް ވެއެވެ. ޔޫއެންގެ ރިސޮލިއުޝަންތަކާ ޗާޓަރާ އެކޯޑުތަކަށް ތަބާވުމުގައި ރާއްޖޭގެ ރެކޯޑު ރަނގަޅެވެ. ވީމާ މި ރިސޮލިއުޝަނަށް ތަބާވުމަށް ދިވެހި ރާއްޖެއިން ފަސްޖެހެނީ ކީއްވެ ހެއްޔެވެ؟

އެއްޖިންސީ އެދުން ހުންނަ މީހުން ބަލައިގަންނަން ދިވެހިރާއްޖެއިން ޖެހިލުންވާ އަނެއް ސަބަބަކީ ދީނެވެ. ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވީތީ، ރާއްޖެއިން ދެކެނީ އެކަން ހުއްދަކޮށް އެމީހުންނަށް ހައްގުދިނުމަކީ ދީނާ ދެކޮޅު ކަމެއް ކަމަށެވެ. އިންޓަނޭޝަނަލް ލެޒްބިއަން އެންޑް ގޭ އެސޯސިއޭޝަނުން ބުނާ ގޮތުގައި، އެއްޖިންސީ ގުޅުން ހިންގާމީހުނަށް މަރުގެ އަދަބުދޭ 7 މުސްލިމު ގައުމު އެންމެ މަދުވެގެން ވެސް ވެއެވެ. ދިވެހިރާއްޖެވެސް މިކަމަށް ހަރުކަށި އަދަބު ދެއެވެ. އެގޮތުން ދިގު މުއްދަތަކަށް ޖަލަށް ލުމާ އަނިޔާކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން މުޖްތަމައު ގެ ފަރާތުން ތަހައްމަލުކުރަން ޖެހޭ ބަދުބަހާ މަލާމާތްވެސް ފާހަގަކޮށްލެވެއެވެ.

އެއްޖިންސުގެ ގުޅުން ހުއްދަކޮށްފައިވާ މުސްލިމު ގައުމު ތިބިކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެއީ އިރާގު، އުރުދުން؛ ތުރުކުމެނިސްތާން؛ އަލްބޭނިއާ؛ އުޒްބެކިސްތާން؛ ފަލަސްތީން؛ އިންޑޮނޭޝިއާ؛ އަރމީނިއާ؛ އާޒަރުބައިޖާން؛ ބޮސްނިޔާ ހޭޒަގޮވީނާ؛ ތުރުކީ؛ ކޮސޯވޯ؛ ސައިޕްރަސް؛ ޗާދު؛ ނައިޖީރިއާ؛ ކަޒަކަސްތާން؛ ކިރިގިސްތާން؛ އަދި ތަޖިކިސްތާނެވެ.

އެއްޖިންސުގެ އެދުން ހުންނަ މީހުންގެ ހައްގުތަކަކީ ކޮބައިކަން ދެނެގަންނަންޖެހޭ ވަގުތު އައިސްޖެހިއްޖެއެވެ. ސަބަބަކީ މިކަމަކީ (ގުދުރަތުގައި) އާއްމުކަމެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެމީހުން ވެއެވެ. މުއްސަނދި އަދި ފަގީރު ގައުމުތަކުގައެވެ. މުސްލިމުން، ކްރިސްޓިއަނުން ޔަހޫދީން އަދި ހިންދޫއިންގެ ތެރޭގައެވެ. ދޮންމީހުނާއި ކަޅުމީހުންގެ ތެރޭގައެވެ. މަތިފަންތީގަ އާއި ދަށުފަންތީގެ މީހުންގެ ތެރޭގައެވެ. ޑޮކްޓަރުން ނަރުހުން ސަރުކާރު މުވައްޒަފުން، އިންޖިނިޔަރުން، ލަވަކިޔުންތެރިން، އަދި ސިޔާސީ ދާއިރާގެ ބޭފުޅުންގެ ތެރޭގަވެ. ދިވެހިންގެ ތެރޭގައިވާ މިފަދަ މީހުންނަކީވެސް މުސްލިމުންނަށްވީތީ އަދި ދިވެހިންނަށްވީތީ ފަޚުރުވެރިވާ މީހުންނެވެ. އަދި އަބަދުވެސް ފަޚުރުވެރިވާނެ މީހުންނެވެ.. ވީމާ ވިސްނާލަބައްލަވާށެވެ!

ނަން ހާމަކުރަން ބޭނުން ނުވާ ފަރާތެއް))

No comments:

Post a Comment