Monday, September 21, 2009

އެއްޖިންސީ އެދުންވެރިކަން ހުންނަ މީހުން މެރުމަށް ގޮވާލާ ހދީސްގެ ސައްހަކަން

އެއް ޖިންސީ އެދުންވެރިކަން ހުންނަ މީހަކަށް އިސްލާމްދީނުގައި އަދަބެއް ނުވެއެވެ. އަދި ގުރުއާނުގައި އެއްޖިންސުގެ ގުޅުން ހިންގާ މީހަކަށް ހާއްސަ ހައްދުގެ އަދަބެއް ކަނޑައެޅިފައެއް ނުވެއެވެ. ހަމަ އެފަދައިން ރަސޫލާގެ ހަޔާތުގައި ވެސް މިއަމަލަށް މީހަކަށް އަދަބު ދީފައެއް ނުވެއެވެ. އަދި މިކަމަށް އަދަބު ދިނުމަށް ގޮވާލާފައިވާ ހަދީސްތަކަކީ ސައްހަ ހަދީސްތަކެއް ނޫން ކަމަށް ބައެއް އިލްމުވެރިން ދެކެއެވެ. އެމެރިކާގެ ޓެކްސަސްގެ ލުބޮކް ގައި ހުންނަ ސައުތު ޕްލެއިންސް އިސްލާމީ މަރުކަޒުގެ ޑައިރެކްޓާ، ޝެއިޚު މުހައްމަދު އަލް މުގްތާރު އަލް ޝިންގީތީ މިކަން އތުރަށް ބަޔާންކޮށް ދިން ފަތުވާގެ ބައެއް ތިރީގައި ލިޔެލާނަމެވެ.

އެއްޖިންސީ ގުޅުން ހިންގާ މީހަކު މެރުމަށް ނުވަތަ ރަޖަމްކުރުމަށް ގޮވާލާ ދީނީ އިލްމުވެރިން އެމީހުންގެ ރައުޔު ބިނާ ކުރަނީ ދެ ޟައީފް ހަދީސްގެ މައްޗަށެވެ.

1- އަބްދުއްލާ ބިން އައްބާސް ރިވާކުރިއެވެ. ސަލާމާތް ސަލަވާތްލެއްވި ރަސޫލާ ހަދީސް ކުރިއެވެ. "ލޫތު ބާގައިގެ އަމަލު ކުރާ ބަޔަކު ފެނިއްޖެނަމަ، އެކަން ކުރާމީހާއާއި ކުރެވޭ މީހާ ގަތުލު ކުރާށެވެ."
މި ހަދީސް ސައްހަ ކަމަށް ބުނި ބައެއް އިލްމުވެރިން: އިމާމް އަހުމަދު، އިމާމު އަބޫ ދާއޫދު، އިމާމު އައްތިރުމީޒީ.
މި ހަދީސް ސައްހަ ނޫން ކަމަށް ބުނި ބައެއް އިލްމުވެރިން: އަލް ބުޚާރީ، ޔަހްޔާބިން މާއިން، އައްނަސާއީ، އިބުނު ހަޒަމް

2- އަބޫ ހުރައިރާ ރިވާކުރިއެވެ. ސަލާމާތް ސަލަވާތްލެއްވި ރަސޫލާ ހަދީސް ކުރިއެވެ. "ކުރާމީހާއާއި ކުރެވޭ މީހާ ރަޖަމް ކުރާށެވެ."
މި ހަދީސް ސައްހަ ކަމަށް ބުނި ބައެއް އިލްމުވެރިން: އިބުނު މާޖާ، އަބޫ ޔައުލާ، އަލް ހާކިމް
މި ހަދީސް ސައްހަ ނޫން ކަމަށް ބުނި ބައެއް އިލްމުވެރިން: އައް ތިރުމީޒީ، އިބުނު ހަޒަމް
ގާޒީ އަބޫބަކުރު އަލް ޖައްސާސް އޭނާގެ ފޮތް 'އަހްކާމުލް ގުރުއާނު'ގައި މި ހަދީސް އާމެދު ބުނަނީ ، މި ހަދީސް ރިވާކުރި މީހުންގެ ތެރެއިން ދެ މީހުންގެ ރިވާ "އެއްގޮތަކަށްވެސް ގަބޫލު ނުކުރެވޭނެ ކަމަށާއި، އެމީހުންގެ ރިވާއަށް ބިނާކޮށް ޝަރުއީ އަދަބެއް ކަނޑައެއް ނޭޅޭނެ" ކަމަށެވެ.

ހަމަ މި މާނަ އެކުލެވޭ އިތުރު ހަދީސް ތަކެއް ވެސް ރިވާވެފައި އެބަހުއްޓެވެ. މީގެ ތެރޭގައި:
- ޖާބިރު ބިން އަބްދުއްލޯ ރިވާކުރިއެވެ:"ލޫތުބާގައިގެ އަމަލު ކުރާ މީހެއް ގަތުލު ކުރާށެވެ."
-އެހެން ރިވާއެއްގައި ވާ ގޮތުން، ފުރަގަސް ފަރާތުން ޖިންސީ ގުޅުން ހިންގާ މީހަކު ރަޖަމް ކުރުމަށް އަލީ ބިން އބީ ތޯލިބު ރައުޔު ވެއެވެ.
ނަމަވެސް ހަދީސް އިލްމުވެރިން ދެކޭ ގޮތުގައި މިފަދަ ހަދީސް ތަކަކީ ކުރިން ބުނެވުނު ދެ ހަދީސް އަށް ވުރެންވެސް ޟައިފް ހަދީސްތަކެކެވެ.

އަލް ހާފިޒް އިބުނު ހަޖަރު އޭނާގެ ފޮތް 'ފަތުހުލް ބާރީ'ގެ 'ހުދޫދު' އޭ ކިޔުނު ބާބުގައި މި ކަންތައް ހުލާސާކޮށް ބުނެފައިވެއެވެ. "އެކަން ކުރާ މީހާއާއި ކުރެވޭ މީހާ ރަޖަމް ކުރުމަށް ނުވަތަ މެރުމަށް ގޮވާލާ ހަދީސްތަކަކީ ޟައީފް ހަދީސްތަކެކެވެ".
ހަގީގަތަކީ، ހަދީސްގެ އެއްވެސް އިލްމުވެރިއެއް މި ދެ ހަދީސް ސައްހަ ކަމުގައި ބުނެފައި ނުވާކަމެވެ. ދެ މީހުން ފިޔަވައެވެ. އެއީ އިހުގެ އިލްމުވެރިންގެ ތެރެއިން އިބުނު ހިއްބާން އަދި ފަހުގެ އިލްމުވެރިންގެ ތެރެއިން އާލްއަލްބާނީ އެވެ. އިބްނު ހިއްބާން އިބުނު އައްބާސް ގެ ހަދީސް ސައްހަކުރިއެވެ. އަދި އާލްއަލްބާނީ އަބޫ ހުރައިރާގެ ހަދީސް ސައްހަ ކުރިއެވެ. ނަމަވެސް އެހެން އިލްމުވެރިއަކު ސައްހަ ނުކުރާ ހަދީސެއް އިބުނު ހިއްބާން އެކަނި ސައްހަކުރި ނަމަ އޭނާގެ އެ ރައުޔަށް އިތުބާރު ނުކުރެވޭނެ ކަމަށް ހަދީސް އިލްމުވެރިން ދެކެއެވެ. މީގެއިތުރުން ފުންނާބުއުސް އެހެން ހަދީސް އިލްމުވެރިން މި ހަދީސްތަކާމެދު ކުރި ޝައްކާ އަޅާ ބަލާއިރު އާލްއަލްބާނީގެ ރައުޔު މިކަމާ ދެކޮޅެއް ނުހެދޭނެއެވެ. މީގެ ތެރޭގައި އަލް ބުހާރީ، އިބުނު މާއިން އަދި އިބުނު ހަޖަރު މި ހަދީސްތަކާ މެދު ޝައްކު ކުރިއެވެ
Some words used:
Rivaa: narration
Ra'yu: opinion
Sahha: authentic
Rajam: to stone (someone)
Da'eef (lo-eef): weak
Source: Threat to Behead Homosexuals: Shari'a or Politics? at Islamonline.Net. Fatwa by Sheikh Mohamed El-Moctar El-Shinqiti, director of the Islamic Center of South Plains, Lubbock, Texas, US.

No comments:

Post a Comment